ޙައްޖު ކިޔޫ ދިގުވުމަކީ ތަބީއީ ކަމެއް ކަމަށާއި ޙައްޖުގެ ކަންކަން މިހާރު ކުރިއަށް ދަނީ ޕްލޭންކުރެވިގެން ރަނގަޅަށް ކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު މިއަދު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވައިކަރަދޫ ދާއިރާގެ މެންބަރު އަދި އެމްޑީޕީގެ ޕާލަމެންޓަރީ ގްރޫޕުގެ ޑެޕިއުޓީ ލީޑަރު ޙުސައިން ޒިޔާދު (ފިއްޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޝަހީމް ވިދާޅުވީ ދީނަށް މީހުން ލޯބިކުރާ ވަރަކަށް ޙައްޖަށް ދާން ބޭނުންވާ މީހުން އިތުރުވާނެ ކަމަށެވެ.
"ޙައްޖު ކިޔޫ ދިގުވުމަކީ އެއީ ހަމަ ތަބީއީކަމެއް އިނގޭތޯ،" ޝަހީމް ވިދާޅުވިއެވެ.
ދުނިޔޭގެ އެހެން ގައުމުތަށް ކަމަށްވާ މިޞްރާއި ޕާކިސްތާނާއި އިންޑޮނީޝިއާއަށް ބަލައިލާއިރު ޝަހީމް ވިދާޅުވީ އެ ގައުމުތަކުގައި މިލިއަނުން މީހުން ކިޔޫގައި އޮންނަ ކަމަށެވެ.
މިހާރު ޕެންޝަން ފަންޑުން ޚަރަދުކޮޮށްގެން ވެސް ޙައްޖު ކިޔޫއަށް އެރޭކަން ޝަހީމް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވިގޮތުގައި ޙައްޖަށް މި އަހަރު ފައިސާ ދައްކާ މީހާއަކީ އަންނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށްޓަކައި މައްކާއަށް ދާ މީހަކަށް ނުވެ ދާނެއެވެ.
ބައެއް މީހުން މީގެ ދިހަ އަހަރު ފަހުން ޙައްޖަށް ދާން ވެސް އަވަހަށް ފައިސާ ދައްކާ ކަމަށް ޝަހީމް ވިދާޅުވިއެވެ.
"އެހެންވީމާ ޕްލޭންކުރެވިގެން މިހާރު އެ [ޙައްޖަށް] ދަނީ، މިހާރު މިކަން އިންތިޒާމުވެފައި މި އޮތީ ހަގީގަތުގައި ވަރަށް ރަނގަޅަށް، ދެން އެހެެންނޫނިއްޔާ މުއްސަނދިންނަށް އެކަނި ޙައްޖަށް ދެވެނީ، ފަގީރު މީހާއަށް ފުރުސަތެއް ނޯވޭ ޙައްޖަށް ދާކަށް، ކޯޓާތައް އަމިއްލަ ކުންފުނިތަކުން މީހުންނަށް ބޮޑު އަގުުގައި ވިއްކަމުން ދިޔައީ، މި ނިޒާމު މިހާރު ވަނީ ނިމިފައި،" އޭނާ ވިދާޅުވިއެވެ.
ޝަހީމް ވިދާޅުވީ އެއްވެސް ގައުމަކަށް ޙައްޖުގެ ކޯޓާ އިތުރުކުރާ ނަމަ، ސަޢޫދީ ޢަރަބިއްޔާއިން ރާއްޖޭގެ ކޯޓާ އިތުރުކޮށްދޭނެ ކަމަށެވެ. ޝަހީމް ވިދާޅުވީ ސަޢޫދީން ކޯޓާ އިތުރުކުރަނީ ވަކި މިންގަނޑުތަކަށް ބެލުމަށް ފަހު ކަމަށެވެ.
ފާހަގަކުރެވޭ ގޮތުގައި ޙައްޖު ކިޔޫ ވަރަށް ބޮޑުވެ, މިހާރު ފައިސާ ދައްކާ މީހުންނަށް ޙައްޖަށް ދެވޭނީ 2040ގައި ކަމަށް, ޙައްޖު ކޯޕަރޭޝަނުން ވަނީ ލަފާކޮށްފައެވެ.
ހައްޖަށް ދިއުމަށް ފައިސާ ދެއްކުމަށް, ކޯޕަރޭޝަނާ ގުޅުމުން ބުނީ ހައްޖު ކިޔޫއަށް އެރޭނީ 52500 ރުފިޔާ ދައްކައިގެން ކަމަށާއި ބާކީ ފައިސާ ފަހުން ދެއްކޭނެ ކަމަށެވެ. ޖުމުލަ އަގަކީ 69965 ރުފިޔާއެވެ.
މިހާރު ކިޔޫ އޮތް ވަރުން, މިވަގުތު ފައިސާ ދައްކާ މީހުންނަށް އެންމެ އަވަހަށް ވެސް ޙައްޖަށް ދެވޭނެ ކަމަށް ލަފާ ކުރެވެނީ, މީގެ 14 އަހަރު ފަހުން 2040 ގައި ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ގޮތަށް ދިމާވަނީ ޙައްޖަށް ދިއުމަށް ގިނަ ބަޔަކު ފައިސާ ދެއްކި ނަމަވެސް ރާއްޖެއަށް ލިބޭ ހައްޖު ކޯޓާގެ އަދަދު އިތުރު ނުވާތީއެވެ.
ސަޢޫދީ ސަރުކާރުން ޙައްޖު ކޯޓާގެ ގޮތުގައި ރާއްޖެއަށް ދޫކުރަނީ އަހަރަކު 1،000 މީހުންގެ ކޯޓާއެކެވެ. އެ ކޯޓާގެ ދަށުން 850 މީހުންނަށް ކިޔޫ ތަރުތީބުން، ބަލި މީހުންގެ އެހީތެރިންނާއި ކައްކާއިން ހިމެނޭހެން އެހީތެރިންގެ ގޮތުގައި 100 މީހުން، އަދި ފަގީރުންގެ ލިސްޓުގައި ހިމެނިގެން ސަރުކާރުގެ ޚަރަދުގައި ދާ 50 މީހުންނަށް ޙައްޖަށް ގެންދެވެއެވެ. އޭގެ ތެރެއިން ފަގީރުން ހައްޖަށް ގެންދަން ފެށީ މި ސަރުކާރުންނެވެ.
ރާއްޖެއަށް ލިބޭ ޙައްޖު ކޯޓާ އިތުރު ކުރުމަށް އެކި ފަހަރު މަތިން އެކި ސަރުކާރުތަކުގެ އިސްލާމިކް މިނިސްޓްރީން މަސައްކަތް ކޮށްފައިވެއެވެ. ނަމަވެސް މިހާތަނަށް އެ ކަމަށް މާ ބޮޑު ކުރިއެރުމެއް ލިބިފައެއް ނުވެއެވެ.