މިހާރުގެ އިންފޮމޭޝަން ކޮމިޝަނަރު އާހިދު ރަޝީދުގެ ދައުރު އަންނަ މަހުގެ ތެރޭގައި ހަމަ ވާތީ އެ މަގާމަށް ކުރިމަތިލުމަށް ރައީސް އޮފީހުން މިއަދު އިއުލާންކޮށްފިއެވެ.
އާހިދުގެ ފަސް އަހަރުގެ ދައުރު އަންނަ މަހުގެ ހަޔަކަށް ހަމަވާނެއެވެ. އެހެންވެ އެ މަގާމަށް ކުރިމަތިލާން މިއަދު ވަނީ ހުޅުވާލާފައެވެ.
ރައީސް އޮފީހުން ކުރި އިއުލާނުގައި ވަނީ އެ މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 16 ވަނަ ދުވަހުގެ މެންދަމު 12:00 ކަމަށެވެ. އަދި ފޯމު ބަލައިގަންނާނީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 8:30 އިން މެންދުރު 12:00 އަށް ކަމަށް އެ އިއުލާނުގައިވެއެވެ. އަދި ކުރިމަތިލާ ފޯމާއި ލިޔެކިޔުންތައް ރައީސް އޮފީހުގެ ވެބްސައިޓުން ލިބޭނެ ކަމަށް އެ އޮފީހުން ބުންޏެވެ.
އާހިދުގެ ދައުރު ހަމަވާން ގާތްވެފައި ވާއިރު، އޭނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒު މި ފަހުން ވަރަށް ބޮޑަށް ފާޑުވިދާޅުވި ބޭފުޅެކެވެ.
މިނިވަން ދުވަހުގެ ތަގުރީރުގައި ރައީސް ވަނީ އާހިދުއަށް ތުހުމަތުތަކެއް ކުރައްވާފައެވެ. އެގޮތުން އާހިދު މަސައްކަތް ކުރައްވަނީ އިދިކޮޅު ފަރާތްތަކުން އަންގާ ގޮތަށް ކަމަށް ރައީސް ތުހުމަތުކުރެއްވިއެވެ.
މި ތުހުމަތުތައް ކުރެއްވީ ސިޔާސީ މުވައްޒަފުންގެ ތަފްސީލު ހާމަނުކުރުމުން ރައީސް އޮފީސް ޖޫރިމަނާ ވެސް ކޮށްފައި ވަނިކޮށެވެ. އެއީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މައުލޫމާތު ދޭން އެންގުމުން ވެސް ނުދިން މައްސަލައެއްގައެވެ.
އެކަމާ ގުޅިގެން އާހިދު ވިދާޅުވީ، އޭނާއަކީ ވަކި ސަރުކާރެއްގެ ދައުރުގައި އައްޔަން ކުރައްވާފައިވާ ބޭފުޅަކަށް ވާތީ މަސައްކަތް ކުރައްވަނީ ވަކި އޯޑަރަކަށް ނޫން ކަމަށެވެ. ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި ވެސް އަދި މިވެރިކަމުގައި ވެސް އޭނާގެ މަސައްކަތަށް ސީދާ ނުފޫޒު ފޯރުވަން ސަރުކާރުތަކުން މަސައްކަތް ކޮށްފައި ނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތަކުން މައުލޫމާތު ހިފަހައްޓާ މައްސަލަ ވެސް ވަނީ ބޮޑުވެފައެވެ.