މަރުވެފައިވާ 700 މީހުންނަށް އިނާޔަތުގެ ފައިސާގެ ގޮތުގައި 10 މިލިއަން ރުފިޔާ ޖަމާކުރި

އެންސްޕާގެ ސީއީއޯ އާމިނަތު ޝިރުނާ ބައްދަލުވުމެއްގައި-- ފޮޓޯ: އެންސްޕާ

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގައި ރަޖިސްޓަރީ ވެފައިވާ މީހުންގެ މައުލޫމާތު އެކަށީގެންވާ ގޮތެއްގައި އަޕްޑޭޓް ނުކުރެވުމުގެ ސަބަބުން، މަރުވެފައިވާ 700 އަށް ވުރެ ގިނަ މީހުންގެ އެކައުންޓަށް 10 މިލިއަނަށް ވުރެ ގިނަ ރުފިޔާ ޖަމާކުރެވިފައިވާ ކަމަށް އެ އެޖެންސީގެ ސީއީއޯ އާމިނަތު ޝިރުނާ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ޝިރުނާ ވިދާޅުވީ، އިޖުތިމާއީ އެހީތެރިކަމާ ގުޅުންހުރި ޕްރޮގްރާމްތަކުން އެހީ ފޯރުކޮށްދެވެނީ ސީދާ އޭގެ ހައްގުވެރިންނަށްކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިކަން ފާހަގަކުރެވިފައިވާ ކަމަށެވެ. މިއީ ދައުލަތަށް ލިބުނު ވަރަށް ބޮޑު މާލީ ގެއްލުމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

ޝިރުނާ ވިދާޅުވި ގޮތުގައި މި މައްސަލަ ދިމާވާން މެދުވެރިވީ 2020 ވަނަ އަހަރު އެންސްޕާގެ މޮނިޓަރިން ސެކްޝަން އުވާލުމާ ގުޅިގެންނެވެ. އެ ސެކްޝަން އުވާލުމުން މޮނިޓަރިންގެ މަސައްކަތްތައް ހުއްޓި، މައުލޫމާތުތައް ބަލައި މަހުން މަހަށް އަޕްޑޭޓް ކުރުން ވަނީ ބޮއްސުންލާފައެވެ.

"މިއީ ކިހާ ބޮޑު ގެއްލުމެއްތޯ؟ މިހާރު އަޅުގަނޑުމެން މިދަނީ އަލުން އެ ސެކްޝަންގެ މަސައްކަތް އިޔާދަކޮށް، ސިސްޓަމް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތްކުރަމުން." ޝިރުނާ ވިދާޅުވިއެވެ.

އެންސްޕާގައި މިވަގުތު 15,000 އެއްހާ މީހުން ރަޖިސްޓަރީވެފައިވާއިރު، އެ އެޖެންސީން މިހާރު މަސައްކަތް ކުރަމުންދަނީ އެހީ ފޯރުކޮށްދެވެނީ އެންމެ ހައްގުވެރި ފަރާތްތަކަށްތޯ ކަށަވަރު ކުރުމުން ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ ތެރޭގައި ދިރިއުޅުމުގެ ހާލަތަށާއި އިޖުތިމާއީ އެހީތެރިކަމަށް އެދޭ ފަރާތްތަކަށް ދެވޭ މާލީ އެހީތައް ހިމެނެއެވެ.

ކުރިން އޮތް މޮނިޓަރިން ނިޒާމު އަލުން އިޔާދަކޮށް، ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ދިއުން ހުއްޓުވުމަކީ އެ އެޖެންސީގެ މުހިއްމު އަމާޒެއް ކަމަށް ޝިރުނާ ވިދާޅުވިއެވެ.

ގުޅޭ ޓެގު
comment ކޮމެންޓް