ކޮރަޕްޝަން ހުއްޓުވުމަށް ސްޓެލްކޯއިން އޭސީސީއާއެކު މަސައްކަތް ކުރަނީ

އޭސީސާއާއި ސްޓެލްކޯއިން ފަހުމުނާމާގައި ސޮއިކުރުން: ސްޓެލްކޯގައި އެންޓި-ކޮރަޕްޝަން ޕޮލިސީތައް ގާއިމްކުރަން ހަމަޖެހިފައިވޭ -- ފޮޓޯ/ އޭސީސީ

އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) ގުޅިގެން ކޮރަޕްޝަން ހުއްޓުވުމަށާއި ނަޒާހަތްތެރިކަން އިތުރުކުރުމަށް މަސައްކަތް ކުރުމަށްޓަކައި މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެ އެއްބަސްވުމުގައި އޭސީސީގެ ފަރާތުން ސޮއިކުރެއްވީ ކޮމިޝަނުގެ ރައީސް އާދަމް ޝާމިލެވެ. އަދި ސްޓެލްކޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑރ. އަލީ އަޒުވަރެވެ.

އޭސީސީން ބުނި ގޮތުގައި، މި ފަހުމުނާމާގެ މައިގަނޑު މަގުސަދަކީ ކޮރަޕްޝަން ވިޔަނުދިނުމަށާއި، ނަޒާހަތްތެރިކަން އިތުރުކުރުމަށް ދެ ފަރާތް ގުޅިގެން ކުރެވޭނެ މަސައްކަތްތައް ދެނެގަނެ، އެ ކަންކަން ހަރުދަނާކުރުމެވެ. މީގެ އިތުރުން ދެ އިދާރާގެ މުވައްޒަފުންނަށް ބާއްވާ ތަމްރީނު ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ ފުރުޞަތު ދިނުމާއި، ކޮރަޕްޝަން ހުއްޓުވުމަށް ކޮމިޝަނުންދޭ ލަފަޔާއި އިރުޝާދު ތަންފީޒުކުރުމުގައި ގުޅިގެން މަސައްކަތްކުރުން ފަހުމުނާމާގައި ހިމެނޭ ކަމަށް އެ ކޮމިޝަނުން ބުންޏެވެ.

އޭސީސީން ހާމަކުރި ގޮތުހައި އެ ފަހުމުނާމާގެ ދަށުން ކޮމިޝަންގެ ޒިންމާތަކުގެ ތެރޭގައި ސްޓެލްކޯގެ މުވައްޒަފުންގެ ނަޒާހަތްތެރިކަން އިތުރުކުރުމަށް ބާއްވާ ވާކްޝޮޕްތަކާއި މަހާސިންތާތަކުގައި އެހީތެރިކަން ދިނުން ހިމެނެއެވެ.

ސްޓެލްކޯގެ ޒިންމާތަކަށް ބަލާއިރު، އޭސީސީން ތަހުގީގުކުރާ މައްސަލަތަކަށް ބޭނުންވާ ލިޔެކިޔުމާއި މަޢުލޫމާތު ވީއެންމެ އަވަހަކަށް ފޯރުކޮށްދިނުމާއި، ތަޙުގީގުތަކަށް މުވައްޒަފުން ހާޒިރުކުރުމުގައި އެއްބާރުލުން ދިނުން ހިމެނޭ ކަމަށް ކޮމިޝަނުން ބުންޏެވެ.

މީގެ އިތުރުން ސްޓެލްކޯގައި އެންޓި-ކޮރަޕްޝަން ޕޮލިސީތައް ގާއިމްކުރުމާއި، ކުންފުނީގެ ސިޔާސަތުތައް އެކުލަވާލުމުގައި ކޮރަޕްޝަންގެ ހިރާސް ކުޑަކުރުމަށް އޭސީސީގެ ލަފަޔާއި އިރުޝާދަށް އިސްކަންދިނުމަށް ނިންމައިފައިވާ ކަމަށް އޭސީސީން ފާހަގަކުރިއެވެ.

އެ ކޮމިޝަނުންވަނީ، މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަޞީލަތްތައް ހިއްސާކުރުން ހިމެނޭ ކަމަށް ބުނެފައެވެ.

މައިގަނޑު ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއަކީ ސަރުކާރު ކުންފުންޏެއް ކަމަށްވާއިރު، ސަރުކާރު ކުންފުނިތައް އެކި ސަރުކާރުތަކުން ސިޔާސީ މަގުސަދުތަކުގައި ބޭނުންކުރާ ކަމުގެ ތުހުމަތު އަމާޒުވެއެވެ. އެގޮތުން ސްޓެލްކޯއަށް ވެސް ބޭނުންވާ ވަރަށްވުރެ އިތުރަށް، ސިޔާސީ ބޭނުމުގައި މުވައްޒަފުން ނަގާ ކަމުގެ ތުހުމަތުތައް އަމާޒުވެފައިވެއެވެ.

comment ކޮމެންޓް