ކަރަން އައުޖްލާ ދެމަފިރިއަކަށް ރާއްޖޭގެ ދަތުރެއް ހަދިޔާކޮށްފި

އާއިލާއާ ދެކޮޅަށް ކައިވެނިކޮށްގެން އުޅޭ ދެމަފިރިއަކަށް ރާއްޖެ އައުމުގެ ދަތުރެއް ޕަންޖާބީ ލަވަކިޔުންތެރިޔާ ކަރަން އައުޖްލާ ހަދިޔާކޮށްފިއެވެ.

އޭނާ މި ދަތުރު ހަދިޔާކުރީ ކޮމީޑިއަން ސަމޭ ރައިނާ ހޯސްޓުކުރާ “އިންޑިއާސް ގޮޓް ލޭޓެންޓް” ޝޯގެ އެންމެ ފަހުގެ އެޕިސޯޑުގައި ބައިވެރިވި ވިޖެންދުރަ ރަޖަކް އާއި އޭނާގެ އަންހެނުންނަށެވެ.

މި ޝޯގައި ސްޓަންޓް ހަދައިގެން ބެލުންތެރިންގެ ސަމާލުކަން ހޯދި ވިޖެންދުރަ ބުނި ގޮތުގައި، އާއިލާއާ ދެކޮޅަށް ކައިވެނިކުރުމުގެ ސަބަބުން އެ ދެމަފިރިންނަށް ވަނީ މާލީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން މިހާރުވެސް 12 ލައްކަ ރުޕީސްގެ ދަރަންޏެއް އޮތް ކަމަށާއި، ޝޯގައި ބައިވެރިވުމަށް އައީ އަންހެނުންގެ ފޯނު ރަހުނުކޮށްގެން ލިބުނު ފައިސާއިން ކަމަށް އޭނާ ކިޔައިދިނެވެ. އަދި އޭނާގެ އެންމެ ބޮޑު ހުވަފެނަކީ އަންހެނުން ގޮވައިގެން ރާއްޖެއަށް ދަތުރެއް ކުރުން ކަމަށް ޝޯގެ ތެރެއިން ވިޖެންދުރަ ފާހަގަކުރިއެވެ.

މި ވާހަކަ އަޑުއެހުމަށްފަހު، ޝޯގެ ގެސްޓް ޖަޖެއްގެ ގޮތުގައި ބައިވެރިވި ކަރަން ވަނީ އެ ދެމަފިރިން ރާއްޖެ އައުމުގެ ޓިކެޓާއި ހުރިހާ ހަރަދެއް ދޭނެ ކަމަށް ވަގުތުން އިއުލާންކޮށްފައެވެ. ކަރަން ބުނި ގޮތުގައި އޭނާ މިކަން ކޮށްދިނީ ވިޖެންދުރަގެ އަންހެނުންނަށްޓަކައެވެ. މީގެ އިތުރުން، ޝޯގެ ހޯސްޓް ސަމޭ ރައިނާ ވަނީ އެ ދެމަފިރިންނަށް 50,000 ރުޕީސްގެ ގިފްޓް ވައުޗަރެއް ދީ، އަންހެނުންނަށް އާ ފޯނެއް ގަނެދީފައެވެ.

މި އެޕިސޯޑު އާންމުވުމާއެކު، ވިޖެންދުރަ ވަނީ އިންސްޓަގްރާމް މެދުވެރިކޮށް ކަރަންއަށާއި ޝޯގެ އެހެން ޖަޖުންނަށް ޝުކުރު އަދާކޮށްފައެވެ. އޭނާ ބުނި ގޮތުގައި ރާއްޖެ އައުމަށް ލިބުނު މި ފުރުސަތަކީ އޭނާއަށް ވަރަށް ބޮޑު އުފަލެއް ލިބުނު ކަމެކެވެ. އޭބީޕީ ލައިވް އަދި ހިންދުސްތާން ޓައިމްސް ފަދަ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު އަންނަނީ ކަރަންގެ މި އަމަލަށް ތައުރީފުކުރަމުންނެވެ.

comment ކޮމެންޓް