ވިޔަފާރި ބަނދަރުތަކާ ބެހޭ ކުންފުނި އެމްޕީއެލުގައި ތިބެންޖެހޭ އަދަދަށް ވުރެ އިތުރަށް 600 މުވައްޒަފުން އެބަ ތިބި ކަމަށާއި މިހާރު ވެސް އެ ކުންފުނިން 20 މިލިއަނަށް ވުރެ ގިނަ ރުފިޔާ އިތުރަށް ބޭރުވާ ކަމަށް، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެއެވެ.
މިއީ މަޖިލީހުގެ ނައިބު ރައީސްކަމުން މިދިޔަ މެއި މަހުގެ 31ވަނަ ދުވަހު އިސްތިއުފާ ދެއްވުމަށް ފަހު ޖަލްސާއެއްގައި ނާޒިމް ބިލަކަށް ވެސް ކޮމިޓީ ރިޕޯޓަކަށް ވެސް ބަހުސްކުރެއްވި ފުރަތަމަ ފަހަރެވެ.
ފެނަކައަށް މުވައްޒަފުން ނެގުމާ ގުޅޭ ގޮތުން އޮޑިޓަރު ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ޚާއްސަ އޮޑިޓް ރިޕޯޓު މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓަށް ބަހުސްކުރައްވަމުން ނާޒިމް ވިދާޅުވީ، ރާއްޖޭގެ އިގުތިޞާދީ ހާލަތު މިއަދު އޮތީ ސަރުކާރު ހިއްސާވާ ކުންފުނިތައް ހެޔޮވަރު ވަރަކަށް ތިރިކޮށް ނުވަތަ ރައިޓް ސައިޒްކުރަން ޖެހޭ ހާލަތުގައި ކަމަށެވެ.
ނާޒިމް ވިދާޅުވީ ބާޒާރަށް ރުފިޔާ ނިކުންނަ ވަރު އިތުރުވުމުގެ ސަބަބުން ޑޮލަރުގެ އަގު 40 ޕަސެންޓު ޑީވެލިއުވެފައިވާ ކަމަށެވެ. މިސާލެއްގެ ގޮތުގައި 19ވަނަ މަޖިލީހުގެ ކޮމަންޑޫ ދާއިރާއާއި މާފުށި ދާއިރާގެ ބައި އިލެކްޝަން ނަންގަވައި، މިއީ "ބަންޑާރަ ބާލީހަށް ކަފަ ލައްވާ ގޮތަށް" ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މުވައްޒަފުން ނެގުމުގެ ނަތީޖާ ކަމަށް ނާޒިމް ވިދާޅުވިއެވެ.
މ. އަތޮޅުގެ ރަށްރަށުގައި ކަރަންޓުގެ ޚިދުމަތް ދިނުމަށް މިދިޔަ ޖޫން މަހު ސްޓެލްކޯ އާ ހަވާލުކުރިކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެ އަތޮޅުގެ ނާލާފުށްޓާއި ވޭވަށުގެ އިންޖީނުގެތައް ހިންގަން އެހާ ގިނަ މުވައްޒަފުން ބޭނުންނުވާ ކަމަށެވެ. ނާޒިމް ވިދާޅުވީ އިންޖީނުގެތައް ސްޓެލްކޯއާ ހަވާލުކުރި ފަހުން ނާލާފުށީ އިންޖީނުގޭގައި އޭރު ތިބި 19 ވަރަކަށް މުވައްޒަފުންނާއި ވޭވަށު އިންޖީނުގޭގައި އޭރު ތިބި 11 ވަރަކަށް މުވައްޒަފުން ނުލައި އެ ތަންތަން ހިންގޭ ކަމަށެވެ.

ފެނަކައިގެ ދެ މުވައްޒަފުންތަކެއް --- ފޮޓޯ: ފެނަކަ ނޭކުރެންދޫ ބްރާންޗް
އޭނާ ވިދާޅުވީ، މާލިއްޔަތު ކޮމިޓީގައި މަސައްކަތްކުރެއްވި އިރު، މަޖިލީހުގެ މިހާރުގެ ނައިބު ރައީސް އަޙްމަދު ސަލީމާއެކު އެމްޕީއެލްގެ އިސްވެރިންނާ ބައްދަލުކުރައްވައިފައި ވާނެ ކަމަށެވެ.
"ދިޔަ ދުވަހެއްގައި އެމްޕީއެލްގެ އޭރުގެ ސީއީއޯ ވިދާޅުވީ އެ ކުންފުންޏަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް 600 މުވައްޒަފުން އެ ކުންފުނީގައި ތިބި ވާހަކަ، އަޅުގަނޑުމެން މި ދައްކަނީ 600 މުވައްޒަފުންގެ ވާހަކަ، އެވަރެޖުކޮށް ވިއްސަކަށް ހާސް ރުފިޔާ ނުވަތަ ތިރީހަކަށް ހާސް ރުފިޔާގެ މުސާރަ ކަމަށް ވަންޏާ މި ދައްކަނީ މަހަކު ވިއްސަކަށް މިލިއަން ރުފިޔާ އަޅުގަނޑުމެން ބޭރުކުރާ ވާހަކަ، އެ 20 މިލިއަން ރުފިޔާ ވެސް ދާނީ ޑޮލަރުގެ ފަހަތުން، ގޮއްސަ މިހެން ވަނީ، އަނެއްކާ މީގެ ތެރެއިން ގިނަ މީހުންނަކީ ކާޑު ޖަހައިލައިފައި ގެއަށް ދާ މީހުން ކަމަށް ވަނީ،" ނާޒިމް ވިދާޅުވިއެވެ.
އުފެއްދުންތެރިކަމެއް ނެތް ގޮތެއްގައި މުވައްޒަފުން ވަޒީފާތަކަށް ނެރެންޏާ އެއީ ގައުމުގެ އިގުތިޞާދަށް އޮތް ނިކަމެތިކަމެއްގެ ގޮތުގައި ނާޒިމް ސިފަކުރެއްވިއެވެ.
އެއްވެސް ޖެހިލުމެއް ނެތި ކުންފުނިތަކުން ނަމަކަށް ވަޒީފާ ދިނުމަށް ފަހު މުވައްޒަފުން ގޭގައި ބައިތިއްބާނަމަ އޭގެން ދޭހަވަނީ ކުންފުނިތަކުގެ މެނޭޖިން ޑިރެކްޓަރުންނަށް ޒިންމާ އަދާ ނުކުރެވޭ ކަން ކަމުގައި ނާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ކުންފުނިތަކަކީ ފިޓު ކުންފުނިތަކަކަށް ހަދަން އެބަޖެހޭ،" އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި ސަރުކާރު ކުންފުނިތައް ސިޔާސީ ބޭނުމަށް ބޭނުންކުރާ މައްސަަލަ ވަނީ ވަރަށް ބޮޑުވެފައެވެ. އެހެންވެ އެ ކުންފުނިތަކުގެ ހިންގުން ގޯސްވެ، ބޮޑެތި ގެއްލުން އަންނަނީ ވަމުންނެވެ.