ފަށްޖަހާލެވޭ ފޯނާއެކު އެޕަލްއިން މި އަހަރު ފަސް އުފެއްދުމެއް ބާޒާރަށް ނެރެނީ

މިއީ އެޕަލް ކަސްޓަމަރުންގެ ދިގު އިންތިޒާރަށް ނިމުން ގެނުވާނެ އުފެއްދުން ތަކަކަށްވާނެ ----

ދުނިޔޭގެ އެންމެ ބޮޑު އެއް ޓެކްނޮލޮޖީ ކުންފުނި އެޕަލްއިން މި އަހަރުގެ ހަރީފު (ފޯލް) މޫސުމުގައި ބާޒާރަށް އާ މުހިންމު އުފެއްދުންތަކެއް ނެރުމަށް ދަނީ ވަރަށް ބޮޑަށް ތައްޔާރުވަމުންނެވެ. އޭގެ ތެރޭގައި ގިނަ އަހަރުތަކެއް ވަންދެން ކަސްޓަމަރުންނާއި ޓެކްނޮލޮޖީ ދާއިރާގެ ދިރާސާކުރާ ފަރާތްތަކުން އިންތިޒާރު ކުރަމުންދިޔަ މުހިންމު 5 އުފެއްދުމެއް ހިމެނެއެވެ.

މި އުފެއްދުންތަކަކީ އެޕަލްގެ ހާޑްވެއާ އަދި ސޮފްޓްވެއާގެ ދާއިރާއަށް ބޮޑެތި އިނޮވޭޝަންތަކެއް ގެނެސްދޭނެ، އަދި ކުރިން ދިމާވި ސޮފްޓްވެއާ އަދި އޭއައިގެ މަސައްކަތްތައް ލަސްވުމުގެ މައްސަލަތަކަށްފަހު ފުރިހަމަކޮށްގެން ނެރޭ އުފެއްދުންތަކެކެވެ.

1. އައިފޯން އަލްޓްރާ – އެޕަލްގެ ފުރަތަމަ ފޯލްޑަބަލް ފޯނު

އައިފޯން އަލްޓްރާ ---

ސެމްސަންގުން 2019 ވަނަ އަހަރު އެންމެ ފުރަތަމަ ފަށްޖަހާލެވޭ ނުވަތަ ފޯލްޑަބަލް ސްމާޓްފޯނު ބާޒާރަށް ނެރުނު ފަހުން، އެޕަލްއިން ފޯލްޑަބަލް އައިފޯނެއް ނެރޭނެ ކަމުގެ އަޑުތައް ވަނީ ގަދަވެފައެވެ.

މި ހަރީފު މޫސުމުގައި އެޕަލްގެ ފުރަތަމަ ފޯލްޑަބަލް މޮޑެލް "އައިފޯން އަލްޓްރާ" ބާޒާރަށް ނެރުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯނުގައި ސްކްރީން ފަށްޖަހާ ތަނުގައި ރީތިކޮށް، ފަތްޖެހޭ ރޮނގު ނުފެންނަ ގޮތް ހެދުމަށާއި ގިނަ އަހަރުތަކެއް ވަންދެން ހަލާކުނުވެ ބޭނުންކުރެވޭނެ އާ ހިންޖު (ހުޅުފަތް) ނިޒާމެއް ހިމެނޭނެއެވެ.

އެޕަލްއިން މި ފޯނު ނެރުން ލަސްކުރީ މިފަދަ ފޯލްޑަބަލް ޓެކްނޮލޮޖީ ފުރިހަމައަށް ތަރައްގީވަންދެން ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

2. އާ އެޕަލް ޓީވީ 4ކޭ

އެޕަލް ޓީވީ ---

އެޕަލް ޓީވީ 4ކޭ އަށް އެންމެ ފަހުން ބަދަލެއް ގެނެސްފައިވަނީ 2022 ވަނަ އަހަރުގެ ހަރީފު މޫސުމުގައި ކަމަށްވާތީ، މިއީ އެޕަލްއިން އެންމެ ދިގު މުއްދަތަކަށް އަޕްޑޭޓެއް ނުދީ ބެހެއްޓި މޮޑެލްއެވެ.

އެންމެ ފުރަތަމަ މި އުފެއްދުން 2025 ވަނަ އަހަރުގެ ހަރީފު މޫސުމުގައި ނެރުމަށް ތައްޔާރުވި ނަމަވެސް، ސިރީ (ސިރީ އޭއައި) އަށް ގެންނަންޖެހޭ ބަދަލުތަކުގެ ސަބަބުން ވަނީ ލަސްވެފައެވެ. ނަމަވެސް އައިއޯއެސް 27 އާއެކު ސިރީ އޭއައި ރަސްމީކޮށް ތައާރަފުކުރެވުމާއެކު، އާ ސިރީ އެކްސްޕީރިއަންސަކާއި އެހެނިހެން ކުރިއެރުންތަކާއެކު މި އާ އެޕަލް ޓީވީ 4ކޭ މި ހަރީފު މޫސުމުގައި ބާޒާރަށް ނުކުންނާނެއެވެ.

3. މެކްބުކް އަލްޓްރާ – ފުރަތަމަ ޓަޗްސްކްރީން މެކް

މެކްބުކް އަލްޓްރާ ---

މެކް ކޮމްޕިއުޓަރުތަކުގައި ޓަޗްސްކްރީން ބޭނުންނުވާނެ ކަމަށް އެޕަލްއިން ކުރިން ބުނަމުން އައި ނަމަވެސް، އައިޕެޑްތަކަށް ކީބޯޑާއި ޓްރެކްޕެޑް އިތުރުކޮށްގެން ލެޕްޓޮޕެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތް ހަދައިދިނެވެ. ނަމަވެސް މި ހަރީފު މޫސުމުގައި އެޕަލްއިން އެ ނިންމުން ބަދަލުކޮށް، ފުރަތަމަ ޓަޗްސްކްރީން "މެކްބުކް އަލްޓްރާ" (ނުވަތަ މެކްބުކް ޕްރޯ) ތައާރަފުކުރާނެއެވެ.

މެކްއޯއެސް ގޯލްޑަން ގޭޓް ސޮފްޓްވެއާގައި ޓަޗް ފީޗާތަކަށް ސަޕޯޓްކުރާނެ ކަމުގެ ގިނަ އިޝާރާތްތަކެއް، އޭގެ ތެރޭގައި ސްކްރޯލްކޮށްގެން ރިފްރެޝްކުރުމާއި، ސައިޑްކާ އަށް ސީދާ ޓަޗް އިންޕުޓް ދިނުމާއި، މާކްއަޕް ޓޫލްސް ފުޅާކުރުން ހިމެނެއެވެ.

4. ހޯމްޕޮޑް މިނީ 2

ހޯމް ޕޮޑް މިނީ ---

ފުރަތަމަ ހޯމްޕޮޑް މިނީ 2020 ވަނަ އަހަރުގެ ހަރީފު މޫސުމުގައި ނެރުނު ފަހުން، އިތުރު ކުލަތަކެއް ތައާރަފުކުރުން ފިޔަވައި ހާޑްވެއާގެ ބޮޑު ބަދަލެއް ގެނެސްފައެއް ނުވެއެވެ. 6 އަހަރުގެ އިންތިޒާރަކަށްފަހު ނެރޭ އާ ހޯމްޕޮޑް މިނީ 2 ގައި ސިރީ އޭއައި އަށް ސަޕޯޓްކުރާ އާ ޗިޕަކާއި، އަޑުގަދަކުރާ ނިޒާމުގެ ފެންވަރު ރަނގަޅުކުރުމުގެ އިތުރުން އާ ކުލަތަކެއް ހިމެނޭނެއެވެ. މިއީ އެޕަލް ހޯމް އިން ކުރިއަށް ރާވާފައިވާ ބޮޑު އޯވަހޯލްގެ ބައެކެވެ.

5. ހޯމްޕެޑް / ހޯމްޕޮޑް ޓަޗް

ހޯމްޕޮޑް ޓަޗް ---

މިއީ ގޭތެރޭގެ އާލާތްތައް ކޮންޓްރޯލްކުރުމަށް އެޕަލްއިން ތައްޔާރުކުރާ ސްކްރީން ހިމެނޭ ސްމާޓް ހޯމް ހަބެކެވެ. ސްކްރީނެއް ހިމެނޭ ހޯމްޕޮޑެއްގެ ވާހަކަތައް ދެކެވޭތާ ގިނަ އަހަރުތަކެއް ވެފައިވާއިރު، 2024 ގައި ބްލޫމްބާގްއިން ވަނީ "ހޯމްޕެޑް" ގެ ތަފްސީލުތަކެއް ހާމަކޮށްފައެވެ.

އެންމެ ފުރަތަމަ 2025 ގެ ކުރީކޮޅު ނެރުމަށް ރޭވި ނަމަވެސް، ސިރީގެ މަސައްކަތްތައް ލަސްވުމުގެ ސަބަބުން ފަސްވަމުން ގޮސް، އެންމެ ފަހުގެ ރިޕޯޓްތައް ބުނާގޮތުން މި އުފެއްދުންވެސް މި ހަރީފު މޫސުމުގައި ބާޒާރަށް ނުކުންނާނެއެވެ.

އެޕަލްއިން މި ފެށޭ ހަރީފު މޫސުމުގައި ނެރުމަށް ތައްޔާރުވާ މުހިންމު މި ފަސް އުފެއްދުމާއެކު، ގިނަ ދުވަސްތަކެއް ވަންދެން ކަސްޓަމަރުން ކުރި އިންތިޒާރަށް ނިމުމެއް އަންނައިރު، މިއީ އެޕަލްގެ ހާޑްވެއާ އަދި ސޮފްޓްވެއާގެ ފެންވަރު އާ އުސްމިންތަކަކަށް ދަތުރުކުރާނެ މުހިންމު ފެށުމަކަށް ވެގެންދާނެއެވެ.

comment ކޮމެންޓް