ކޯޓުތަކަށް ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޔާމީނަށް: އަބްދުއްރަހީމް

ޔާމީނާއި އަބްދުއްރަހީމް: ކޯޓުތަކަށް ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ޔާމީނަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޯޓުތަކަށް ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކަމަށް، އެ މަނިކުފާނުގެ ކުރީގެ އެންމެ އަރިސް އެއް ބޭފުޅާ އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިރޭ ވިދާޅުވެއްޖެއެވެ.

ރައީސް އއ. އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅާ ދިމާކޮށް އެ ރަށުގައި ޕީއެންސީން ބޭއްވި ޖަލްސާގައި އެ ޕާޓީގެ ޗެއާޕާސާން އަބްދުރަހީމް ވަނީ ކުރީގެ ވެރިކަންތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން ކުރީގެ ވެރިން މި ސަރުކާރަށް ފާޑުވިދާޅުވަމުން ގެންދަވާއިރު، ކުރީގެ ސަރުކާރުތަކުގައި ކަންތައްތައް ހިނގައިފައިވާ ގޮތް ޒުވާނުން ބަލައި ދިރާސާކުރަން އެ މަނިކުފާނު ގޮވާލެއްވިއެވެ.

އެ ވާހަކަފުޅުގެ ތެރެއިން ޔާމީނަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ، އެ ސަރުކާރުގައި އެ މަނިކުފާނާއި މިހާރު ޕީއެންސީގައި ތިބި ބައެއް ޝާމިލުވި ކަމަށެވެ. އަދި ވެރިއަކަށް އެ މަގާމަށް ވަޑައިގެންނެވެނީ އަރިހުގައި ތިބޭ ބަޔެއްގެ އެހީތެރިކަމާއެކީ ކަމަށާއި އެއީ އެކަކަށް އެކަނި ކުރެވޭނެ ކަމެއް ނޫން ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

އަބްދުއްރަހީމް ވަނީ، ޔާމީނަކީ ވެސް ހަމައެކަނި އަމިއްލަފުޅަށް މަސައްކަތް ކުރައްވައިގެން ވެރިކަން ހޯއްދެވޭނެ ބޭފުޅެއް ނޫން ކަމަށް ދޭހަވާ މޭރުމަކުން ވާހަކަދައްކަވައިފައެވެ.

އޭރުގެ ވެރިކަމުގައި ބުރިޖެއް އެޅިޔަސް، މަގެއް ހެދިޔަސް، ބަނދަރެއް ހެދިޔަސް، ބިމެއް ހިއްކިޔަސް، އެހެން އެއްވެސް މީހަކާ ބެހޭ ކަމެއް ނޫން މިއަދު، ހަމައެކަނި ތިމަންނަ ކުރި ކަންތައް، އެހެންވީމަ މި ދަންނަވަނީ ޒުވާނުން އެބަ ޖެހެޔޭ ވިސްނަން
ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ

އަބްދުއްރަހީމް ވިދާޅުވީ އެ ވެރިކަމުގެ ވާހަކަ މިހާރު ދައްކަވަނީ ޒާތީ ކަމެއް އޮތުމުން ނޫން ކަމަށާއި ނަމަވެސް، ރައްޔިތުންނަށް ހަގީގަތް ހާމަކޮށްދޭން ޖެހޭތީ ކަމަށެވެ.

އެއަށްފަހު، ޔާމީންގެ ޕީއެންއެފުން ބާއްވާ ޖަލްސާތަކަށް އިޝާރާތް ކުރައްވައި އަބްދުއްރަހީމް ވިދާޅުވީ "ސިޓިން ރޫމްގައި" ހުންނަވަނީ ޔާމީން "ދޯ ދެއްވަނީ" ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދާއި ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހަށް ކަމަށް ވިދާޅުވިއެވެ. މަލީހާއި ޖަމީލަކީ ޔާމީންގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރެއްވި ދެ މީހުންގެ ގޮތުގައި ސިފަކުރައްވައި އަބްދުއްރަހީމްގެ ފާޑުކިޔުން ދެން އަމާޒުކުރެއްވީ، ޕީއެންއެފްގެ ޖަލްސާތަކުގައި ބައިވެރިވެވަޑައިގަންނަވާ ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދަށެވެ. އެގޮތުން ޔާމީން ދަތުރުކުރެއްވި ފިނިފެންމާ ލޯންޗު ގޮއްވާލިއިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވީ އޭނާކަން ފާހަގަކުރެއްވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް: ޕީއެންއެފްގެ ޖަލްސާތަކުގައި މި ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވޭ -- ފޮޓޯ/ ޕީއެންއެފް

އެ ބޭފުޅުން ސަރުކާރަށް ފާޑުވިދާޅުވުން ބަލައިނުގަނެވޭ ކަމަށް ވިދާޅުވެ އަބްދުއްރަހީމް ވިދާޅުވީ، އެ ކަންކަމާ މެދު މީހުން ވިސްނަން ޖެހޭ ކަމަށެވެ. އަދި ރައީސް މުއިއްޒުގެ ކެމްޕޭނުގައި ވިދާޅުވެފައި ވަނީ އަނިޔާވެރިކަން އިސްނުކުރައްވާނެ ކަމަށާއި މިހާރު އަމަލުކުރައްވަނީ ވެސް އެގޮތަށް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

"އަދުލުއިންސާފު ގާއިމުކުރުމަކީ އެއީ އަނިޔާވެރިވުމެއް ނޫން، އަދުލުއިންސާފު ގާއިމު ނުކުރުން އެއީ އަނިޔާވެރިކަން، ތަފާތު ނުކޮށް، ގާނޫނު އެންމެންގެ މައްޗަށް ހިންގުމަކީ އެއީ ވެރިއެއްގެ ކޮނޑުގައި އެޅޭ އެންމެ މުހިންމު މަސްއޫލިއްޔަތު،" އެ މަނިކުފާނު ވިދާޅުވިއެވެ.

ރައީސް އެ މަސްއޫލިއްޔަތު އަދާކުރައްވާތީ ރާއްޖޭގެ މަގުުތައް އަމާންވެފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ތަރައްގީ ގެނެވޭނީ ރައްކާތެރިކަމާއި ހަމަޖެހުމާއެކު ކަމަށާއި، ރައީސް މަސައްކަތް ކުރައްވަނީ އެގޮތަށް ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ.

މިއަދު އަޅުގަނޑުމެންނަށް އޮތް ޔަގީން ކަމަކީ ކޮންމެ ދިވެހި ރައްޔިތަކަށް 100 ޕަސެންޓް އަދުލު އިންސާފު ލިބޭނެކަން. ކޯޓުތަކަށް މި ސަރުކާރުން ނުފޫޒު ނުފޯރުވާކަން އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް، އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާނީ ރައީސް ޔާމީނަށް

ފާހަގަކޮށްލެވޭ ގޮތުގައި، ރައީސް މުއިއްޒަށް ރިޔާސީ ޓިކެޓް ލިބިވަޑައިގަތީ ރައީސް ޔާމީން ކޮރަޕްޝަނުގެ މައްސަލައެއްގައި ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދެވެމުންނެވެ. އޭރުގެ ކެމްޕޭނުގައި ރައީސް މުއިއްޒުގެ އެންމެ މުހިންމު އެއް ވައުދެއްގެ ގޮތުގައި ފާހަގަކުރެއްވީ ޔާމީން މިނިވަން ކުރެއްވުމެވެ.

ރަޢީސް މުއިއްޒު ވެރިކަމަށް އިންތިޚާބުވެވަޑައިގަތުމަށް ފަހު ފުރަތަމަ ވެސް ޔާމީން ގެކޮޅަށް ބަދަލު ކުރެއްވިއެވެ. އެއަށްފަހު ގޭ ބަންދުގައި ހުންނެވި ޔާމީންގެ ޖަލު ހުކުމް ބާތިލުކޮށް، އެ މައްސަލަ އަލުން ބަލަން ހައިކޯޓުން އަމުރުކުރީ އޭޕްރިލް 18، 2024ގައެވެ.

އެ މައްސަލަ ނިމުމުގެ ކުރިން ޔާމީނާއި ރައީސް މުއިއްޒުގެ ގުޅުން ވަނީ ގޯސްވެފައެވެ. އެގޮތުން ރައީސް މުއިއްޒު ވެރިކަމުގެ ހުވާކުރެއްވިތާ މާ ގިނަ ދުވަހެއް ނުވެ ޔާމީން ވެރިކަން ކުރާ ކޯލިޝަނުން ވަކިވެވަޑައިގެން އަމިއްލަ ޕާޓީއެއް އުފެއްދެވީއެވެ.

ރައީސް ޔާމީން ގެކޮޅަށް ބަދަލުކުރި ދުވަހު ރައީސް ޑރ. މުއިއްޒާއި އަބްދުއްރަހީމް -- ސަން ފޮޓޯ/ މާހިލް އާތިފް

ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ޔާމީން މިނިވަން ނުކުރައްވާތީ ފާޑުކިޔުމުން އެ މަނިކުފާނު އަބަދުވެސް ވިދާޅުވެފައިވަނީ ކޯޓުތަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.

އެހެންނަމަވެސް މި ސަރުކާރަށް ވަނީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވާ ކަމުގެ ބޮޑެތި ތުހުމަތުތަކެއް އަމާޒުވެފައެވެ. އެގޮތުން މި ސަރުކާރުގެ މަސްލަހަތު އޮތް މައްސަލައެއް ސުޕްރީމް ކޯޓުން ބަލަމުން ދަނިކޮށް، އެ ކޯޓުގެ ތިން ފަނޑިޔާރުން މިދިޔަ އަހަރުގެ ފެބްރުވަރީ މަހު ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމަށް ފަހު ވަކިކުރުމުން، ރާއްޖޭން ބޭރުގެ ފާޑުކިޔުންތައް ވެސް ސަރުކާރަށް އަމާޒުވިއެވެ.

ރައީސް މުއިއްޒާއި ޔާމީންގެ ގުޅުން ގޯސްވެފައިވާއިރު، އަބްދުއްރަހީމާއި ރައީސް މުއިއްޒުގެ ގުޅުން ހީނަރުވި ކަމަށް ވެސް މިދިޔަ އަހަރުގެ ތެރޭގައި އަޑު ފެތުރުނެވެ. އެއީ ޓޫރިޒަމް މިނިސްޓަރު ކަމުގައި ހުންނެވި އަބްދުއްރަހީމްގެ ދަރިކަލުން އިބްރާހިމް ފައިސަލް، މިދިޔަ އަހަރުގެ ޖަނަވަރީ މަހު ކުއްލި ގޮތަކަށް މަގާމުން ވަކިކުރި ފަހުންނެވެ.

ދެ ބޭފުޅުންގެ ގުޅުން ހީނަރުވި ކަމަށް އޭރު އަބްދުއްރަހީމް އެއްބަސްވެވަޑައިގަތް ނަމަވެސް، ޕީއެންސީން ވަނީ ދެ ބޭފުޅުންގެ މެދުގައި އެއްވެސް ނުތަނަވަސްކަމެއް ނެތް ކަމަށް ބުނެފައެވެ.

comment ކޮމެންޓް