ރާއްޖޭގެ މައި ޝިޕިން ކުންފުނި މޯލްޑިވްސް ސްޓޭޓް ޝިޕިން (އެމްއެސްއެސް)ގެ އުޅަނދަކުން ގެންދިޔަ ހުސް ކޮންޓެއިނަރުތަކެއް ކަނޑަށް އެޅިއްޖެއެވެ.
ސްރީލަންކާގެ 'ޑެއިލީމިރާ'އިން ރިޕޯޓުކޮށްފައިވާ ގޮތުގައި "އެމްވީ އެމްއެސްއެސް ގްރެފީން"އިން 17 ހުސް ކޮންޓެއިނަރެއް ކަނޑަށް އެޅުނީ އިއްޔެ ހެނދުނުގެ ވަގުތެއްގައި ކޮލަމްބޯގެ ބަނދަރާ މާ ދުރު ނޫން ހިސާބަކުންނެވެ.
ކޮލޮމްބޯގެ އިންފޮމޭޝަން ފިއުޝަން ސެންޓަރު (އައިއެފްސީ)އާ ހަވާލާދީ ޑެއިލީމިރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މިދިޔަ މަހުގެ 28ވަނަ ދުވަހު މާލޭން ފުރި އެމްވީ އެމްއެސްއެސް ގްރެފީންގައި ހުރި ކޮންޓެއިނަރުތައް ކަނޑަށް އެޅުނީ ކަނޑު ގަދަވުމުގެ ސަބަބުންނެވެ.
މި ހާދިސާއާ ގުޅިގެން ސްރީލަންކާގެ މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ އިދާރާއިން ވަނީ ކޮންޓެއިނަރުތައް އެޅުނު ސަރަހައްދުން ދަތުރުކުރާ ފަރާތްތަކަށް ސަމާލެއް ނެރެފައެވެ. އެ އިދާރާއިން ބުނެފައިވާ ގޮތުގައި މި ހާދިސާ ހިނގީ ކޮލޮމްބޯގެ ބަނދަރާ ހުޅަނގުން 17 ނޯޓިކަލް މޭލު ދުރުންނެވެ.
ސްރީލަންކާގެ ނޭވީން ވަނީ ކަން ހިނގާ ގޮތް ބެލުމަށްޓަކައި އެ ސަރަހައްދަށް ކަނޑު އުޅަނދުފަހަރު ފޮނުވައިފައެވެ.
އެ ގައުމުގެ މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރު (އެމްއާރުސީސީ)އިން ވަނީ ކޮންޓެއިނަރުތައް ވެއްޓުނު ސަރަހައްދުން ދަތުރުކުރާ ކަނޑު އުޅަނދުފަހަރު ސަމާލުވުމަށް އެދިފައެވެ. އަދި އެއްވެސް ކޮންޓެއިނަރެއް އޮޔާދާތަން ފެނިއްޖެ ނަމަ ލަސްނުކޮށް ސްރީލަންކާގެ މަސްވެރިކަމާއި ކަނޑުތަކުގެ ވަސީލަތްތަކާ ބެހޭ އިދާރާގެ ރޭޑިއޯ ކޮމިއުނިކޭޝަން ސެންޓަރަށް އެންގުމަށް ވެސް ވަނީ އިލްތިމާސްކޮށްފައެވެ.
މިކަމާ ގުޅިގެން އެމްއެސްއެސްގެ ބެލެނިވެރި ކުންފުނި އަދި ސަރުކާރުގެ މައި ވިޔަފާރި ކުންފުނި އެސްޓީއޯގެ ބަހެއް ލިބޭގޮތް ވަނީ ނުވެފައެވެ.