ބެލްޖިޔަމަށާއި އީޔޫގެ ސަފީރުކަމަށް ދިޔާނާ އައްޔަންކުރައްވައިފި

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ރާއްޖޭން ކަނޑައަޅާ ސަފީރު ކަމަށް ދިޔާނާ އައްޔަންކުރެއްވި ކަމުގެ ފަތްކޮޅު ރައީސް އަރުއްވަނީ --- ފޮޓޯ: ރައީސް އޮފީސް

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދު (އީޔޫ)އަށް ރާއްޖޭން ކަނޑައަޅާ ސަފީރުކަމަށް ކުރީގެ ބަންޑާރަނައިބު ފާޠިމަތު ދިޔާނާ ސަޢީދު މިއަދު އައްޔަންކުރައްވައިފިއެވެ.

ބެލްޖިއަމަށާއި ވިލާތުގެ އިއްތިހާދަށް ދިޔާނާ އައްޔަންކުރައްވައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދިޔާނާއަށް ފަތްކޮޅު އެރުއްވީ ރައީސް އޮފީހުގައި ހެނދުނު ބޭއްވެވި ރަސްމިއްޔާތެއްގައެވެ.

ސަފީރުކަމަށް ދިޔާނާ އައްޔަންކުރަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ދިޔާނާގެ ނަން ފޮނުއްވީ މިދިޔަ ޖުލައި މަހުގެ ހަ ވަނަ ދުވަހެވެ. ދިޔާނާއަށް މަޖިލީހުން ރުހުންދިނީ އެ މަހުގެ 29ވަނަ ދުވަހެވެ.

https://sun.mv/225291

ދިޔާނާ ވަނީ ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ބަންޑާރަނައިބުކަން ކުރެއްވުމުގެ އިތުރުން ސާކް ޖަމިއްޔާގެ ސެކްރެޓަރީ ޖެނެރަލްކަމާއި ކުރީގެ ރައީސް ޑރ. މުޙައްމަދު ވަޙީދު ޙަސަން މަނިކުގެ ސަރުކާރުގައި ޖެންޑާ މިނިސްޓަރުކަންވެސް ކުރައްވައިފައެވެ.

އޭގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ވެސް ދިޔާނާ ކުރެއްވިއެވެ.

އޭނާ ވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ޓެސްމޭނިއާއިން ބެޗެލާސް އޮފް ލޯސް ހާސިލުކުރައްވައި ޖަޕާނުގެ ޔުނިވާސިޓީ އޮފް އޮސާކާއިން ގާނޫނާއި ޕޮލިޓިކަލް ސައިންސްގެ ރޮނގުން މާސްޓާ އޮފް ލޯސް ހާސިލުކުރައްވައިފައެވެ. އަދި އިނގިރޭސިވިލާތުގެ ލެސްޓާ ޔުނިވާސިޓީން ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކާ ބެހޭ ރޮނގުން ވެސް މާސްޓާ އޮފް ލޯސް ހާސިލުކުރައްވައިފައިވެއެވެ.

comment ކޮމެންޓް