އިސްރާއީލު ހިމާޔަތްކުރެވޭނެ ގޮތެއް މިހާރު ނެތްކަން އެމެރިކާގެ ޔޫރަޕިއަން ކޮމާންޑުން ހާމަކޮށްފި

އެމެރިކާ ސިފައިންގެ އިސް ކޮމާންޑަރު ޖެނެރަލް އެލެކްސަސް ގްރިންކެވިޗް --

ބްރަސަލްސް (3 އޮގަސްޓް 2026): އަސްކަރީ ހަމަލާތަކުން އިސްރާއީލު ހިމާޔަތްކޮށް ދިނުމުގެ ގާބިލްކަން މި ވަގުތު އެމެރިކާގެ އަސްކަރިއްޔާގައި ނެތްކަން ޔޫރަޕްގައި ހުންނަވާ އެމެރިކާ ސިފައިންގެ އިސް ކޮމާންޑަރު ޖެނެރަލް އެލެކްސަސް ގްރިންކެވިޗް ހާމަކުރައްވައިފިއެވެ.

އޭނާ މިކަން ހާމަކުރެއްވީ އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއަށް ފޮނުއްވި ރަސްމީ ލިޔުމެއް ގައެވެ. މި ލިޔުމުގައި ޖެނެރަލް ގްރިންކެވިޗް ވިދާޅުވެފައިވަނީ މިސައިލް ހަމަލާތައް ފަދަ ހަމަލާތަކުން ޔަހޫދީ އިސްރާއީލު ދިފާއުކުރުމަށް ބޭނުންވާ ބައެއް ވަސީލަތްތަކާއި މަނަވަރުތައް އެމެރިކާގެ ޔޫރަޕިއަން ކޮމާންޑްގައި މިހާރު ނެތްކަމުގައެވެ.

ޔަހޫދީ އިސްރާއީލަކީ ހުޅަނގުގެ އިސްތިއުމާރީ ބޭނުންތައް ހާސިލް ކުރުމަށާއި އަރަބި އިސްލާމީ ދުނިޔެ ހުރިހާ ގޮތަކުން ވެސް ބަލިކަށިކޮށް ނިކަމެތި ކުރުމުގެ މަގްސަދުގައި ފަލަސްތީނުގެ ބިމުގައި އެމެރިކާއާއި ޔޫރަޕްގެ އިސްތިއުމާރީ ބާރުތައް ގުޅިގެން އުފައްދާފައިވާ ޒަޔަނިސްޓް އިސްތިއުމާރީ އެންޓިޓީއެކެވެ.

އިސްރާއީލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ނަސްލު ނައްތާލުމުގެ ޖަރީމާތަކަށާއި އަވަށްޓެރި އަރަބި ގައުމުތަކާއި އީރާނާ ދެކޮޅަށް އިސްރާއީލު ދޭ ހަމަލާތަކާއި ޓެރަރިޒަމްގެ އަމަލުތަކަށް ވާގިވެރިވެ އިސްރާއީލަށް ރައްކާތެރިކަމާއި ހިމާޔަތްދެނީ އެމެރިކާއާއި ޔޫރަޕުންނެވެ.

އިސްރާއީލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލުމުގެ ޖަރީމާތަކެއްކަން އެނގޭއިރު ވެސް އެމެރިކާއާއި ޔޫރަޕް ގެންދަނީ އިސްރާއީލާ ދެކޮޅަށް ފިޔަވަޅު އެޅުމުގެ ބަދަލުގައި އިސްރާއީލު ހިމާޔަތް ކުރުމުގެ އިތުރުން އިސްރާއީލަށް ހަތިޔާރު ވެސް ފޯރުކޮށް ދެމުންނެވެ.

އިސްރާއީލަށް އަސްކަރީ ހިމާޔަތް ދިނުމުގައި އެމެރިކާގެ ފަރާތުން މަސައްކަތްކުރަނީ އެމެރިކާގެ ޔޫރަޕިއަން ކޮމާންޑުންނެވެ. އެމެރިކާގެ ޔޫރަޕިއަން ކޮމާންޑުން މެޑިޓެރޭނިއަން ކަނޑުގައި ނޭޓޯގެ ގައުމުތަކާއި އިސްރާއީލު ހިމާޔަތް ކުުރުން ހިމެނޭގޮތަށް ކަނޑުގައި އަސްކަރީ ގިނަ އޮޕަރޭޝަންތަކެއް ހިންގަމުން ގެންދެއެވެ.

އެމެރިކާގެ ޔޫރަޕިއަން ކޮމާންޑް -- ފޮޓޯ/ އެމެރިކާގެ ޔޫރަޕިއަން ކޮމާންޑް

އެއީ އީރާނުން ކުއްލިގޮތަކަށް އިސްރާއީލަށް ދީފާނެ ރައްދު ހަމަލާތަކާއި ރަޝިއާއިން ނޭޓޯގެ ގައުމުތަކަށް ދީފާނެކަމަށް ބެލެވޭ ހަމަލާތަކުން އެގައުމުތައް ދިފާއު ކުރުމުގެ ގޮތުންނެވެ.

އެމެރިކާގެ މި އޮޕަރޭޝަންތަކުގައި އަސްކަރީ ފަސް މަނަވަރު (ޑިސްޓްރޯޔަރ) ބޭނުންކުރާއިރު މިވަރުން ނުފުދޭތީ މި އަހަރު ތެރޭގައި މިއަދަދު ހަޔަކަށް އިތުރުކުރުމަށް ޕެންޓަގަންއިންވަނީ ނިންމާފައިވެއެވެ. އެއީ އީރާނުގެ ހަތިޔާރުގެ އިންޑަސްޓްރީ އިތުރަށް ވަރުގަދަކޮށް އީރާނުގެ ޑްރޯންއާއި މިސައިލް ނިޒާމުތައް ވަރުގަދަ ކުރަމުންދާތީ ކަމަށް އެމެރިކާ ބުނެއެވެ.

އީރާންވަނީ އެ ގައުމަށް ހަމަލާދިނުމަށް އެމެރިކާ ބޭނުންކުރާ އިސްރާއީލުގެ ބޭސްތަކަށާއި ޔޫރަޕްގެ ބޭސްތަކަށް ހަމަލާދޭން ޖެހިދާނެކަމުގެ އިންޒާރުތައް އެތައް ފަހަރަކު ދީފައެވެ.

ރިޕޯޓްތައް ބުނާގޮތުން އިސްރާއީލު ދިފާއުކޮށްދިނުމުގައި މިހާރު އެމެރިކާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ އީރާނުގެ މިސައިލްތަކުގެ އަމާޒު ވަރުގަދަވުމާއި ފަޒާގެ ދާއިރާއިން އީރާން ހިންގާ ޖާސޫސީ ހަރަކާތްތައް ކުރިއާ އަޅައިބަލާއިރު ވަރަށް ބޮޑަށް އިތުރުވެ އަދި ކުރިއަރާފައި ވުމެވެ.

އެހެންކަމުން އީރާނުން އިސްރާއީލަށް ކުއްލި ހަމަލާތަކެއް ދީފާނެކަމަށް ބެލެވޭތީ އެމެރިކާގެ ޔޫރަޕިއަން ކޮމާންޑްގެ މަނަވަރުތައް އަބަދުވަނީ ހަރަކާތްތެރިވާން ޖެހިފައެވެ. މިކަމުގެ ސަބަބުން އެ މަނަވަރުތައް ބެލެހެއްޓުމާއި މަރާމާތުކުރުމުގެ މަސައްކަތްތައް އެތަށް ގުނައެއް އިތުރުވެ އިސްރާއީލު ހިމާޔަތް ކުރުމަށް ކުރަންޖެހޭ މަސައްކަތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެފައިކަމަށް ރިޕޯޓްތައް ބުނެއެވެ.

ޖެނެރަލް ގްރިންކެވިޗް އެމެރިކާގެ ދިފާއީ ވުޒާރާ ޕެންޓަގަންއަށް ފޮނުއްވި ރަސްމީ ލިޔުމުގައި މިކަންކަން ބަޔާންކުރައްވާފައިވާކަމަށް ވެއެވެ. އަދި އިތުރު މަނަވަރެއް ލިބިގެން ނޫނީ އިސްރާއީލު ހިމާޔަތްކޮށް ދިނުމުގެ އޮޕަރޭޝަންތައް ދެން ނުހިންގޭނެކަމަށް ވިދާޅުވެފައިވާކަމަށް ނިޔުޔޯކް ޓައިމްސް ބުނެއެވެ.

އިތުރު މަނަވަރެއް ނުލިބިއްޖެ ހާލަތެއްގައި އިސްކަން ދޭނީ އެމެރިކާގެ ދިފާއަށްކަމަށް ވެސް މި ލިޔުމުގައި ޖެނެރަލް ގްރިންކެވިޗް ވިދާޅުވެފައިވާ ކަމަށް ވެއެވެ.

ޖެނެރަލް ގްރިންކެވިޗް މިހެން ވިދާޅުވެފައި މިވަނީ ހަ މަސްވެފައިވާ އެމެރިކާއާއި އީރާނުގެ ހަނގުރާމަ އިތުރަށް ފުޅާވެދާނެކަމުގެ ބިރު ހީވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ ރައްދު ހަމަލާތައް އާދަޔާ ޚިލާފަށް އިތުރުވެ އީރާނުގެ ހަމަލާތައް ދިފާއުކުރުމުގައި އެމެރިކާ ބޭނުންކުރާ ދިފާއީ ގިނަ ނިޒާމުތަކެއް އީރާނުން ހަލާކުކޮށްލާފައިވާ ކަމުގެ ރިޕޯޓްތަކެއްވަނީ ފެންމަތިވެފައެވެ.

އީރާނުގެ ރައްދު ހަމަލާތަކުގައި އުރުދުން އާއި ގަލްފުގައިވާ އެމެރިކާގެ އަސްކަރީ ބޭސްތަކުގެ ބޮޑުބައި މުޅިން ފުނޑުފުނޑުވެފައިވާކަން ވެސް ވަނީ ހާމަވެފައެވެ. އީރާނުގެ ޑްރޯންތަކާއި ބަލިސްޓިކް މިސައިލްތަކާއި ކްރޫޒް މިސައިލްތަކުން ދިފާއުވުމަށް ގިނަ އަދަދަކަށް ވައިގެ ދިފާއީ ބެޓްރީތައް ބޭނުންކުރަން ޖެހުމުގެ ސަބަބުން އެމެރިކާގެ ވައިގެ ދިފާއީ ނިޒާމުތަކުގެ ބެޓްރީތަކުގެ ސްޓޮކް ވަރަށް ބޮޑަށް މަދުވެފައިވާކަން ވެސް ރިޕޯޓްތަކުންވަނީ ހާމަވެފައެވެ.

އީރާން ހިސާރުކޮށްފައިވާ ހުރްމުޒް ކަނޑުއޮޅި ހުޅުވުމުގައި އެމެރިކާ ފެއިލްވެފައިވާއިރު އީރާނުގެ ރައްދު ހަމަލާތަކުން މެދުއިރުމަތީގައިވާ އެމެރިކާގެ ބާރުތަކަށްވަނީ މިހާތަނަށް ކުރިމަތިވެފައި ނުވާވަރުގެ ބޮޑު ގޮންޖެހުންތަކެއް އެމެރިކާގެ އަސްކަރިއްޔާއަށް ކުރިމަތިވެފައިވާ ކަމަށް ކަމާބެހޭ މަސްދަރުތަކުން ބުނެފައިވެއެވެ.

comment ކޮމެންޓް