ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތައް މިއަދު ފަށަނީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު އެއާ ފޯސް ވަންގައި އާދީއްތަ ދުވަހު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. ފޮޓޯ/ރޮއިޓާސް

އީރާނާއެކު ކުރަމުންދާ ހަނގުރާމަ ނިންމުމުގެ މަޝްވަރާތައް މިއަދު ފަށާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.

ޓްރަމްޕް އެގޮތަށް ވިދާޅުވީ މަޝްވަރާތަކަށް ފުރުސަތު ދޭން އީރާނަށް އިތުރު ހަމަލާއެއް ދިނުން މަޑުޖައްސާލާފައިވާ ކަމަށް އިއްޔެ ވިދާޅުވުމަށްފަހުއެވެ.

ޓްރަމްޕް ވިދާޅުވީ، ހަނގުރާމަ ނިމުމަކަށް ގެނައުމުގެ މި މަޝްވަރާތަކުގައި ދުނިޔޭގެ ހަކަތައިގެ އަގުތައް އުފުލުމުގައި އެންމެ ބޮޑު ސަބަބަކަށް ވެފައިވާ ހުރްމޫޒް ކަނޑުއޮޅީގެ މައްސަލަ އާއި އީރާނުގެ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ ކަންކަމާ މެދު ވާހަކަދެކެވޭނެ ކަމަށެވެ.

ޓްރުތު ސޯޝަލް މީޑިއާގައި ޓްރަމްޕް ކުރިން ވިދާޅުވެފައިވާ ގޮތުގައި އެއްބަސްވުމަކަށް އައުމުގެ ފުރުސަތު އޮތުމުން އީރާނާއި މެދުއިރުމަތީގެ ގައުމުތަކުން ވަނީ ހަމަލާ ނުދިނުމަށް އެދިފައެވެ.

ނަމަވެސް ހަމަލާ ނުދޭން އެދުނު ކަމަށް ބުނާ ވާހަކަ އީރާނުން ވަނީ ދޮގުކޮށްފައެވެ.

ޓްރަމްޕް އިތުރަށް ވިދާޅުވީ ސައުދީ އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާންގެ އިތުރުން ޔުނައިޓެޑް އަރަބް އެމިރޭޓްސް، ޔޫއޭއީ އާއި ގަތަރު ވެސް ހަފުތާ ބަންދުގައި ހަމަލާ ނުދިނުމަށް އިލްތިމާސްކޮށްފައިވާ ކަމަށެވެ.

މަޝްވަރާތައް މިއަދު ފަށާނެ ކަމަށް ޓްރަމްޕް ވިދާޅުވި ނަމަވެސް ބާއްވާނެ ތަނަކާއި ވަގުތެއް ވެސް ހާމަކުރައްވާފައެއްނުވެއެވެ.

ޓްރަމްޕް ވަނީ ފެބްރުއަރީ މަހުގެ ފަހުކޮޅު އިސްރާއީލާ އެކު އީރާނާ ދެކޮޅަށް ފެށި ހަނގުރާމަ އިތުރަށް ވަރުގަދަ ކުރާނެ ކަމަށް ތަކުރާރުކޮށް އިންޒާރު ދެއްވާފައެވެ.

ހަމަލާ ނުދޭނެ ކަމަށް ޓްރަމްޕް އިއުލާން ކުރުމުން މިއަދު ހެނދުނު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށްވެފައެވެ. ބައިނަލްއަގުވާމީ ބެންޗްމާކު، ބްރެންޓް ކްރޫޑް ތެލުގެ އަގު 4.5 ޕަސެންޓް ދަށްވެ ފީފާއެއް 83.98 ޑޮލަރު (62.26 ޕައުންޑް) އަށް ވެއްޓުނުއިރު، އެމެރިކާގައި ވިޔަފާރިކުރާ ތެލުގެ އަގު 4.6 ޕަސެންޓް ދަށްވެ ފީފާއެއް 80.74 ޑޮލަރަށް ވަނީ ވެއްޓިފައެވެ.

ފެބުރުވަރީ މަހުގެ 28 ވަނަ ދުވަހު ކުރިމަތިލުން ފެށުނު ފަހުން ހަކަތައިގެ އަގުތައް އުފުލިފައި ވަނީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށް ބޯޓުފަހަރު ދަތުރުކުރުމަށް ދަތިވުމުންނެވެ.

ދުނިޔޭގެ ހަކަތައިގެ ފަސްބައިކުޅަ އެއްބައި އުފުލަނީ ހުރްމުޒް ކަނޑުއޮޅި މެދުވެރިކޮށެވެ.

comment ކޮމެންޓް