ކަނޑުއޮޅިއާ ގުޅޭ ގޮތުން އޮމާނާއެކު ކުރާ މަޝްވަރާތައް އޮތީ އެންމެ ފަހު މަރުހަލާގައި: އީރާން

އީރާނުގެ ބަންޑާރަ އައްބާސް ކައިރީގައި އޮންނަ ހުރްމުޒް ކަނޑުއޮޅީގައި އުޅަނދުތައް ބަނދަރުކޮށްފައި. ހުރްމުޒް މެދުވެރިކޮށް އާ ކަނޑު މަގެއް ހުޅުވުމާމެދު އީރާނާއި އޮމާނުން ދަނީ މަޝްވަރާ ކުރަމުން. ފޮޓޯ/ރޮއިޓާސް

ހުރްމުޒް ކަނޑުއޮޅިއާ ގުޅޭގޮތުން އޮމާނާއެކު ކުރަމުންދާ މަޝްވަރާތައް މިހާރު ވަނީ އެންމެ ފަހު މަރުހަލާއަށް ދިއުމުގެ މަގުމަތީގައި ކަމަށް އީރާނުގެ ޚާރިޖީ ވަޒީރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ޓެލެގްރާމްގައި ކުރެއްވި ޕޯސްޓެއްގައި އަރަގްޗީ ވިދާޅުވީ ކެބިނެޓަށް ހުށަހެޅުއްވި ރިޕޯޓެއްގައި ތެހެރާނާއި އޮމާނާއި ދެމެދު ކުރިއަށްދާ މަޝްވަރާތައް މިހާރު އޮތީ ނިމުމުގެ މަގުމަތީގައި ކަމަށެވެ.

ޚާރިޖީ ވުޒާރާގެ ތަރުޖަމާނު އިސްމާއީލް ބަޣާއީ ވިދާޅުވީ މިހާރު ހުރި ކޯރިޑޯތަކާ ވަކިން ހޮރްމުޒް މެދުވެރިކޮށް އާ ކަނޑު މަގެއްގެ އެއްބަސްވުމަކަށް އައުމާ ގާތްވެފައިވާ ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މިދަނީ ދެ ފަރާތަށް ވެސް ގަބޫލުކުރެވޭ މަގަކަށް ނަމަވެސް ދެ ފަރާތުގެ އިސްތިގުލާލީ ހައްގުތަކަށް އިހުތިރާމްކޮށް އަޅުގަނޑުމެންގެ ގައުމީ މަސްލަހަތާއި ސަލާމަތީ ކަންކަން ރައްކާތެރިކުރާ މަގަކަށް." ދައުލަތުގެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ބަޣާއީ ވިދާޅުވިއެވެ.

އެކަމާ ގުޅިގެން އޮމާނުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

އާ މަގާ ގުޅޭ ތަފްސީލު ސާފު ނުވި ނަމަވެސް ހަނގުރާމަ ފެށުނު ފަހުން އީރާނުން ވަނީ އެ ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލް ދަމަހައްޓާފައެވެ.

ބަޣާއީ ކުރިން ވިދާޅުވެފައި ވަނީ އީރާނާއި އޮމާނާ ދެމެދު މަޝްވަރާކުރާ އާ މަގާ ހޮރްމުޒް ކަނޑުއޮޅި އަލުން ހުޅުވުމާ ނުވަތަ ބަންދުކޮށްފައި އޮތުމާ ގުޅުމެއް ނެތް ކަމަށެވެ.

އީރާނުގެ ގާނޫނުހަދާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޝަނުގެ ތަރުޖަމާނު ހަސަމް ޣަޝްޣަވީއާ ހަވާލާދީ އީރާނުގެ އެސްއެންއެން ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި ޖޫން މަހުގެ އެމްއޯޔޫ އަލުން އެކުލަވާލުމަށް މަޝްވަރާތަކުގެ މެދުވެރިން މަސައްކަތް ކުރަމުންދާ ކަމަށާއި، ހޮރްމުޒް އަކީ މައިގަނޑު މައްސަލައެއްގެ ގޮތުގައި ދެމިއޮތްކަން އެނގޭ ކަމަށެވެ.

އީރާނަށް މި ހަފްތާ ދޭން އުޅުނު ހަމަލާތައް މަޑުޖައްސާލީ، ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވައި އީރާނުން ނިއުކްލިއާ ނައްތާލުން ޝަރުތުކޮށް ހަނގުރާމަ ހުއްޓާލުމުގެ އާ އެއްބަސްވުމަކަށް ފުރުސަތު ދިނުމަށް ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްްޕް ވަނީ ވިދާޅުވެފައެވެ.

ފެބްރުއަރީ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލުން ވަނީ އީރާނުގެ މިސައިލް ޕްރޮގްރާމް ނައްތާލުމާއި ނިއުކްލިއާ ހަތިޔާރު ހުއްޓުވުމުގެ ގޮތުން އީރާނަށް ހަމަލާ ދީފައެވެ.

އެ ހަމަލާތައް ހުއްޓުމަށް ޖޫން މަހު ވީ އެއްބަސްވުން، ކަނޑުއޮޅިން ބޯޓުފަހަރު ދަތުރުކުރާ މަގުތަކާމެދު އުފެދުނު މައްސަލައެއްގައި ވަނީ އުވިފައެވެ. އޭގެފަހުން ޖުލައި މަހު އަނެއްކާވެސް ވަނީ ހަމަލާތައް ބަދަަލު ކުރަން ފަށާފައެވެ.

comment ކޮމެންޓް