ނިމިދިޔަ އެމްޑީޕީގެ ވެރިކަމުގައި, ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ މުވައްޒަފުންނަށް 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ގަވާއިދާ ޚިލާފަށް ދީފައިވާ ޕްރޮމޯޝަންތަކުގެ މައްސަލަ ތަހުގީގުކުރުމަށް, އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
މިއަދު މަޖިލީހުގެ ތަޅުމުން ފާސްކުރީ ފެނަކައިގެ މުވައްޒަފުން ރެކުރޫޓް ކުރުމާއި ޕްރޮމޯޝަން ދިނުމާއި އަދި މުސާރައާއި އިނާޔަތްތަކާ ގުޅޭ ގޮތުން އޮޑިޓާ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރި ޚާއްސަ އޮޑިޓް ރިޕޯޓް، މާލިއްޔަތު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، މުވައްޒަފުންގެ ގަވާއިދާ ޚިލާފަށް 2022 ވަނަ އަހަރާއި 2023 ވަނަ އަހަރުގެ ތެރޭގައި ބައެއް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދީފައިވާކަން ފާހަގަކުރެވެއެވެ. އެހެންކަމުން ގަވާއިދާ ޚިލާފަށް ބައެއް މުވައްޒަފުންނަށް ވަޒީފާގެ ކުރިއެރުން ދިނުމުގައި ޒިންމާވާ ފަރާތްތައް ހޯދައި ފިޔަވަޅު އެޅުމަށްޓަކައި އެ މައްސަލަ ތަހުގީގުކުރުމަށް އޭސީސީއަށާއި ފުލުހުންގެ ޚިދުމަތަށާއި އަދި އެހެނިހެން ތަހުގީގީ އިދާރާތަކަށް ހުށަހެޅުމަށް އަންގަން ވަނީ ފާސްކޮށްފައެވެ. އަދި އެ މައްސަލަ ނިމެންދެން މަސައްކަތް ކުރިއަށްދާ ގޮތުގެ ތަފްސީލު މަހަކު އެއްފަހަރު ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ.
މި ރިޕޯޓުގައި ފެނަކަ ރައިޓްސައިޒް ކުރުމަށް ގިނަ ފިޔަވަޅުތަކެއް އެޅުމަށް ވަނީ އަންގާފައެވެ. އެގޮތުން، ކުންފުނީގެ އޮޕަރޭޝަން ފުޅާވަމުންދާ މިންވަރާއި ވޯކްލޯޑަށް ބަލައި، އެކަށީގެންވާ ކޯ ސްޓާފިންއަކަށް ބޭނުންވާ މުވައްޒަފުންގެ އަދަދު ކަނޑައެޅުމަށާއި، އިތުރު މުވައްޒަފުން ބޭނުންވާކަން ކަށަވަރުކުރުމަށްފަހު ނޫނީ ވަޒީފާތަކަށް މީހުން ނުނެގުމަށް ވަނީ އަންގާފައެވެ.
މީގެ އިތުރުން، އާންމުކޮށް އިޢުލާން ކުރުމަކާ ނުލައި މުވައްޒަފުން ނެގުމަކީ ނާޖާއިޒު ފައިދާ ހޯދައިދިނުމަށް މަގުފަހިވާ ކަމަކަށް ވާތީ، އެ ފުރުޞަތު ނުލިބޭ ގޮތަށް ކުންފުނީގެ މުވައްޒަފުންގެ ގަވާއިދު އިސްލާޙުކުރުމަށް ވަނީ އަންގާފައެވެ. އަދި ވަޒީފާއަށް އެދޭ ފަރާތްތައް ސްކްރީންކޮށް، ޝޯޓްލިސްޓްކޮށް، އިންޓަވިއު ޕްރޮސެސް ފުރިހަމަކުރުމަށްފަހު ނޫނީ މުވައްޒަފުން ނުނެގުމަށާއި، ހިއުމަން ރިސޯސަސް ޑިޕާޓްމަންޓުގެ ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާތައް މުރާޖަޢާކުރުމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި އަންގައިފައެވެ.
އިން ހައުސް ޕްރޮޖެކްޓްތަކުގެ ގޮތުގައި ފެނަކައިން ކުރިއަށްގެންދިޔަ އިންޖީނުގެތަކާއި އޮފީސްތައް ޢިމާރާތްކުރުމުގެ މަސައްކަތްތަކާ ގުޅޭ މައްސަލަތަކެއް ވެސް މި ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. އެ ޕްރޮޖެކްޓުތަކަށް ނެގި މުވައްޒަފުންނަށް މުސާރައާއި އިނާޔަތްތައް ދިނުމަށް އެކަށީގެންވާ ވަރަށްވުރެ ބޮޑު ހޭދައެއް ކޮށްފައިވާތީ، އެކަން ރާވައި ހިންގުމުގައި ޒިންމާވާ ފަރާތްތައް ޖަވާބުދާރީކުރުވުމަށް ވަނީ އަންގާފައެވެ. އޭރު އިސްކޮށް އުޅުނު މުވައްޒަފުން މިހާރު ވަޒީފާގައި ނެތް ނަމަވެސް، އެ ފަރާތްތަކުގެ މައްސަލަ އޭސީސީއާއި ފުލުހުންނަށް ހުށަހެޅުމަށް ވަނީ ނިންމާފައެވެ. ހަމައެއާއެކު، 2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް އިން-ހައުސް ޕްރޮޖެކްޓްތަކުގައި އުޅުނު ބައެއް މުވައްޒަފުންނަށް އިތުރަށް ދީފައިވާ 229،711 ރުފިޔާ އަނބުރާ ހޯދުމަށް އަންގައި، އެ ފައިސާ ހޯދިފައިވާ މިންވަރު މަހަކު އެއްފަހަރު ކޮމިޓީއަށް ރިޕޯޓުކުރުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ އިތުރުން މުވައްޒަފުންނަށް ޚާއްސަ އެލަވަންސް ދިނުމުގައި ވެސް އުސޫލުތަކެއް ކަނޑައަޅަން ވަނީ އަންގާފައެވެ. އެގޮތުން، އިތުރު މަސައްކަތް ކުރުވާނަމަ، އެ މަސައްކަތް ކުރި ދުވަސްތަކާއި ގަޑިތައް އެނގޭނޭ ގޮތަށް ރެކޯޑް ބަލަހައްޓައި، ހަމައެކަނި އެ ހޭދަކުރި ވަގުތަށް ރިއާޔަތްކޮށް އެލަވަންސް ދޭ ގޮތަށް ގަވާއިދު އިސްލާޙުކުރުމަށް ވަނީ އަންގާފައެވެ.
މި ރިޕޯޓުގައި އަންގާފައިވާ ކަންކަން ތަންފީޒުކުރަމުންދާ މިންވަރު ބެލުމަށް، އިސްލާޙުކުރާ ގަވާއިދުތަކާއި އެސްއޯޕީތައް ތިން މަސް ދުވަހުގެ ތެރޭގައި، އަދި އެލަވަންސާ ގުޅޭ ގަވާއިދު 45 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހުށަހެޅުމަށް ފެނަކައަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ތަނުގައި އޮޑިޓާ ޖެނެރަލްގެ އޮފީހުން ފެނަކަ އޮޑިޓްކުރާއިރު، މި އިސްލާޙީ ފިޔަވަޅުތައް އަޅާފައިވާ މިންވަރު ބެލުމަށް ވެސް މަޖިލީހުން ފާސްކުރި ރިޕޯޓުގައި ވަނީ ހިމަނާފައެވެ.
ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި ފެނަކައަކީ ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރުވުނު ކުންފުންޏެކެވެ. ޚާއްސަކޮށް އެކިއެކި ޕްރޮޖެކްޓްތަކުގެ ނަމުގައި އެމްޑީޕީގެ އޭރުގެ އިސް ބައެއް ބޭފުޅުންނާއި އެ ޕާޓީގެ މަޖިލިސް ބައެއް މެންބަރުންގެ ކުންފުނިތަކަށް އެތައް ޕްރޮޖެކްޓެއް, ބިޑަކާ ނުލައި ދީފައިވާކަން އޮޑިޓް ރިޕޯޓުން އެނގެއެވެ.