ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖޫން މަހު މާލީ އެހީގެ ގޮތުގައި 57.9 މިލިއަން ރުފިޔާ

ލޮލުގެ ފެނުމުން މަހުރޫމްވެފައިވާ މީހެއް: ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޖޫން މަހު މާލީ އެހީގެ ގޮތުގައި 57.9 މިލިއަން ރުފިޔާ ދޫކޮށްފައިވޭ -- ފޮޓޯ/ ސްޓެޓިސްޓިކްސް ބިއުރޯ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ މި އަހަރުގެ ޖޫން މަހު މާލީ އެހީގެ ގޮތުގައި 57.9 މިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

އެންސްޕާގެ ތަފާސްހިސާބުން ދައްކާ ގޮތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފުތަރަށް ޖޫން މަހު 252 މީހުން އިތުރުވެފައިވެއެވެ. އެއާއެކު، އެ ދަފުތަރުގައި ހިމެނޭ މީހުންގެ އަދަދު ވަނީ 15،652އަށް އަރައިފައެވެ. އޭގެ ތެރޭގައި ހިމެނެނީ ހިމެނެނީ 9,046 ފިރިހެނުންނާއި 6,606 އަންހެނުންނެވެ.

ދަފުތަރުގައި ހިމެނޭ މީހުންގެ ތެރެއިން އެންމެ ގިނައީ ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކެވެ. އެގޮތުން ޖުމްލަ 4,317 މީހުން ޖިސްމާނީ ނުކުޅެދުންތެރިކަމުގެ ގިންތީގައި ރަޖިސްޓްރީވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 2,366 ފިރިހެނުންނާއި 1,951 އަންހެނުންނެވެ.

އެ ދަފުތަރުގައި ހިމެނޭ އިތުރު ގިންތިތަކުގެ ތެރޭގައި އެކި ނުކުޅެދުންތެރިކަން ހުންނަ މީހުން (މަލްޓިޕަލް ޑިސްއެބިލިޓީ)، ވިސްނުމުގެ ނުވަތަ ސިކުނޑީގެ ނުކުޅެދުންތެރިކަން، ނަފުސާނީ ނުކުޅެދުންތެރިކަން، އަޑުއިވުމާއި ވާހަކަ ދެއްކުމުގެ ނުކުޅެދުންތެރިކަން، ފެނުމުގެ ނުކުޅެދުންތެރިކަން، އޯޓިޒަމް އަދި އުނގެނުމުގެ ނުކުޅެދުންތެރިކަން ހިމެނެއެވެ.

އެ ތަފާސްހިސާބުގައިވާ ގޮތުން، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރަޕިއުޓިކް ފަރުވާއަށް ޖޫން މަހު 7.07 މިލިއަން ރުފިޔާ ޚަރަދުކޮށްފައިވެއެވެ. އެއީ ޖުމްލަ 253 ފަރާތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ 175 ފިރިހެނުންނާއި 78 އަންހެނުންނެވެ.

ޚާއްސަ އެހީއަށް ބޭނުންވާ މީހަކު މަގުމަތީ: ޖިސްމާނީ ނުކުޅެދުންތެރިކަން ހުރި 4،000 އަށްވުރެ ގިނަ މީހުން އެބަތިބި -- ފޮޓޯ/ ބީއެމްއެލް

ތެރަޕިއުޓިކް ފަރުވާއަށް ކުރި ޚަރަދުގެ ބޮޑު ބައެއް ހިއްސާކުރަނީ ވާހަކަ ދެއްކުމަށް އެހީތެރިވެދޭ ސްޕީޗް ތެރަޕީއާއި ރަނގަޅު އާދަތައް ދަސްކޮށްދޭ ބިހޭވިއާ ތެރަޕީއާއި އާންމު ދިރިއުޅުމަށް މުހިންމު ކަންކަން ދަސްކޮށްދޭ އޮކިއުޕޭޝަނަލް ތެރަޕީއަށެވެ. އެގޮތުން އެ ތެރަޕީތަކަށް ކުރި ޚަރަދަށް ބަލާއިރު:

  • ސްޕީޗް ތެރަޕީ: 1.68 މިލިއަން ރުފިޔާ
  • ބިހޭވިއާ ތެރަޕީ: 1.67 މިލިއަން ރުފިޔާ
  • އޮކިއުޕޭޝަނަލް ތެރަޕީ: 1.64 މިލިއަން ރުފިޔާ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގައުމީ ދަފުތަރަކީ އެފަދަ ފަރާތްތަކަށް ދައުލަތުން ފޯރުކޮށްދޭ މާލީ އިނާޔަތްތަކާއި، އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކުރުމަށް އެކުލަވާލާފައިވާ މުހިންމު ނިޒާމެކެވެ. މި ދަފުތަރުގެ މައިގަނޑު މަގުސަދަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ތެރަޕީއާއި ސިއްހީ ޚިދުމަތްތައް ދެނެގަނެ، އެ ކަންކަމަށް ބޭނުންވާ ސިޔާސަތުތައް ތަފާސްހިސާބުގެ އަލީގައި ރޭވުމެވެ.

މި ދަފުތަރުގައި ރަޖިސްޓްރީ ވެވޭނީ ދިވެހި ރައްޔިތުންގެ ތެރެއިން ޖިސްމާނީ، ނަފުސާނީ ނުވަތަ ވިސްނުމުގެ ގޮތުން ދާއިމީ ނުކުޅެދުންތެރިކަމެއް ހުރިކަން ޑޮކްޓަރަކު ކަށަވަރުކޮށްދީފައިވާ ފަރާތްތަކަށެވެ. ދަފުތަރުގައި ހިމެނުމުން ލިބޭ މައިގަނޑު ފައިދާތަކުގެ ތެރޭގައި މަހުން މަހަށް ދެވޭ މާލީ އެލަވަންސާއި، ފުރޮޅުލީ ގޮނޑި ފަދަ އެހީތެރި އާލާތްތައް ހޯދުމަށް ލިބޭ އެހީގެ އިތުރުން، އެކި ބާވަތުގެ ތެރަޕީތަކަށް ބޭނުންވާ ޚަރަދުތައް ހިމެނެއެވެ.

އެ ދަފުތަރުގެ ކަންކަން ބަލަހައްޓަނީ އެންސްޕާއިންނެވެ. ދަފުތަރަށް ރަޖިސްޓްރީވުމަށްޓަކައި އެންސްޕާގެ ފޯމާއި، ޑޮކްޓަރު ފުރާފައިވާ މެޑިކަލް އެސެސްމަންޓް އަދި އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަންޖެހެއެވެ. މި ލިޔެކިޔުންތައް އެންސްޕާއަށް، ރަށު ކައުންސިލްތަކަށް ނުވަތަ އޮންލައިން ޕޯޓަލް މެދުވެރިކޮށް ވެސް ހުށަހެޅޭނެ ކަމަށް އެ އެޖެންސީން މައުލޫމާތުދެއެވެ.

comment ކޮމެންޓް