އެޕަލްގެ ކުރިއަށްހުރި އައިނުތަކާއި ހެޑްސެޓްތައް ސިއްޙީ ވަސީލަތްތަކަކަށް ހަދަނީ

އެންމެ ފުރަތަމަ ނެރުނު "ވިޜަން ޕްރޯ" ހެޑްސެޓާއެކުވެސް ސިއްޙީ މައުލޫމާތު ދެނެގަނެވޭނެ ފީޗާތައް ތައާރަފުކުރުމަށް މަސައްކަތް ކުރި ---

އެޕަލް ކުންފުނިން ކުރިއަށް އޮތް ތަނުގައި ނެރުމަށް ހަމަޖެހިފައިވާ ސްމާޓް އައިނުތަކާއި އޭއާރު (އޯގްމެންޓެޑް ރިއަލިޓީ) ހެޑްސެޓްތަކަކީ އިންސާނާގެ ސިއްޙަތާއި ފިޓްނަސް މައުލޫމާތު ބަލަހައްޓައި ދެނެގަންނަ ވަސީލަތްތަކަކަށް ހެދުމަށް އެ ކުންފުނިން ރާވަމުންދާ ކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ބްލޫމްބާގްގެ މާކް ގުރްމަންގެ 'ޕަވާ އޮން' ނިއުސްލެޓާގައި ބުނެފައިވާ ގޮތުން، އެޕަލް އިން އެންމެ ފުރަތަމަ ނެރުނު "ވިޜަން ޕްރޯ" ހެޑްސެޓާއެކުވެސް ސިއްޙީ މައުލޫމާތު ދެނެގަނެވޭނެ ފީޗާތައް ތައާރަފުކުރުމަށް މަސައްކަތް ކުރިއެވެ. ނަމަވެސް، ޓެކްނޮލޮޖީގެ ގޮތުން ދިމާވި ގޮންޖެހުންތަކާއި، ހެޑްސެޓްގެ ބަރުދަން ބޮޑުވުމުގެ ސަބަބުން އެ ފީޗާތައް އެ ފަހަރު ވަނީ އުނިކޮށްފައެވެ.

ކުރިއަށް އޮތް ތަނުގައި ނެރުމަށް ތައްޔާރުވަމުންދާ ސްމާޓް އައިނުތަކުގައި ތަފާތު ގިނަ ސެންސަރުތަކެއް ހަރުކުރެވިގެންދާނެއެވެ. މި ސެންސަރުތަކުގެ އެހީގައި އައިނު ބޭނުންކުރާ ފަރާތުގެ ހަރަކާތްތަކާއި ސިއްޙީ އެކި މައުލޫމާތުތައް ދެނެގަނެވޭނެ ގޮތް ހެދުމަށް އެޕަލް އިން ދަނީ ދިރާސާކުރަމުންނެވެ.

2027 ވަނަ އަހަރުގެ ޑަބްލިއުޑަބްލިއުޑީސީ ކޮންފަރެންސްގައި މި އައު އުފެއްދުންތައް ދައްކާލާނެ ----

މި އައު ފީޗާތަކާއެކު، އެޕަލްގެ ސްމާޓް އައިނުތަކަކީ މިހާރު މާކެޓުގައި ހުރި އެއާޕޮޑްސް އާއި އެޕަލް ވޮޗް ފަދަ އުފެއްދުންތަކާ ގުޅިގެން ސިއްޙީ މައުލޫމާތު އެއްކުރުމުގައި އިތުރު ކުރިއެރުމެއް ހޯދައިދޭނެ އުފެއްދުމަކަށް ވެގެންދާނެ ކަމަށް ބެލެވެއެވެ.

އެޕަލް އިން ފުރަތަމަ ނެރުމަށް ހަމަޖެހިފައިވާ ސްމާޓް އައިނުތައް މާކެޓަށް ނެރުން ކުރިން ނިންމާފައިވާ ތާރީޚަށްވުރެ ލަސްވެ، މިހާރު ލަފާކުރެވެނީ 2027 ވަނަ އަހަރުގެ ޑަބްލިއުޑަބްލިއުޑީސީ ކޮންފަރެންސްގައި މި އައިނުތައް ދައްކާލާނެ ކަމަށެވެ. މިއީ އެޕްލިކޭޝަންތައް އުފައްދާ ފަރާތްތަކަށް އިތުރު ވަގުތު ދިނުމުގެ ގޮތުން ނިންމާފައިވާ ނިންމުމެއް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އެޕަލް އިން ދަނީ އެ ކުންފުނީގެ އުފެއްދުންތަކުގައި ސިއްޙީ މައުލޫމާތު ބަލަހައްޓާ ފީޗާތައް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. އެގޮތުން އެޕަލް ވޮޗް މެދުވެރިކޮށް ހިތުގެ ހިންގުން ބެލުމާއި، އޮކްސިޖަން ހުރި މިންވަރު ދެނެގަތުމުގެ އިތުރުން އެއާޕޮޑްސް ބޭނުންކޮށްގެން އަޑުއެހުމުގެ ސިއްޙަތާ ގުޅޭ ފީޗާތައް މިހާރުވެސް ވަނީ ތައާރަފުކޮށްފައެވެ.

ސިއްޙީ ދާއިރާއަށް ޚާއްޞަ އިސްކަމެއް ދީގެން ޓެކްނޮލޮޖީ ތަރައްގީކުރުމަކީ އެޕަލްގެ ކުރިމަގުގެ އުފެއްދުންތަކުގައި އެންމެ ބޮޑު ސަމާލުކަމެއް ދޭނެ އެއް ދާއިރާ ކަމަށް އެ ކުންފުނިން މީގެ ކުރިންވެސް ވަނީ ހާމަކޮށްފައެވެ.

comment ކޮމެންޓް