އެއާ އިންޑިއާގެ ޓާބިއުލެންސް: ފުރާނައަށް ނުރައްކާވެދާނެ ކަމެއް ކަމަށް ބުނެފި

ކެޕްޓަން ޕްރަޝާންތު ދައްލާ---

ތައިލެންޑުގެ ފުކެޓުން ފުރައިގެން އިންޑިއާގެ ދިއްލީއަށް ދަތުރުކުރި އެއާ އިންޑިއާގެ ފްލައިޓަކަށް އިއްޔެ ދިމާވި ޓާބިއުލެންސްގެ ހާދިސާއަކީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާދިސާއެއް ކަމަށް އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރަކު ބުނެފިއެވެ.

މި ހާދިސާގައި 13 ފަސިންޖަރުންނާއި ފަޅުވެރިންގެ ހަތަރު މީހަކަށް ވަނީ އަނިޔާވެފައެވެ.

އެއާ އިންޑިއާއިން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި، އިއްޔެ ދަތުރުކުރި ފްލައިޓް އޭއައި2379 އަށް ކުއްލިއަކަށް އުސްމިން ދަށްވުމުގެ މައްސަލައެއް ދިމާވީ ދަތުރުމަތީގައެވެ. ނަމަވެސް، އޭގެ ފަހުން ފްލައިޓް އާންމު ހާލަތަކަށް ރުޖޫއަވެ، އިންޑިއާ ގަޑިން ހެނދުނު 11:07 ގައި ދިއްލީއަށް ވަނީ ސަލާމަތުން ޖައްސާފައެވެ.

https://www.sun.mv/225576

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ ކެޕްޓަން ޕްރަޝާންތު ދައްލާ އޭއެންއައި ނިއުސް އެޖެންސީއަށް ދިން އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި، މިއީ ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާދިސާއެކެވެ. ވައިގެ އޮއިވަރު ގޯސްވުމުގެ ހާލަތްތައް ހަތަރު ބަޔަކަށް ބެހޭކަން ފާހަގަކުރަމުން އޭނާ ވިދާޅުވީ، އެއީ ލުއި، މެދުމިން، މަތި އަދި އިންތިހާއަށް ގޯސް ހާލަތްތައް ކަމަށެވެ.

އިންތިހާއަށް ގޯސް ހާލަތްތަކުގައި ބޯޓުގެ އޮޓޯޕައިލެޓް ސިސްޓަމް ކެނޑި، ޕައިލެޓުންނަށް ބޯޓު ކޮންޓްރޯލް ކުރުމަށް ހުރަސްތަކާ ކުރިމަތިވާ ކަމަށް ޕްރަޝާންތު ވިދާޅުވިއެވެ.

މި ހާދިސާގައި ބޯޓުގައި ތިބި މީހުންނަށް ލިބުނު އަނިޔާތަކާ ގުޅޭގޮތުން ވާހަކަދައްކަމުން ޕްރަޝާންތު ވިދާޅުވީ، މަންޒަރު ދުށް މީހުންނާ ހަވާލާދީ ބޮލަށް އަނިޔާވެފައިވާ ކަމަށް މައުލޫމާތު ލިބޭ ކަމަށާއި، މިއީ އޭވިއޭޝަން ދާއިރާގައި ވަރަށް ސީރިއަސްކޮށް ބަލާ ކަމެއް ކަމަށެވެ. އަދި ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ކޮމިޓީއެއް އެކުލަވާލައި މި މައްސަލަ ތަހުގީގުކުރާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

އެއާބަސް އޭ320ނިއޯ މަރުކާގެ މި ބޯޓުގައި ދަތުރުކުރީ 137 ފަސިންޖަރުންނާއި އަށް ފަޅުވެރިންނެވެ. އެއާ އިންޑިއާއިން ބުނި ގޮތުގައި، އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީފައިވާއިރު، އިއްޔެ އިރުއޮއްސުމާ ހަމައަށް އޭގެ ތެރެއިން ފަސް ފަސިންޖަރަކު ވަނީ ހޮސްޕިޓަލުން ދޫކޮށްލާފައެވެ. އަނިޔާވި އެހެން މީހުންނަށް އަދިވެސް އަންނަނީ ފަރުވާދެމުންނެވެ.

އެ ކުންފުނީގެ ތަރުޖަމާނު ބުނި ގޮތުގައި، އަނިޔާވި މީހުންނާއި އެ މީހުންގެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އެއާ އިންޑިއާގެ ޓީމުތަކުން އަންނަނީ ހޮސްޕިޓަލުތަކުގައި ހަރަކާތްތެރިވަމުންނެވެ. އަދި މި ހާދިސާ ތަހުގީގުކުރުމަށް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރަމުން އަންނަ ކަމަށްވެސް އޭނާ ބުންޏެވެ.

comment ކޮމެންޓް