ރައީސް ޑރ. މުހައްމަދު މުއިއްޒު، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމަށް އަބްދުލްއަޒީޒް ޖަމާލް އަބޫބަކުރު މިއަދު އައްޔަނުކުރައްވައިފިއެވެ.
މި މަގާމަށް އަޒީ އައްޔަނުކުރެއްވީ، ރައްޔިތުންގެ މަޖިލީހަށް ނަން ހުށަހަޅައި، މަޖިލީހުގެ ރުހުން ލިބުމުންނެވެ.
ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގައި ކަމުގައި ހުންނެވި، އަޒީ އެ މަގާމަށް އައްޔަނުކުރުމަށް މަޖިލީހުން ރުހުން ދީފައި ވަނީ، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިންޓަވިއު ކުރުމަށް ފަހުގައެވެ.
ކޮމިޓީން ވެސް ވަނީ އޭނާއަށް 75 އިންސައްތައަށް ވުރެ މަތިން މާކްސް ލިބިފައިވާތީ ރުހުން ދޭން ފެންނަ ކަމަށް ނިންމާފައެވެ. އޭގެފަހުން، މިދިޔަ މަހުގެ 26ގައި ބޭއްވި މަޖިލީހުގެ ޖަލްސާގައި، އަޒީ އެ މަގާމަށް އައްޔަނުކުރުމަށް ފެންނަ ކަމަށް 47 މެންބަރުން ވޯޓުދެއްވިއެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ، 11 މެންބަރުންނެވެ.
އަޒީ އެ މަގާމަށް އައްޔަނުކުރެއްވީ، އެ މަގާމުގައި ހުންނެވި އަހުމަދު އާހިދު ރަޝީދުގެ ފަސް އަހަރުގެ ދައުރު މިއަދަށް ހަމަވުމުންނެވެ.
މަގާމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އިތުރު ބޭފުޅުން ކުރިމަތިލެއްވި ނަމަވެސް، މަޖިލީހަށް ފޮނުއްވީ ހަމައެކަނި އަޒީޒުގެ ނަންފުޅެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުން ޢަޒީ ވިދާޅުވީ، މައުލޫމާތު ހޯދައި ލިބުމުގެ ހައްގުގެ ގާނޫނުގެ މަގުސަދަކީ ރައްޔިތުންނަށް މައުލޫމާތު ހޯދައިދިނުން ކަމަށާއި އެ މަގުސަދު ހާސިލުކުރައްވާނީ ޑިޕްލޮމަސީގެ ތެރެއިން ކަމަށެވެ.
އެގޮތުން، ރައްޔިތުން ހުށަހަޅާ ކަންކަމުގައި މައުލޫމާތު ފޯރުކޮށްދިނުމަށް އިދާރާތަކާ މަޝްވަރާ ކުރައްވާނެ ކަމަށާއި އާންމު އަޑުއެހުންތައް ބާއްވާނީ އެއްވެސް ގޮތަކުން އެ މައުލޫމާތު ނުލިބުމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ޢަޒީޒަކީ 22 ޖުލައި 2014 އިން 22 ޖުލައި 2019 އަށް އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމު އަދާކުރެއްވި ބޭފުޅާއެވެ. މީގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރުކަން ވެސް ކުރެއްވި އަޒީއަކީ ތައުލީމީ ދާއިރާއަށް 22 އަހަރަށް ވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައިވާ ބޭފުޅެކެވެ.
ދިވެހި ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ކުރެއްވި ޚިދުމަތުގެ އަގުވަޒަންކުރުމުގެ ގޮތުން 2020 ވަނަ އަހަރު އޭނާއަށް ވަނީ ގައުމީ އިނާމު ވެސް ލިބިވަޑައިގެންފައެވެ.
އަޒީގެ ފުރަތަމަ ދައުރުގައި ކޮމިޝަނަށް ހުށަހެޅުނު ގިނަ މައްސަލަތައް ބޭރުކޮށްލާފައިވާތީ އާއި ގިނަ އަޑުއެހުންތައް ސިއްރުން ބާއްވާފައިވާތީ، އޭނާ އަލުން އެ މަގާމަށް އައްޔަންކުރުމާ މެދު ޓްރާންސްޕޭރެންސީ މޯލްޑިވްސް ފަދަ ޖަމިއްޔާތަކުންނާއި އާންމުންގެ ބައެއް ފަރާތްތަކުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.