ތަންފީޒީ އިދާރާތަކާމެދު ޝައްކު އުފެދޭހެން ވާހަކަ ނުފަތުރަން އެންއައިސީއިން އިލްތިމާސްކޮށްފި

އެންއައިސީގެ މެންބަަރުންތަކެއް ބައްދަަވުމެއްގައި--

ގާނޫނު ތަންފީޒުކުރާ އިދާރާތަކުން އެ އިދާރާތަކުގެ ގާނޫނީ މަސްއޫލިއްޔަތާއި ޒިންމާ އަދާކުރުމަށް ކުރާ މަސައްކަތްތަކާ މެދު ރައްޔިތުންގެ މެދުގައި ޝައްކާއި ނުރަނގަޅު ތަސައްވުރު އުފެދޭ ގޮތަށް ސޯޝަލް މީޑިއާގައި ވާހަކަ ދައުރުކުރަމުންދާތީ، އެކަމާ މެދު ނޭޝަނަލް އިންޓަގްރިޓީ ކޮމިޝަން (އެންއައިސީ) އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެންއައިސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ތަންފީޒީ އިދާރާތަކުން ކުރަމުންދާ މަސައްކަތްތަކަކީ ގައުމުގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަމަށްޓަކައި ކުރަމުންދާ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ. އެހެންކަމުން އެ އިދާރާތަކުގެ މަސައްކަތްތަކަށް ހުރަސްނޭޅުމަށާއި، ޤާނޫނު ތަންފީޒުކުރުމުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސް ކޮށްފައެވެ.

ތަންފީޒީ އިދާރާއަކުން ނުވަތަ އެފަދަ އިދާރާއެއްގެ މުވައްޒަފަކު ޤާނޫނާއި ގާވާއިދާ ޚިލާފު އަމަލެއް ހިންގާކަމަށް ތުހުމަތު ކުރެވޭ ނަމަ، އެ މައްސަލައެއް ބަލައިދިނުމަށް އެދި ކޮމިޝަނަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށް އެންއައިސީން ބުންޏެވެ.

އެންއައިސީން މިއަދު އާންމުކުރި ބަޔާން.....

"ގާނޫނު ތަންފީޒުކުރާ އިދާރާތަކާއި އެ އިދާރާތަކުގެ މުވައްޒަފުން ގާނޫނާއި ގަވާއިދާއި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފު ޢަމަލެއް ކުރާކަމަށް ތުހުމަތު ކުރެވޭ ހާލަތުގައި، އެ ޝަކުވާ، ގާނޫނުގައި ކަނޑައަޅާފައިވާ ގޮތުގެ މަތިން ކޮމިޝަނަށް ހުށަހެޅުމަށް އިލްތިމާސްކުރަން،" އެންއައިސީގެ ބަޔާނުގައިވެއެވެ.

އެންއައިސީން މިފަދަ ބަޔާނެއް ނެރުނިއިރު، ދާދިފަހުން ވަނީ ކަސްޓަމްސްގެ އަންހެން މުވައްޒަފެއްގެ ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް، އޭނާގެ ގާނޫނީ ޒިންމާއާ ގުޅޭގޮތުން ބޮޑެތި ތުހުމަތުތަކެއް ކޮށްފައެވެ. މީގެ އިތުރުން މާލޭ ސިޓީ ކައުންސިލްގެ އަންހެން މުވައްޒަފަކު މަސައްކަތުގައި އުޅެނިކޮށް ހަޑިހުތުރުބަހުން މުހާތަބުކޮށް ފުރައްސާރަކުރާ ވީޑިއޯއެއް ވެސް ވަނީ އާންމުވެފައެވެ.

https://sun.mv/225574

މި މައްސަލަތަކާ ގުޅިގެން ކަސްޓަމްސްއިން ވެސް ވަނީ އެ އިދާރާގެ ގާނޫނީ ޒިންމާތަކާ މެދު އާންމުންގެ މެދުގައި ޝައްކު އުފެދޭ ފަދަ ގޮތަކަށް އަމަލުނުކުރުމަށް އިލްތިމާސްކޮށްފައެވެ. ކަސްޓަމްސްއިން ބުނި ގޮތުގައި ރާއްޖެއަށް އެތެރެކުރާ މުދަލާއި ފަސިންޖަރުން ބަލައިފާސްކުރުމަކީ ގާނޫނުން އެ އިދާރާއާ މަތިކޮށްފައިވާ ލާޒިމް ޒިންމާއެކެވެ.

އެންއައިސީން ވަނީ ތަންފީޒީ އިދާރާތަކުގެ މުވައްޒަފުންވެސް އެ މީހުންގެ މަސްއޫލިއްޔަތުތައް ޤާނޫނީ އިމުގެ ތެރެއިން އަދާކުރުމުގައި ދެމިތިބުމަށް ހަނދާންކޮށްދީފައެވެ.

އަދި ހަގީގަތެއް ނެތް މައުލޫމާތު ފަތުރައި، މުވައްޒަފުންގެ އަބުރަށް އަރައިގަތުމަކީ މުޖުތަމައުގައި މިހާރު އާންމުވަމުންދާ ނޭދެވޭ ކަމެއްކަން އެ ކޮމިޝަނުން ފާހަގަކުރެއެވެ.

comment ކޮމެންޓް