އުކުޅަހުގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފަށައިފި

އުކުޅަހުގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

އއ. އުކުޅަހުގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެ މަސައްކަތް ފަށައިވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އުކުޅަހަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.

އެ މަސައްކަތް ފަށްޓަވައިދެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެ މަޝްރޫއު ކުރިއަށްގެންދަނީ އަލްޓެކް މޯލްޑިވްސްއިންނެވެ.

އުކުޅަހުގައި 50 ހައުސިން ޔުނިޓު އެޅުމުގެ މަސައްކަތް ފެށުން -- ފޮޓޯ/ އިންފްރާސްޓްރަކްޗާ މިނިސްޓްރީ

އެ މަޝްރޫއުގެ ދަށުން އަޅަން ހަމަޖެހިފައިވަނީ ތިން ކޮޓަރީގެ އެޕާޓްމެންޓުގެ ހައުސިން ޔުނިޓުތަކެވެ. އަދި މަސައްކަތް ހަވާލުކޮށްފައިވަނީ ގާތްގަނޑަކަށް ދެ އަހަރު ނުވަތަ، 600 ދުވަސް ތެރޭގައި ނިންމާ ގޮތަށެވެ.

އެ މަޝްރޫއުގެ އަގެއް މިނިސްޓްރީން ހާމަކޮށްފައިނުވެއެވެ.

ގާތްގަނޑަކަށް 1،200 މީހުންގެ އާބާދީއެއް އޮންނަ އުކުޅަހުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަނީ އެ ރަށުން ބިން ހިއްކި ސަރަހައްދުގައެވެ. އެގޮތުން އެ ރަށުން 2023ގައި 13 ހެކްޓަރު ހިއްކައިފައިވެއެވެ.

މިދިޔަ އަހަރުގެ އޯގަސްޓު މަހު އުކުޅަހަށް ވަޑައިގެން ރައީސް ވަނީ އެ ރަށުގައި ހައުސިން ޔުނިޓު އެޅުމުގެ އިތުރުން، ހިއްކި ސަރަހައްދުން 250 ގޯތިވެސް ދޫކުރާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.

comment ކޮމެންޓް