އަންނަ ރަމަޟާން މަސް ފެށެންވާއިރަށް 20 މިސްކިތެއް ހުޅުވޭނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ ޕީއެންސީ މެންބަރު ޙުސްނީ މުބާރިކްގެ ސުވާލަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ވަޤުފް ބިނާތަކާއި މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން އިސްލާމިކް މިނިސްޓްރީން މިހާރު ވެސް 80އަށް ވުރެ ގިނަ މަޝްރޫއު ކުރިއަށް އެބަ ގެންދާ ކަމަށެވެ.
"އަޅުގަނޑު ދަންނަވާނީ މިއީ ކުރު މުއްދަތެއްގެ ތެރޭގައި ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް އިސްލާމީ އެންމެ ގިނަ މަޝްރޫއުތައް ތަންފީޒުކުރެވެމުންދާ މުއްދަތޭ މިއީ،" ޝަހީމް ވިދާޅުވިއެވެ.
މަޝްރޫއުތައް ފަށައިގެން ކުރިއަށް ދާއިރު ދަތިތައް އެބަހުރި ކަމަށް ޝަހީމް ވިދާޅުވިއެވެ. އޭގެ ތެރެއިން ޝަހީމް ފާހަގަކުރެއްވީ މެދުއިރުމަތީ ހަނގުރާމައާއި ރާއްޖޭގެ އިގުތިޞާދަށް ދިމާވެފައިވާ ދަތިތަކުގެ ސަބަބުން މަޝްރޫއުތައް ކުރިއަށް ގެންދިއުމުގައި ދިމާވާ ގޮންޖެހުންތަކެވެ. އެކަމަކު ވެސް އެ ގޮންޖެހުންތައް ހުރަސްކޮށް މަޝްރޫއުތައް ނިންމަމުން ދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ޝަހީމް ވިދާޅުވީ މިދިޔަ ރަމަޟާން މަހު ވިއްސަކަށް މިސްކިތް ހުޅުވައިފައިވާނެ ކަމަށާއި އޭގެ ތެރޭގައި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ބިނާކުރަން ފެށި ބައެއް މިސްކިތް ވެސް ހިމެނޭ ކަމަށެވެ.
އެގޮތުން ހއ. ދިއްދޫގައި ބިނާކުރާ އިސްލާމީ މަރުކަޒާ ގުޅޭ ގޮތުން ޝަހީމް ވިދާޅުވީ ކުރީ ސަރުކާރުން އެ މަސައްކަތް ފެށީ ބަޖެޓުގައި ދެ ލައްކަ ރުފިޔާ ޖަހައިގެން ކަމަށާއި، އެ ތަނަށް މިހާރު ވެސް 66 މިލިއަން ރުފިޔާ ޚަރަދުކުރެވިފައި އެބައޮތް ކަމަށެވެ.
އެއާއެކު ޝަހީމް ވިދާޅުވީ، ހުޅުމާލޭގައި ޓިނު ޖަހައިގެން ހަދައިފައި ހުރި ވަގުތީ މިސްކިތްތައް މި އަހަރުގެ ތެރޭ ނަގައި މި އަހަރު ނިމުމުގެ ކުރިން ދާއިމީ މިސްކިތްތައް ބިނާކުރެވިގެން ދާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި އަހަރުގެ ތެރޭ ރޯދަ މަހުގެ ކުރިން އިތުރު ވިއްސަކަށް މިސްކިތް ހުޅުވިގެން ދާނެ،" އޭނާ ވިދާޅުވިއެވެ.