ހުއްދަނެތް އުފެއްދުންތައް ރާއްޖޭގެ ބާޒާރުގައި އިސްތިހާރު ނުކުރި ނަމަވެސް، ފިހާރަތަކުން ލިބެން ހުރޭ: އެމްއެފްޑީއޭ

ބަޔަކު ފިހާރައެއްގެ ތެރޭގައި ބައެއް ޕްރޮޑަކްޓްތައް ބަލާލަނީ: އެމްއެފްޑީއޭ އިން ބުނާ ގޮތުގައި ހުއްދަ ނެތް ބައެއް ސަޕްލިމެންޓްސް އިޝްތިހާރު ނުކޮށް ފިހާރަތަކުގައި ވެސް އަންނަނީ ވިއްކަމުން -- ސަން ފައިލް ފޮޓޯ

ތަފާތު އެކި ބާވަތްތަކުގެ ހުއްދަ ނެތް ސަޕްލިމަންޓްތައް ރާއްޖޭގެ ބާޒާރުގައި އިސްތިހާރު ނުކުރި ނަމަވެސް، އެފަދަ ބައެއް ތަކެތި ބައެއް ފިހާރަތަކުން ލިބެން ހުންނަ ކަމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ހާމަކޮށްފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފުޑް ކޮލިޓީ އެޝުއަރަންސްގެ ކޯޑިނޭޓަރު އާމިނަތު ޝަބާނާ އަލީ ވިދާޅުވީ، ސޯޝަލް މީޑިއާގެ އެކި މަންސަތަކުގައި ރަޖިސްޓްރީ ކުރުމަކާ ނުލައި ތަފާތު އެކި ބާވަތްތަކުގެ ސަޕްލިމަންޓްތައް ވިއްކަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.

ޝަބާނާ ވިދާޅުވި ގޮތުގައި، ރާއްޖެއަށް ސަޕްލިމަންޓް އެތެރެކުރުމުގެ ކުރިން އެމްއެފްޑީއޭގެ ހުއްދަ ހޯދަން ޖެހެއެވެ. މިކަމުގައި އަމަލުކުރާ ދެ އުސޫލަކީ ރަޖިސްޓަރީ ކުރުން ނުވަތަ ލިސްޓު ކުރުމެވެ.

މިހާތަނަށް 8،000 އަށްވުރެ ގިނަ ފުޑް ސަޕްލިމަންޓް ރާއްޖޭގައި ލިސްޓުކޮށްފައިވާ ކަމަށާއި، މީގެ މާނައަކީ ދިވެހިން މިފަދަ ތަކެތި ބޭނުންކުރާ މިންވަރު އިތުރުވުން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކަނޑައެޅިފައިވާ އުސޫލުތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ޝަބާނާ ވިދާޅުވީ، އެއްވެސް އުފެއްދުމެއް އިޝްތިހާރު ކުރުމުގެ ކުރިން އެމްއެފްޑީއޭއަށް ހުށަހަޅައިގެން ހުއްދަ ހޯދަންޖެހޭނެ ކަމަށެވެ.

"މީގެ މާނައަކީ ދިވެހިން މިފަދަ ތަކެތި ބޭނުންކުރާ މިންވަރު ފުދޭ ވަރަކަށް އިތުރު. އެހެންވީމައި އަޅުގަނޑުމެން ބަލަން އެބަޖެހެޔޭ މިހުރިހާ ތަކެއްޗަކީ އަޅުގަނޑުމެންގެ ހަށިގަނޑައް ކޮންމެހެން ބޭނުންހުރި ތަކެތިކަން،" ޝަބާނާ ވިދާޅުވިއެވެ.

އަދި ބައެއް ސަޕްލިމަންޓްތަކުގެ ލޭބަލްގައި 'ޕީސިކްސްޓީ ވޯނިން' އަދި 'ރިޕްރޮޑަކްޓިވް ހާމް' ފަދަ އިންޒާރުތައް ހުންނަކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، އުފެއްދުންތައް ބާޒާރަށް ނެރޭއިރު އޭގައި އެކުލެވޭ މާއްދާތައް ސާފުކޮށް އެނގޭނޭހެން ލޭބަލްކުރުމަކީ މަޖުބޫރު ކަމެއްކަން އެމްއެފްޑީއޭއިން ފާހަގަކުރިއެވެ.

ލޭބަލްކުރުމާބެހޭ އާ ގަވާއިދު މިއަހަރުގެ ޖޫން މަހު ގެޒެޓްކޮށްފައިވާއިރު، ވިޔަފާރިވެރިންނަށް އެ ގަވާއިދަށް އަމަލުކުރުމަށް ހަ މަސްދުވަހުގެ މުހުލަތެއް ވަނީ ދީފައެވެ.

އެމްއެފްޑީއޭއިން އިންޒާރު ދީފައިވާ ގޮތުގައި، އަންނަ ޑިސެންބަރު މަހުގެ ފަހުން ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ލޭބަލްކޮށްގެން ތަކެތި ވިއްކާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެއެވެ.

އެހެންކަމުން، ސަޕްލިމަންޓް ފަދަ ތަކެތި ބޭނުންކުރުމުގެ ކުރިން އެއީ ހަށިގަނޑަށް ކޮންމެހެން ބޭނުންތެރި އެއްޗެއްތޯ ކަށަވަރު ކުރުމަށާއި އެފަދަ ސަޕްލިމެންޓެއް އިޝްތިހާރުކޮށް ވިއްކުުގެ ކުރިން އެ އޮތޯރިޓީގެ ހުއްދަ ނެގުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.

comment ކޮމެންޓް