ހުޅުމާލޭގެ ކަރަންޓު ކެޕޭސިޓީ އިތުރުކުރަން 70 މެގަވޮޓްގެ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް މި އަހަރު ފެށުމަށް ހަމަޖެހިފައިވާ ކަމަށް ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރު ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި އަޒުވަރު ފާހަގަކުރެއްވި ގޮތުގައި، މާލޭ ސަރަހައްދުގެ އާބާދީ އިތުރުވަމުން ދާތީ ކަރަންޓުގެ ޚިދުމަތަށް މިހާރުން މިހާރަށް ވެސް އަޕްގްރޭޑުތަކެއް ގެންނަން ޖެހެއެވެ. މީގެ ކުރިން އާބާދީ ބޮޑުވަމުން އައި ދަނޑިވަޅުތަކުގައި ކަރަންޓު ފޯރުކޮށްދިނުމަށް ބޭނުންކުރީ ހައި ސްޕީޑް ޖެންސެޓުތަކެކެވެ.
ނަމަވެސް، ކުރިއަށް އޮތް އަހަރާއި 2028 ވަނަ އަހަރުގެ ޕީކް ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ހުޅުމާލޭ ފޭސް ދޭއްގައި މީޑިއަމް ސްޕީޑް ޕަވަ ހައުސްއެއް ތަރައްގީކުރުމަށް މިހާރު ވަނީ ޕްލޭންކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.
ހަމައެއާއެކު ހުޅުމާލޭ ފޭސް ދޭއްގައި އިންޖީނުގެ އެޅުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ނިންމާފައި ވާއިރު، 2028 ވަނަ އަހަރުގެ މެދުތެރޭގައި ފްލެޓުތަކުގެ މަސައްކަތް ނިންމައި ވެރިންނަށް ހަވާލުކުރެވޭނެ ކަމަށް ސަރުކާރުން ބުނެފައިވާތީ، އެ ސަރަހައްދުގެ އާބާދީ ވަރަށް ބޮޑަށް އިތުރުވެގެންދާނެއެވެ. އެހެންކަމުން، ކުރިއަށް އޮތް ތަނުގައި ކަރަންޓު ކެޕޭސިޓީ އިތުރުކުރުމަށް އެހެން މަޝްރޫއުތައް ވެސް ހިންގުމަށް ހަމަޖެހިފައިވާ ކަމަށް އަޒުވަރު ވިދާޅުވިއެވެ.
މީގެ އިތުރުން، ހުޅުމާލޭ ފޭސް ދޭއްގައި 20 މެގަވޮޓުގެ ވަގުތީ އިންޖީނުގެއެއް އެޅުމުގެ މަސައްކަތް ވެސް މިހާރު ދަނީ ކުރަމުންނެވެ. އަދި ހުޅުމާލެ ފޭސް އެކެއްގައި މިހާރު އާންމުކޮށް ބޭނުންކުރަމުން ދަނީ 50 މެގަވޮޓްގެ އިންޖީނުގެއެކެވެ.