ވިޖޭގެ ދަރިފުޅު ޖޭސަންގެ ހުވަފެނަކީ ބައްޕައާ އެކު ހޮލީވުޑް ފިލްމެއް އުފެއްދުން

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު ތަލަޕަތީ ވިޖޭ އަދި ވިޖޭގެ ދަރިފުޅު ޖޭސަން ސަންޖޭ--ފޮޓޯ/ޓެލެގްރާފްއިންޑިއާ

ދެކުނު އިންޑިއާގެ މަޝްހޫރު އެކްޓަރު އަދި އިންޑިއާގެ ޓެމިލް ނާޑޫގެ މިހާރުގެ ޗީފް މިނިސްޓަރު ޖޯސެފް ވިޖޭ (ތަލަޕަތީ ވިޖޭ)ގެ ދަރިފުޅު ޖޭސަން ސަންޖޭ، އޭނާގެ ފުރަތަމަ ހޮލީވުޑް ފިލްމު އުފައްދަން ބޭނުންވާ ގޮތުގެ ތަސައްވުރެއް ހާމަކޮށްފިއެވެ.

ޖޭސަން ބުނިގޮތުގައި އޭނާ ބޭނުންވަނީ ބައްޕަ ވިޖޭ އާއި ހޮލީވުޑްގެ ކުޅަދާނަ އެކްޝަން ތަރި ޖޭސަން ސްޓޭތަމް އެކުގައި ފެންނާނެ ފިލްމެއް ޑައިރެކްޓް ކުރުމަށެވެ.

އިންޑިއާގެ ސިނަމާގައި އެންމެ ނުފޫޒުގަދަ އެއް ތަރި ކަމަށްވާ ވިޖޭ، ގިނަ އަހަރުތަކެއް ވަންދެން ކާމިޔާބު ފިލްމުތަކެއް ދެމުން އައި ނަމަވެސް، އޭނާގެ ދަރިފުޅު ޖޭސަންގެ ތަސައްވުރު ބައްޕައާ މެދު މާ ފުޅަލެވެ.

ބިހައިންޑްވުޑްސް ޓީވީއަށް ދިން އިންޓަވިއުއެއްގައި، ހޮލީވުޑްގެ އެކްޝަން ތަރި ޖޭސަން ސްޓޭތަމް އާއެކު މަސައްކަތް ކުރުމުގެ ފުރުސަތު ލިބިއްޖެނަމަ ތަމަޅަ ސިނަމާއިން އިހުތިޔާރު ކުރާނީ ކޮން ފަންނާނެއްތޯ ސުވާލު ކުރުމުން، އެއްވެސް ޖެހިލުމެއްނެތި ޖޭސަން ބުނީ އޭނާގެ ބައްޕަގެ ނަމެވެ. އަދި މި ދެ ތަރިން އެކުގައި ފެނުމަކީ ވަރަށް ފުރިހަމަ ކަމަކަށް ވާނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ޖޭސަން ސަންޖޭ ބައްޕަ ވިޖޭއާ އެކު--ފޮޓޯ/ފޭސްބުކް

ޖޭސަން ސަންޖޭ ފިލްމީ ދާއިރާއަށް ނުކުންނަން ތައްޔާރުވަނީ "ސިގްމާ" ކިޔާ ފިލްމަކުން ޑައިރެކްޓަރެއްގެ ގޮތުގައެވެ. ތަމަޅަ ސިނަމާގެ އެންމެ ބޮޑު އެއް ތަރީގެ ދޮށީ ދަރިފުޅު، އެކްޓު ކުރުމުގެ ބަދަލުގައި ޑައިރެކްޝަން އިހްތިޔާރު ކުރީ ކީއްވެގެންތޯ ސުވާލު ކުރުމުން އޭނާ ބުނީ، ކުޑައިރުއްސުރެ ފިލްމު ކުޅޭ ސެޓުތަކަށް ދިއުމުގެ ފުރުސަތު ލިބުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ނަސީބެއް ކަމަށާއި، ފިލްމީ މަސައްކަތްތަކަށް ޝައުގުވެރިކަން އުފެދުނީ އެ މާހައުލުގެ ތެރެއިން ކަމަށެވެ.

ނަމަވެސް، ޑައިރެކްޝަނަކީ ޖޭސަން ކުރިން އުންމީދުކުރި ދާއިރާއެއް ނޫނެވެ. އޭނާ ފުރަތަމަ ބޭނުންވީ ޕައިލެޓަކަށް ވާށެވެ. އޭގެ ފަހުން ކްރިކެޓް ކުޅުންތެރިއަކަށް ވުމުގެ ޝައުގުވެރިކަން ވެސް އުފެދުނެވެ. ސިނަމާއަށް ޝައުގުވެރިކަން އުފެދުނީ ސުކޫލް ނިންމި ދުވަސްވަރު ކަމަށާއި، ކޮލެޖުގައި ކިޔެވި ދުވަސްވަރު ފިލްމު އުފެއްދުމުގެ ދާއިރާއިން ކުރިއަށްދާން ނިންމީ ކަމަށް އޭނާ ކިޔައިދިނެވެ.

އެކްޓު ކުރުމަށް ވުރެ ބޮޑަށް ވާހަކަ ކިޔައިދިނުމަށް ނުވަތަ 'ސްޓޯރީ ޓެލިންގް' އަށްއޮތް ލޯތްބެއްގެ ސަބަބުން ޑައިރެކްޝަނަށް ޝައުގުވެރިވީ ކަމަށް ޖޭސަން ވަނީ ބުނެފައެވެ.

ޖޭސަން ސަންޖޭގެ ފުރަތަމަ ފިލްމު "ސިގްމާ" ކުރިން ޖުލައި 31ގައި ރިލީޒްކުރަން ނިންމާފައި އޮތް ނަމަވެސް، މިހާރު އެ ފިލްމު ވަނީ ފަސްކުރެވިފައެވެ.

comment ކޮމެންޓް