ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް ސައިކޮލޮޖިސްޓުން މުހިއްމުވަނީ ކީއްވެ؟

ސައިކޮލޮޖިސްޓެއްގެ އެހީތެރިކަން ބޭނުންވަނީ ހަމައެކަނި ނަފްސާނީ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށް ނޫންކަމަށް ނަފްސާނީ އިލްމުވެރިން ވިދާޅުވޭ--ފޮޓޯ/އީއެމްސީ

ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި ސައިކޮލޮޖިސްޓެއްގެ އެހީތެރިކަން ބޭނުންވަނީ ހަމައެކަނި ނަފްސާނީ ބޮޑެތި ބަލިތައް ތަހައްމަލުކުރާ މީހުންނަށެވެ. ނަމަވެސް މިއީ މުޅިން ރަނގަޅު ވިސްނުމެއް ނޫނެވެ.

ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމަށްޓަކައި ސިއްހީ ފަރުވާ ބޭނުންވާ ފަދައިން، ދިރިއުޅުމުގައި ކުރިމަތިވާ ހާސްކަމާއި ނުތަނަވަސްކަމުން އަރައިގަތުމަށާއި، އިހުސާސްތައް ކޮންޓްރޯލްކުރުމަށާއި، އިޖުތިމާއީ ގުޅުންތައް ދެމެހެއްޓުމަށްޓަކައި ނަފްސާނީ ދުޅަހެޔޮކަމަށް ކުރިއާލާ ސަމާލުކަން ދިނުމަކީ ނުހަނު މުހިންމު ކަމެކެވެ.

ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ޕްރެޝަރާއި، ދިރިއުޅުމަށް އަންނަ ބަދަލުތަކާއި، ކޮންމެ ދުވަހަކު ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ސައިކޮލޮޖިސްޓެއްގެ ލަފާ ހޯދުމަކީ މީހާ "މޮޔަވުން" ނުވަތަ ބޮޑު މައްސަލައެއް އުޅުމެއް ނޫނެވެ.

އޭގެ ބަދަލުގައި، ސައިކޮލޮޖިސްޓަކަށް ކުރެވޭނެ ކަމަކީ، ތިމާގެ ހާލަތު ދެނެގަތުމަށް އެހީތެރިވެދީ، ހާސްކަން އިތުރުވާ ސަބަބުތައް ދެނެގަނެ، ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން އެކަންކަމާ ކުރިމަތިލާނެ ދުޅަހެޔޮ ގޮތްތައް ދަސްކޮށްދިނުމެވެ.

ތިމާގެ އިހުސާސްތަކާއި، ވިސްނުން ހުންނަ ގޮތާއި، އަމަލުތަކާއި އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަން ދެނެގަނެ، ހާލަތު އިތުރަށް ގޯސްވުމުގެ ކުރިން އެކަންކަމާ ކުރިމަތިލާނެ ގޮތްތައް ސައިކޮލޮޖިސްޓުން ކިޔައިދޭ--ފޮޓޯ/އީއެމްސީ

ސައިކޮލޮޖިސްޓުންގެ ދައުރު ދެނެގަތުމަކީ ނަފްސާނީ ދުޅަހެޔޮކަމާ މެދު މުޖުތަމައުގައި އޮންނަ ނުބައި ތަޞައްވުރުތައް ނައްތާލުމަށާއި، ނަފްސާނީ ދުޅަހެޔޮކަމަކީ ދިރިއުޅުމުގެ މުހިއްމު ބައެއްކަން އާއްމުންނަށް އަންގައިދީ ހޭލުންތެރިކުރުވުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ.

ސައިކޮލޮޖިސްޓުންގެ ދައުރަކީ ހަމައެކަނި ކައުންސެލިންގް ދިނުން ނޫންކަން ގިނަ ބަޔަކަށް ނޭނގެއެވެ. ސައިކޮލޮޖިސްޓުންނަކީ ސައިންޓިފިކް އުސޫލުތައް ބޭނުންކޮށްގެން މީހާގެ ނަފްސާނީ ހާލަތު ރަނގަޅުކޮށް، ދިރިއުޅުމުގެ ފެންވަރު އުފުލައިދިނުމުގެ ގާބިލުކަން ލިބިފައިވާ ބައެކެވެ.

އެގޮތުން ތިމާގެ އިހުސާސްތަކާއި، ވިސްނުން ހުންނަ ގޮތާއި، އަމަލުތަކާއި އަދި ނަފްސާނީ ދުޅަހެޔޮކަމަށް އަސަރުކުރާ ކަންކަން ދެނެގަތުމަށް ސައިކޮލޮޖިސްޓުން އެހީތެރިވެދެއެވެ. އަދި ހަމައެއާއެކު، ދިރިއުޅުމަށް އަންނަ ބޮޑެތި ބަދަލުތަކާ އެކު ދިމާވާ ދަތި ވަގުތުތަކުގައި ސައިކޮލޮޖިސްޓުންނަކީ ތިމާގެ އިހުސާސްތައް ތަރުތީބުކޮށް، ނަފްސާނީ ބުރަ ކުޑަކުރުމަށް އެހީތެރިވެދޭނެ ފަންނީ އެހީތެރިންނެވެ.

އިންޑޮނޭޝިއާގެ މަޝްހޫރު ސައިކޮލޮޖިސްޓް، ޑްރާ. ރާޓޫ އަދޭ ވަޒްނާ ސޮފްވަތު ވިދާޅުވެފައިވާ ގޮތުގައި، ނަފްސާނީ ދުޅަހެޔޮ އުސޫލުތައް ދަސްކޮށްދިނުމާއި، އަމިއްލަ ނަފްސު ތަރައްގީކުރުމަށް އެހީތެރިވެދީ ކޮންމެ މީހެއްގެ ބޭނުންތަކަށް ރިއާޔަތްކޮށް، ނަފްސާނީ އެސެސްމަންޓްތައް ހެދުމާއި، ކައުންސެލިންގް އަދި ސައިކޯތެރަޕީ ފަދަ ހިދުމަތްތައް ދިނުމުގެ ގާބިލުކަން ސައިކޮލޮޖިސްޓުންނަށް ލިބިފައިވެއެވެ.

މީގެއިތުރުން، އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ބޮޑުކުރުމާއި، ކަންކަމަށް ހޭނުމުގެ ގާބިލުކަން އިތުރުކުރުމާއި، މުއާމަލާތްކުރުމުގެ ހުނަރު ރަނގަޅުކުރުން ފަދަ ކަންކަމުގައިވެސް ސައިކޮލޮޖިސްޓުން އެހީތެރިވެދޭ ކަމަށް އޭނާ ވިދާޅުވެއެވެ.

ނަފްސާނީ ދުޅަހެޔޮކަން ދެމެހެއްޓުމަށްޓަކައި ކުރެވިދާނެ ބައެއް ކަންކަން ދައްކުވައިދޭ ޕޯސްޓަރެއް--ފޮޓޯ/މީޑިއަމް

ސައިކޮލޮޖިސްޓް، ވަޒްނާ ސޮފްވަތުގެ އިރުޝާދަކީ، ނަފްސާނީ އެހީ ހޯދުމަށް ބޮޑު ބައްޔެއް ޖެހެންދެން މަޑު ނުކުރުމެވެ. ސައިކޮލޮޖިސްޓެއްގެ ފަންނީ އެހީތެރިކަން ތިމާއަށް ބޭނުންވާނެ ހާލަތްތަކުގެތެރޭ، ގިނަ ދުވަސްތަކެއް ވަންދެން ދެރަވުން، ހާސްވުން ނުވަތަ މާޔޫސްވުން، ނިދުމުގެ އާދަތަކަށް ނުވަތަ ކެއުމަށް ބޮޑެތި ބަދަލުތަކެއް އައުން، ރުޅި ކޮންޓްރޯލް ކުރަން އުނދަގޫވުން ނުވަތަ އަވަހަށް ޕެނިކްވުން، ކުރިން ކުރާހިތްވި ކަންކަމަށް ހުންނަ ޝައުގުވެރިކަން ގެއްލުން، ކޮންމެ ދުވަހަކު ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އުނދަގޫވުން އަދި އިހުސާސްތައް ހިއްސާކޮށްލާނެ ރައްކާތެރި މާހައުލަކަށް ބޭނުންވުން ފަދަ ކަންކަން ދިމާވުން ހިމެނެއެވެ.

ނަފްސާނީ އެހީ ހޯދުމަކަށް ދުވަހަކުވެސް ލަހެއް ނުވާނެއެވެ. އަދި ކިތަންމެ ކުރިއާލާ އެހީ ހޯދި ނަމަވެސް، މައްސަލަ ގޯސްވުމުގެ ކުރިން ހައްލުކުރުމުގެ ފުރުސަތު ބޮޑުވާނެއެވެ. ތިމާގެ ވިސްނުމާއި، އަމަލުތަކާއި ނުވަތަ އިހުސާސްތަކުގެ ސަބަބުން އާންމު ދިރިއުޅުމަށް ނުވަތަ ވަޒީފާއަށް ބުރޫއަރާނަމަ، ސައިކޮލޮޖިސްޓެއްގެ ލަފާ ހޯދުން ބުއްދިވެރިއެވެ.

ސައިކޮލޮޖިސްޓެއްގެ އެހީ ހޯދުމަކީ ބަލިކަށިކަމުގެ ނިޝާނެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ އަމިއްލަ ނަފްސަށް ދެވޭ އަޅާލުމެކެވެ. މީގެ ސަބަބުން ދުޅަހެޔޮ، އުފެއްދުންތެރި އަދި ފެންވަރު ރަނގަޅު ދިރިއުޅުމެއް އުޅުމަށް މަގުފަހިވެގެންދާނެއެވެ.

comment ކޮމެންޓް