ތަކެތީގެ އަގުބޮޑުވެ ރައްޔިތުންނަށް ދިމާވާ އެހެނިހެން ދަތިތަކާ ގުޅުވައި އިދިކޮޅު އެމްޑީޕީން މުޒާހަރާކުރަން ނިންމުމުން އެކަމާ ނުރުހުން ފާޅުކުރައްވައި އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސައީދު އެމްޑީޕީއަށް ރައްދު ދެއްވައިފިއެވެ.
ތަކެތީގެ އަގު ބޮޑުވެ ރައްޔިތުންނަށް ދަތިތައް ކުރިމަތިވާ ކަމަށްބުނެ އިދިކޮޅު އެމްޑީޕީއިން މި މަހުގެ 12 ވަނަ ދުވަހު މުޒާހަރާކުރުމަށް ނިންމީ އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި އެ ޕާޓީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދެވެ.
އެކަމަށް ރައްދުދެއްވައި މިނިސްޓަރު މިރޭ އާންމުކުރެއްވި ވީޑިއޯއެއްގައި ވަނީ ކޮންމެ އޮގަސްޓު މަހެއްގެ ވެސް 12، 13 އަކީ އިދިކޮޅު އެމްޑީޕީއިން 'ޓްރިގާވާ' ދުވަހެއް ކަމަށް ވިދާޅުވެފައެވެ. އަދި އެ ވީޑިއޯގައި ސައީދު ވަނީ ހަނގުރާމަޔާ ގުޅިގެން ތަކެތީގެ އަގު ބޮޑުވާކަން އެމްޑީޕީއަށް އެނގިވަޑައިނުގަންނަވާ ފަދަ މޭރުމަކުން ވާހަކަދައްކަވައިފައެވެ. އަދި މި ދުވަސްވަރު ބޭރުގެ ގައުމުތަކާއި ރާއްޖޭގައި ތަކެތީގެ އަގުތައް ސައީދު ވަނީ އަޅާކިޔާފައެވެ.
އެގޮތުން ޕެޓްރޯލާއި ޑީސަލްގެ އަގުތައް ރާއްޖޭގައި ހުރި އަގާއި ސިންގަޕޫރާއި އިންޑިއާގެ އިތުރުން ދުބާއީގެ އަގުތަކާ ސައީދު ވަނީ އަޅާކިޔާފައެވެ. އޭގެ އިތުރުން ކުޑަކުދީންނަށް ދޭ ކިރާއި ގެރިމަހާއި ފަރުމަހުގެ އަގު އަގާ ގުޅޭ ގޮތުން ވެސް އޭނާ ވަނީ ވާހަކަދައްކަވާފައެވެ.
"ބޭބީ މިލްކް ޕައުޑަރުގެ އަގު ކަމަށް ޓުވީޓު ކުރެއްވި ފަރާތުން މި އިންނަނީ ޖަހާފައި 855 އަށް. މި އިންނަނީ ބޭބީ މިލްކް ޕައުޑަރު ދަޅެއް. ދެން އަޅުގަނޑަކަށް ނޭނގެ ކޮން ބްރޭންޑެއްގެ ބޭބީ މިލްކެއް ކަމެއް އެ ވިދާޅުވަނީކީ. އަޅުގަނޑުމެން މި ބަލާލީ އެމްއެޗްއޭއަށް. އެމްއެޗްއޭއިން ލެކްޓޯޖެން 300 ގްރާމުގެ ދަޅެއް މިވަގުތު ވެސް މާކެޓުގައި އެ ބަހުރި 130 ރުފިޔާއަށް،" މިސާލެއް ނަންގަވަމުން ސައީދު ވިދާޅުވިއެވެ.
ހަމައެއާއެކު ޕެޓްރޯލް ލީޓަރެއް ރާއްޖޭގައި މިހާރު ހުރީ 16.01 ރުފިޔާއަށް ކަމަށްވީ ނަމަވެސް ސިންގަޕޫރުގައި ޕެޓްރޯލް ލީޓަރެއް ލިބެނީ 40.09 ރުފިޔާއަށް ކަމަށް ސައީދު ވިދާޅުވިއެވެ. އަދި ދުބާއީގައި 14.07 ރުފިޔާއަށް އަދި އިންޑިއާގައި 18.08 ރުފިޔާއަށް ޕެޓްރޯލް ލީޓަރެއް ލިބެން ހުރިކަން ވެސް ސައީދު ފާހަގަ ކުރެއްވިއެވެ.
ސައީދު ވިދާޅުވީ އެމްޑީޕީއިން ބޭނުން ވަނީ އަބަދުވެސް ރައްޔިތުންނަށް "ލަނޑު ދޭން" ކަމަށެވެ. އަދި އެ ޕާޓީން މި ވާހަކަތައް ދައްކަނީ ސިޔާސީ މަގުސަދެއް ހާސިލްކުރުމަށް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދި އިގްތިސޯދު ރަނގަޅުކުރުމަށް މި ސަރުކާރުން މަސައްކަތްކުރާއިރު، އެމްޑީޕީއިން އެކަން ބަލައިނުގަންނަ ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.
އެމްޑީޕީގެ ޗެއާޕާސަން އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި މުޒާހަރާ އޮންނާނީ މި މަހުގެ 12 ވަނަ ދުވަހުގެ ހަވީރު 16:30 ގައި ސޯޝަލް ސެންޓަރު ކައިރީގައެވެ. މި މުޒާހަރާ އިއުލާންކުރައްވަމުން، ބާޒާރުގައި މިހާރު ތަކެތީގެ އަގުތައް ހުރި މިންވަރު އަންގައިދޭ ލިސްޓެއް ނަޝީދު ވަނީ އާންމުކުރައްވާފައެވެ.
މިދިޔަ ބުދަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ހަރުގެ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، ރާއްޖޭން ޑޮލަރު ހުސްވެ، ރައްޔިތުންނަށް ތަހައްމަލުކުރަން ދަތިވާ މިންވަރަށް އަސާސީ ތަކެތީގެ އަގު އުފުލިފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި މިހެން ދިމާވީ މި ސަރުކާރަށް ހިލޭ އެހީއާއި ދަރަނީގެ ގޮތުގައި ވެސް ޑޮލަރު ނުގެނެވުމުންނެވެ.
ރާއްޖޭގެ އިގުތިސާދީ ހާލަތާ ގުޅޭގޮތުން އޭޝިއަން ޑިވެލޮޕްމެންޓް ބޭންކް (އޭޑީބީ) އިން މި މަހުގެ ނުވަވަނަ ދުވަހު ނެރުނު ރިޕޯޓެއްގައި ލަފާކޮށްފައިވާ ގޮތުގައި، މި އަހަރު ރާއްޖޭގެ އިގުތިސާދީ ކުރިއެރުން ހުންނާނީ އެންމެ 1.0 އިންސައްތައިގައެވެ. މިއީ މިދިޔަ އަހަރު ރާއްޖޭގެ އިގުތިސާދު ކުރިއަރާފައިވާ 6.3 އިންސައްތައާ އަޅައިބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. އޭޑީބީން ލަފާކުރާ ގޮތުގައި ރާއްޖޭގެ އިންފްލޭޝަން ރޭޓު ނުވަތަ ތަކެއްޗާއި ޚިދުމަތުގެ އަގުތައް 5.0 އިންސައްތައަށް އުފުލޭނެއެވެ.
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތެލާއި ދަތުރުފަތުރާއި ކާބޯތަކެތީގެ އަގު އުފުލޭތީ، ރާއްޖެ ފަދަ އިމްޕޯޓަށް ބަރޯސާވެފައިވާ ގައުމުތަކަށް އޭގެ އަސަރު ބޮޑުވާނެ ކަމަށް އެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.