ހިތުގެ ބަލިތަކުން ރައްކާތެރިވުމަށް އޮތް އެންމެ މުހިންމު ފިޔަވަޅަކީ ދިރިއުޅުމުގެ އާދަތައް ރަނގަޅު ގޮތުގައި ބައްޓަންކުރުމެވެ. ދުންފަތުގެ އިސްތިއުމާލު ނުކުރުމާއި، ކަސްރަތުކުރުމާއި، ފައިދާހުރި ކާނާ ކެއުމުގެ އިތުރުން، އެކަށީގެންވާ ވަރަށް ނިދުމާއި އެކަށީގެންވާ ބަރުދަނެއްގައި ހަށިގަނޑު ބެހެއްޓުމަކީ ހިތުގެ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކޮށްދޭނެ ކަންކަމެވެ. މީގެ އިތުރުން، ސިއްހީ ހިދުމަތްތެރިންގެ ލަފާގެ މަތިން ކޮލެސްޓްރޯލް، ލޭގެ ޕްރެޝަރު އަދި ލޭގައި ހަކުރު ހުންނަ މިންވަރު އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމަކީ ވެސް މުހިންމު ކަމެކެވެ.
ދުންފަތުގެ އިސްތިއުމާލުކުރާ މީހެއް ނަމަ، އެކަން ހުއްޓާލުމަކީ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމެވެ. ގޭތެރޭގައި އެހެން މީހަކު ދުންފަތުގެ އިސްތިއުމާލުކުރާ ނަމަ، އެކަން ހުއްޓާލުމަށް ބާރުއެޅުމަކީ ވެސް މުހިންމު ކަމެކެވެ. ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލުމަކީ އުނދަގޫ ކަމަކަށް ވިޔަސް، ހިތުގެ ބައްޔެއް ނުވަތަ ސްޓްރޯކެއް ޖެހުމަށްފަހު އެކަމުން އަރައިގަތުމަކީ ނުވަތަ ދާއިމީ ހިތުގެ ބައްޔަކާއެކު އުޅުމަކީ މާ އުނދަގޫ ކަމެކެވެ.

މީގެ އިތުރުން، ފައިދާހުރި ކާނާ ކެއުމަކީ ހިތުގެ ބަލިތަކާ ދެކޮޅަށް ބޭނުންކުރެވޭނެ އެންމެ ވަރުގަދަ އެއް ހަތިޔާރެވެ. ކާނާގެ ސަބަބުން ކޮލެސްޓްރޯލް، ލޭގެ ޕްރެޝަރު، ލޭގެ ހަކުރު އަދި ބަރުދަނަށް ބަދަލު އާދެއެވެ. ކެއުމުގައި ވިޓަމިން، މިނަރަލް އަދި ފައިބަރު އެކުލެވޭ، ނަމަވެސް ކެލަރީ މަދު ކާނާ އިހުތިޔާރުކުރުން މުހިންމެވެ. ތަރުކާރީ، މޭވާ، ގޮވާމުގެ ބާވަތްތައް، ފެޓް މަދު ޑެއިރީ އުފެއްދުންތައް، ހަން ނުހިމެނޭ ކުކުޅު، މަސް، ލެގިއުމްސް، ނޮންޓްރޮޕިކަލް ތަރުކާރީ ތެޔޮ އަދި ނަޓްސް ހިމެނުމަށް އިސްކަންދޭން ޖެހެއެވެ. ސެޗުރޭޓެޑް އަދި ޓްރާންސް ފެޓް، ރެޑް މީޓް، ޕްރޮސެސްކޮށްފައިވާ މަސް، އިތުރުކޮށްފައިވާ ހަކުރު، ހަކުރު އަޅާފައިވާ ބުއިންތައް އަދި ލޮނު އެކުލެވޭ މިންވަރު މަދުކުރަން ޖެހެއެވެ.
ބަރުދަން އެއްވަރެއްގައި ހިފެހެއްޓުމަށްޓަކައި، ކެއުމާއި ކަސްރަތުކުރުން ބެލެންސްކޮށް، އެތެރެވާ ކެލަރީއާ އެއްވަރަށް ކެލަރީ އަންދާލަން ޖެހެއެވެ. ކޮންމެ ދުވަހަކުވެސް ކަސްރަތުކުރުމަށް އާދަކުރުން މުހިންމެވެ. ހަފްތާއަކު މަދުވެގެން 150 މިނެޓު މެދުމިނުގެ ކަސްރަތެއް ކުރުމުން ލޭގެ ޕްރެޝަރާއި ކޮލެސްޓްރޯލް ދަށްކުރުމަށް އެހީތެރިވެދެއެވެ.
ލޭގައި ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކުރުމަށްޓަކައި ސެޗުރޭޓެޑް ފެޓް ބޭނުންކުރާ މިންވަރު މަދުކޮށް، ޓްރާންސް ފެޓް ބޭނުންކުރުމުން ދުރުހެލިވާން ޖެހެއެވެ. ކޮލެސްޓްރޯލްގެ ޖުމްލަ މިންވަރުގައި އެލްޑީއެލް، އެޗްޑީއެލް އަދި ޓްރައިގްލިސެރައިޑްސް ހިމެނެއެވެ. "ގޯސް" ކޮލެސްޓްރޯލްގެ ގޮތުގައި ބެލެވޭ އެލްޑީއެލް ހުންނަ މިންވަރު 70 އެމްޖީ/ޑީއެލް އަށްވުރެ ދަށްކޮށް ހުރުމަކީ ހިތުގެ ސިއްހަތަށް ރަނގަޅު ކަމެކެވެ. ނަމަވެސް، ފަރުވާ ކަނޑައެޅުމުގައި ހަމައެކަނި މި އަދަދަށް ބަރޯސާވެގެން ނުވާނެއެވެ. "ރަނގަޅު" ކޮލެސްޓްރޯލް ނުވަތަ އެޗްޑީއެލް މަތިވުމަކީ ފައިދާހުރި ކަމެކެވެ. މިއާ ހިލާފަށް، އެޗްޑީއެލް ދަށްވުމަކީ ހިތުގެ ބަލިތަކުގެ ނުރައްކާ ބޮޑުވާ ކަމެކެވެ. އާއިލީ ގޮތުން ވާރުތަކުރުމާއި، "ޓައިޕް 2" ހަކުރުބަލި ހުރުމާއި، ދުންފަތުގެ އިސްތިއުމާލުކުރުމާއި، ބަރުދަން އިތުރުވުމުގެ އިތުރުން ހަރަކާތްތެރިވެ ނޫޅުމަކީ އެޗްޑީއެލް ދަށްވާ ސަބަބުތަކެވެ.

ޓްރައިގްލިސެރައިޑްސް އަކީ ހަށިގަނޑުގައި އެންމެ އާންމުކޮށް ހުންނަ ސަރުބީގެ ބާވަތެވެ. މިއާއެކު އެޗްޑީއެލް ދަށްވެ، އެލްޑީއެލް މަތިވުމުން ލޭހޮޅިތަކުގައި ސަރުބީ ޖަމާވެ، އެތެރެ ހަނިވުމަށް (އެތެރޯސްކްލެރޯސިސް) މަގުފަހިވެއެވެ. މީގެ ސަބަބުން ހިތުގެ ބަލިތަކާއި ސްޓްރޯކް ޖެހުމުގެ ނުރައްކާ ބޮޑުވެއެވެ.
މީގެ އިތުރުން، ލޭގެ ޕްރެޝަރު މަތިވުމަކީ ސްޓްރޯކް ޖެހުމަށް މަގުފަހިކުރުވާ މައިގަނޑު އެއް ސަބަބެވެ. ލޭގެ ޕްރެޝަރު އެންމެ އެކަށީގެންވާ މިންވަރަކީ 120/80 އެމްއެމް އެޗްޖީ އަށްވުރެ ދަށްކޮށް ހުރުމެވެ. ހަކުރުބައްޔަކީ އުމުރުދުވަހަށް ދެމިގެންދާ ބައްޔަކަށް ވާއިރު، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރެވުނު ނަމަވެސް، މިއީ ހިތުގެ ބަލިތަކާއި ސްޓްރޯކްގެ ނުރައްކާ ވަރަށް ބޮޑަށް އިތުރުކުރާ ކަމެކެވެ. ބަރުދަން ލުއިކުރުމަކީ އުނދަގޫ ކަމަކަށް ވިޔަސް، ހަށިގަނޑުގެ ބަރުދަނުގެ ފަސް އިންސައްތައާއި 10 އިންސައްތައާ ދެމެދުގެ މިންވަރެއް ލުއިކޮށްލުމުންވެސް ބަލިތަކުގެ ނުރައްކާ ކުޑަކުރެވެއެވެ.
ރޭގަނޑު ރަނގަޅަށް ނިދުމަކީ ހިތުގެ ސިއްހަތަށް ކޮންމެހެން ބޭނުންތެރި ކަމެކެވެ. ނިދާ މިންވަރާއި ނިދީގެ ފެންވަރުގެ ސަބަބުން ކެއުމުގެ އާދަތަކާއި، މޫޑާއި، ހަނދާނާއި، އެތެރެހަށީގެ ގުނަވަންތަކަށް އަސަރުކުރެއެވެ. މާ ގިނައިން ނިދުމާއި މާ މަދުން ނިދުމަކީވެސް ގެއްލުންހުރި ކަމެކެވެ. ބޮޑެތި މީހުން ރޭގަނޑު ހަތް ގަޑިއިރާއި ނުވަ ގަޑިއިރާ ދެމެދުގެ ވަގުތެއް ނިދުމަށް ހޭދަކުރަން ޖެހެއެވެ. ދުވާލު ކަސްރަތުކުރުމާއި، ނިދުމުގެ ކުރިން ވަކި އާދަތަކެއް ގެންގުޅުމާއި، ނިދާ ކޮޓަރިއަށް އިލެކްޓްރޯނިކް ސާމާނު ނުވެއްދުމަކީ ނިދީގެ ފެންވަރު ރަނގަޅުކޮށްދޭނެ ކަންކަމެވެ.

މީގެ އިތުރުން، ސްޓްރެސްވުމަކީ ދުންފަތުގެ އިސްތިއުމާލުކުރުން ފަދަ ނުރަނގަޅު އާދަތަކަށް މަގުފަހިކުރުވާ ކަމެކެވެ. ދާއިމީކޮށް ސްޓްރެސްވުމުން ލޭގެ ޕްރެޝަރު މަތިވެ، ހިތުގެ ބަލިތަކާއި ސްޓްރޯކްގެ ނުރައްކާ އިތުރުވެއެވެ. ކަސްރަތުކުރުމާއި، އާއިލާއާއި ރައްޓެހިންނާއެކު ވަގުތު ހޭދަކުރުމާއި، ރިލެކްސްވުމަށް ކުރެވޭ ކަންކަން ކުރުމަކީ ސްޓްރެސް ކުޑަކުރުމަށް އެހީތެރިވެދޭނެ ކަންކަމެވެ. ބަނގުރާ ބުއިމަކީ ލޭގެ ޕްރެޝަރު މަތިކޮށް، ކާޑިއޯމަޔޯޕަތީ، ސްޓްރޯކް، ކެންސަރު ފަދަ ބަލިތަކަށް މަގުފަހިކުރުވާ ކަމެކެވެ. އަދި މިއީ ޓްރައިގްލިސެރައިޑްސް މަތިވުމާއި، ހިތުގެ ވިންދު ޖަހާ ގޮތް ބަދަލުވުމާއި، އޮބީސިޓީ، އަމިއްލައަށް މަރުވުން އަދި އެކްސިޑެންޓްތަކަށް ވެސް މަގުފަހިކުރުވާ ކަމެކެވެ.
ދިރިއުޅުމުގެ އާދަތަކަށް ގެންނަ ކުދިކުދި ބަދަލުތަކުންވެސް ދިގު މުއްދަތެއްގައި ސިއްހަތަށް ބޮޑެތި ފައިދާތަކެއް ކުރާނެއެވެ. ހަށިގަނޑަށް ފައިދާހުރި ކާނާ ކެއުމާއި، ބަރުދަން ކޮންޓްރޯލްކުރުމާއި، ހަރަކާތްތެރިވެ އުޅުމަށްޓަކައި ސިއްހީ ހިދުމަތްތެރިންގެ ލަފަޔާއި އިރުޝާދު ހޯދުމަކީ މުހިންމު ކަމެކެވެ. ހަކުރުބަލި ފަދަ ބަލިތައް ހުންނަ މީހުން ގަވާއިދުން ޑޮކްޓަރަށް ދައްކައި، ލޭގައި ހަކުރު ހުންނަ މިންވަރު ކޮންޓްރޯލްކުރުމަށް ބޭސް ނުވަތަ އިންސިއުލިން ބޭނުންކުރަން ޖެހިދާނެއެވެ. މިކަންކަމަށް ސަމާލުކަންދީގެން ދިރިއުޅުމުގެ އާދަތައް ބައްޓަންކުރުމަކީ ހިތުގެ ބަލިތަކުން ދުރުވެ، ދުޅަހެޔޮ ސިއްހަތެއްގައި ދެމިހުރުމަށް އެޅޭނެ އެންމެ މުހިންމު ފިޔަވަޅެވެ.