ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މިދިޔަ ސެޕްޓެމްބަރު މަހު މާލީ އެހީގެ ގޮތުގައި 59 މިލިއަން ރުފިޔާ ފޯރުކޮށްދީފައިވާ ކަމަށް ނެޝެނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިން މިއަދު އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެންސްޕާއިން އާންމުކޮށްފައިވާ ތަފާސްހިސާބުން ދައްކާ ގޮތުގައި، ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފުތަރުގައި މިހާރު 15،885 ހިމެނެއެވެ. އެއީ މިދިޔަ މަހު އަލަށް އެ ދަފުތަރުގައި ރަޖިސްޓްރީކޮށްފައިވާ 263 މީހުން ހިމެނޭ ގޮތަށެވެ. އެއީ ނިމުނު އޮގަސްޓު މަހު އަލަށް ރަޖިސްޓްރީ ކޮށްފައިވާ އަދަދާ އަޅާބަލާއިރު އިތުރު އަދަދެކެވެ. އޯގަސްޓު މަހު އެ ދަފުތަރަށް އަލަށް ރަޖިސްޓްރީކޮށްފައިވަނީ 169 މީހުންނެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުން ނިމުނު މަހު ޖުމުލަ 15،571 މީހުންނަށް އެންސްޕާއިން ވަނީ މާލީ އެހީ ފޯރުކޮށްދީފައެވެ. އެގޮތުން އެންސްޕާއިން ވަނީ މާލީ އެހީގެ ގޮތުގައި 59.2 މިލިއަން ރުފިޔާ ފޯރުކޮށްދީފައެވެ. އޭގެ ކުރިން އޯގަސްޓު މަހު އެންސްޕާއިން ވަނީ 15،498 މީހަކަށް، މާލީ އެހީގެ ގޮތުގައި 58.4 މިލިއަން ރުފިޔާ ފޯރުކޮށްދީފައެވެ.
https://x.com/NSPAmaldives/status/2109147346865209488
މީގެ އިތުރުން، ނިމުނު ސެޕްޓެމްބަރު މަހު ތެލެސީމިއާ އެލަވެންސްގެ ގޮތުގައި އެންސްޕާއިން ވަނީ 1،082،000 ރުފިޔާގެ މާލީ އެހީ ފޯރުކޮށްދީފައެވެ. އެއީ އޮގަސްޓު މަހު ތެލެސީމިއާ އެލަވެންސްގެ ގޮތުގައި ދޫކޮށްފައިވާ 1،070،000 އާ އަޅައިބަލާއިރު އިތުރު އަދަދެކެވެ.
ތެލެސީމިއާ އެލަވެންސް ލިބޭ މީހުންގެ ދަފުތަރަށް އޯގަސްޓު މަހު ރަޖިސްޓްރީ ކޮށްފައިވަނީ ހަތަރު މީހެކެވެ. ނަމަވެސް ސެޕްޓެމްބަރު މަހު އެ އަދަދު ވަނީ ހަޔަކަށް އިތުރުވެފައެވެ. އެއާއެކު، މިހާރު ތެލެސީމިއާ އެހީ ލިބޭ ފަރާތްތަކުގެ އަދަދު ވަނީ 541 އަށް އަރާފައެވެ.