ގާނޫނުއަސާސީއަށް 18 އަހަރު: "ގާނޫނު ނެގެހެއްޓުމުގެ ސަގާފަތެއް ނެތް, ދިރުވަނީ ލަފާފުޅާއި އިރުޝާދު"

ގާނޫނުއަސާސީ --- ސަން ފޮޓޯ

ރާއްޖޭގައި ގާނޫނު ނެގެހެއްޓުމުގެ ސަގާފަތެއް ނެތް ކަމަށާއި އިސްމަގާމުތަކުގައި ތިއްބަވާ ބޭފުޅުން އަމަލު ކުރައްވަނީ އޭރަކު ހުންނަވާ ވެރިއަކު ވިދާޅުވި ގޮތަކަށް ކަމަށް ވިދާޅުވެ، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

އޭނާ މިކަން ފާހަގަކުރެއްވީ ދިވެހިރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ފެހި ގާނޫނުއަސާސީއަށް މިއަދު 18 އަހަރު ފުރުމާ ގުޅިގެންނެވެ. މީގެ 18 އަހަރު ކުރިން, ރައީސް މައުމޫން އަބްދުލްގައްޔޫމް, 7 އޮގަސްޓު 2008 ގައި ތަސްދީގުކުރި ގާނޫނުއަސާސީއަކީ އެތައް ރައްޔިތުންނެއް ބޮޑެތި ގުރުބާނީތަކަކާއި އަނިޔާތަކެއް ތަހައްމަލުކޮށްގެން ހޯދި އެއްޗެއް ނަމަވެސް، އޭގެ ހަގީގީ މަގުސަދު ހާސިލުނުވާ ކަމަށް ގިނަ ބަޔަކު ދެކެއެވެ.

މިހާރު އަމަލު ކުރަމުންދާ ގާނޫނު އަސާސީ ރައީސް މައުމޫން ތަސްދީގު ކުރައްވަނީ --- ފޮޓޯ: ހަވީރު

ނޮވެމްބަރު 2019 އިން ފެށިގެން މެއި 2025 އާ ހަމައަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ކުރެއްވި އަދި 2008 ގެ ގާނޫނުއަސާސީ ތަސްދީގުކުރުމުގެ ކުރިން އެ ދިރާސާކުރި ގާނޫނީ ޓީމުގައި ވެސް ހިމެނިވަޑައިގެންނެވި މަހާޒު ވިދާޅުވި ގޮތުގައި، ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް އަމަލުކުރަމުން ރާއްޖޭގައި ނުދެއެވެ.

މަހާޒު ވިދާޅުވި ގޮތުގައި، ރާއްޖޭގައި ދިރެމުން އަދި ދިރުވަމުން އަންނަނީ ލަފާފުޅާއި އިރުޝާދުގެ ދަށުން ކަންކަން ކުރުމުގެ ސަގާފަތެކެވެ. އަދި ސިޔާސީ ގޮތުން ޚިޔާލު ތަފާތުވުމުން ރައްޔިތުންނާ މެދު އިންތިހާއަށް ތަފާތުކުރުން ގެންގުޅޭ ކަމަށާއި، 2008 ގެ ފަހުން ވެސް ކަންކަން ހިނގަމުން އަންނަނީ އެ މަގުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

"އަސްލަކީ މީ. ތަފާތުކުރުން އިންތިހާ. ސިޔާސީ ގޮތުން ޚިޔާލު ތަފާތުވެއްޖެ ނަމަ ދިރިއުޅެން އުނދަގޫ އެބަކުރޭ. 2008 ގެ ފަހުން އޮތީ ހަމަ މިހެން،" މަހާޒު ވިދާޅުވިއެވެ.

ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރު މަހާޒް: އޭނާ ޓެކްސް ޓްރައިބިއުނަލަށް އައްޔަން ކުރުމަށް ރައީސް ނަން ފޮނުއްވި -- ފޮޓޯ/ ރައީސް އޮފީސް

މިއީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހަމަހަމަކަމާއި ތަފާތުނުކުރުމުގެ އަސާސާ ޚިލާފު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިސާލެއްގެ ގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކާއި ދައުލަތުގެ މުއައްސަސާތަކުގެ މުވައްޒަފުންނަށް އޮންނަ ވަޒީފާގެ ބިރުވެރިކަމަށް އަލިއަޅުވާލައްވައި، ފެނަކަ ކޯޕަރޭޝަނާއި އެހެންވެސް ބައެއް ކުންފުނިތަކުން މިސާލު އޭނާ ނެންގެވިއެވެ. މަހާޒު ވިދާޅުވި ގޮތުގައި، ހައްގަކާ ނުލައި އެފަދަ ތަންތަނުން މުވައްޒަފުން ވަކިކޮށް, މަގުމަތި ކުރާއިރު ގާނޫނުއަސާސީގެ ރައްކާތެރިކަން ނުލިބޭ ފަހަރު ގިނަ ކަމަށެވެ.

"ބަލާބަލަ ފެނަކަ، ކަހަލަ ބައެއް ތަންތަން. 20،000 ރުފިޔާއިން ފުއްދައިގެން މުޅި އާއިލާ ބަލަހައްޓާތާ 15 އަހަރު ފަހުން އެ ވަކިކޮށް މަގުމަތި ކޮށްލަނީ. 30 އަހަރު ވަންދެން އެމްއެންޑީއެފް އާއި ފުލުހުންގެ އިދާރާގައި މަސައްކަތް ކުރާ މީހުން ވެސް ހަމަ އެފަދަ," މިސާލެއްގެ ގޮތުން މަހާޒު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކަށް ފާޑުވިދާޅުވަމުން، މަޖިލީހުގައި ރައްޔިތުން ތަމްސީލުނުވާ ކަމަށް މަހާޒު ވިދާޅުވިއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މަޖިލީހުގައި ބަހުސްކުރުމަށް ވަގުތު ދެނީ ސިޔާސީ ޕާޓީތަކަށެވެ.

"ރައްޔިތުންގެ މަޖިލީހުގައި ރައްޔިތުން ތަމްސީލުނުވޭ. މިނެޓު ލިބެނީ ޕާޓީއަށް. އިންތިޚާބުކުރި ރައްޔިތުން ތަމްސީލުކުރަން ނުލިބޭ މިނެޓެއް މަޖިލީހުގައި. 24 ގަޑިއިރު އެ އޮތީ މަދަހަ ސަނާއާއި ދުޢާ މުޅި ގައުމުގައި. އެކަމަކު ފަސް އަހަރު ނިމޭއިރު އެންމެ ތައުރީފު ލިބޭ މީހާ ނުހޮވޭ،" މަހާޒު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދު އޮންނަ ގޮތުން، ބަހުސްގެ ވަގުތު ބެހިގެންދަނީ ޕާޓީތަކުން ތަމްސީލުކުރާ ގޮނޑީގެ ނިސްބަތުން ކަމަށްވާއިރު، މިއީ އާންމު ރައްޔިތުންގެ އަޑު މަޖިލީހަށް އިއްވުމަށް އޮތް ހުރަހެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. ޚާއްސަކޮށް ސުޕަމެޖޯރިޓީ އޮންނަ ޕާޓީތަކުން މަޖިލީހުގެ ވަގުތު ކޮންޓްރޯލްކުރާ ކަމުގެ ޝަކުވާ ބޮޑެވެ.

މީގެ އިތުރުން، ގައުމުގައި ވައްކަމާއި ކޮރަޕްޝަން އިންތިހާއަށް އާންމުވެފައިވާއިރު، އެ މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލޭތީ ދައުލަތުން ގެއްލޭ ފައިސާ އަނބުރާ ނުހޯދޭކަން މަހާޒު ފާހަގަކުރެއްވިއެވެ. ކޮރަޕްޝަނުގެ ބޮޑެތި މައްސަލަތަކުގައި ގެއްލިފައިވާ ފައިސާ ހޯދުމުގެ އަމަލީ މަސައްކަތް ލަސްވުމަކީ އާންމުންގެ ކަންބޮޑުވުން އޮތް ކަމެކެވެ.

ގިނަ ސިޔާސީ ޕާޓީތައް އެކުލެވޭ ނިޒާމެއްގެ ތެރެއިން 2004 ވަނަ އަހަރު ފެށި އިސްލާހީ މަސައްކަތްތަކަށް ފަހު، 2008 ވަނަ އަހަރު ވުޖޫދުވި ގާނޫނުއަސާސީއަކީ ރާއްޖޭގެ ވެރިކަމުގެ ނިޒާމަށް އިންގިލާބީ ބަދަލުތަކެއް ގެނުވި ގާނޫނެކެވެ. އެހެންނަމަވެސް، މިނިވަން މުއައްސަސާތަކުގެ ބާރު ކެނޑުމާއި، ސިޔާސީ ނުފޫޒު ފޯރުވުމުގެ މައްސަލަތަކާ ގުޅިގެން، ގާނޫނުއަސާސީގެ ރޫހާ އެއްގޮތަށް އަމަލުކުރަމުން ނުދާ ކަމުގެ ޝަކުވާތައް އަދިވެސް ދަނީ އިތުރުވަމުންނެވެ.

comment ކޮމެންޓް