"ލޫޓް ބޮކްސް" ތަކަށް ދެވިހިފުމުގެ މައްސަލަ ބޮޑުވެ، ހޮންކޮންގުން އެކަން ރެގިއުލޭޓް ކުރަނީ

ގޭމްކުޅޭ ކުދިން ގޭމަށް މާލީގޮތުން ދަނީ ބޮޑެތި ޚަރަދުތަކެއް ކުރަމުން ----

މޮބައިލް ފޯނުތަކުގައި ކުޅޭ ގޭމްތަކުގެ ތެރެއިން އަގުދީގެން ގަންނަންޖެހޭ "ލޫޓް ބޮކްސް" ތަކުގެ ސަބަބުން ގޭމް ކުޅޭ ފަރާތްތައް ދެވިހިފާ މައްސަލަ އިތުރުވަމުންދާތީ، އެފަދަ ވަސީލަތްތައް ކޮންޓްރޯލްކޮށް ގަވާއިދުގެ ތެރެއަށް ފައްތަން ހޮންކޮންގުން މަސައްކަތްފަށައިފިއެވެ.

ސްޓްރެޓެޖީ އަދި ރޯލް-ޕްލޭއިން މޮބައިލް ގޭމްތަކަކީ 2020 ވަނަ އަހަރު ކޮވިޑް-19 ގެ އާލަމީ ވަބާއާ ގުޅިގެން އެކަހެރިވާން ޖެހުނު ދުވަސްވަރުން ފެށިގެން ގިނަ ބައެއްގެ މެދުގައި މަގުބޫލުކަން ހޯދި ވަސީލަތްތަކެކެވެ. މިއާއެކު، ތަފާތު ގައުމުތަކުގެ ކުޅުންތެރިންނާއެކު މުއާމަލާތްކޮށް، ގުޅުން ބަދަހިކުރުމުގެ ފުރުސަތު މި ގޭމްތަކުން ލިބިގެންދިޔައެވެ.

ނަމަވެސް ގޭމްތަކުގައި ހިމެނޭ "ލޫޓް ބޮކްސް" ނުވަތަ އަގުދީގެން ގަންނަންޖެހޭ ނޭނގޭ އިނާމު ފޮށިތަކުގެ ސަބަބުން ގޭމް ކުޅުންތެރިން ބޮޑެތި ޚަރަދުތައް ކުރަންޖެހޭ މައްސަލަ ވަނީ ފާހަގަކުރެވިފައެވެ. މީގެ ތެރެއިން އެއް ކުޅުންތެރިއަކު ވަނީ ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ގޭމްތަކުގެ ހަތިޔާރާއި، ކެރެކްޓަރ އަދި ސްކިންތައް ހޯދުމަށް 90،000 ހޮންކޮންގް ޑޮލަރު ޚަރަދުކޮށްފައެވެ.

ގޭމްތަކުގައި ޓީމުގެ ފެންވަރު މަތިކުރުމަށާއި އަނެއް ކުޅުންތެރިންގެ ފެންވަރަށް ވާސިލުވުމަށްޓަކައި މާލީ ގޮތުން ބޮޑެތި ޚަރަދުތައް ކުރަންޖެހުމަކީ ދެވިހިފުމުގެ ތެރެއަށް މީހުން ވައްޓާލާ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.

ގޭމަށް ދެވި ހިފުމުގެ މައްސަލަަކީ ކުޑަކުދިންގެ އިތުރުން ގޭމްކުޅޭ ބޮޑެތި މީހުންނަށްވެސް ދިމާވާ މައްސަލައެއް ----

މިއާއެކު، ކުޑަކުދިންނާއި ޒުވާނުން މިއިން ރައްކާތެރިކުރުމަށްޓަކައި ހޮންކޮންގުގެ ކަމާބެހޭ ފަރާތްތަކުން ގޭމްތަކުގައި "ލޫޓް ބޮކްސް" ބޭނުންކުރުން ރެގިއުލޭޓްކުރުމަށް އަންނަނީ ގޮވާލަމުންނެވެ.

"ލޫޓް ބޮކްސް" އަކީ ވީޑިއޯ ގޭމްތަކުގައި، ހާއްސަކޮށް މޮބައިލް ގޭމްތަކުގައި ބޭނުންކުރާ ވާޗުއަލް އިނާމު ފޮއްޓެކެވެ. މިއީ ގޭމް ކުޅޭ ފަރާތްތަކުން އަސްލު ފައިސާ ދީގެން ނުވަތަ ގޭމްގެ ތެރެއިން ހޯދާ ޕޮއިންޓް ބޭނުންކޮށްގެން ގަންނަ ފޮށިތަކެކެވެ.

މިފަދަ ފޮށިތަކުގެ މައިގަނޑު ސިފައަކީ ފޮށި ހުޅުވާލުމުގެ ކުރިން އޭގެ ތެރޭގައި އޮތީ ކޮން އެއްޗެއްކަން ނޭނގުމެވެ. މީގެ ތެރެއިން ގޭމްގައި ބޭނުންކުރާ ތަފާތު ހަތިޔާރާއި، ކެރެކްޓާ، ނުވަތަ ކެރެކްޓަރުގެ ފޭރާމާއި ސިފަ ބަދަލުކޮށްދޭ "ސްކިން" ފަދަ ތަކެތި ލިބެއެވެ. ނަމަވެސް ފޮށިން ލިބޭނީ ވަރަށް އާދައިގެ އެއްޗެއް ކަމެއް ނުވަތަ ވަރަށް ނާދިރު އަގުހުރި އެއްޗެއް ކަމެއް އެނގޭނީ ހަމައެކަނި ނަސީބުންނެވެ.

މިފަދަ ފޮށިތައް ހުޅުވުމަކީ ޖުވާ ކުޅުމާ ވަރަށް އެއްގޮތް ކަމަކަށް ވާތީ، ވަކި ކަހަލަ އަގުހުރި އެއްޗެއް ހޯދުމަށްޓަކައި ގޭމް ކުޅޭ ފަރާތްތަކުންނާއި ކުޑަކުދިން ހުއްޓުމެއްނެތި ބޮޑެތި ޚަރަދުތައްކޮށް ދެވިހިފާ މައްސަލަ ވަނީ ބޮޑުވެފައެވެ.

ރާއްޖޭގައިވެސް މޮބައިލް ގޭމްތައް ކުޅޭ ކުޑަކުދިންނާއި ޒުވާނުންގެ އަދަދު ދުވަހުން ދުވަހަށް އިތުރުވަމުން އަންނައިރު، މިފަދަ "ލޫޓް ބޮކްސް" ތަކަށް ބޮޑެތި ޚަރަދުތައްކޮށް ދެވިހިފުމުގެ މައްސަލައަކީ ދިވެހި މުޖުތަމައުގައިވެސް ފާހަގަކުރެވޭ ކަމެކެވެ. އެގޮތުން ގޭމްތަކުގެ އެކި ވަސީލަތްތައް ހޯދުމަށް ސޯޝަލް މީޑިއާ އާއި އެނޫންވެސް ވަސީލަތްތައް މެދުވެރިކޮށް ބޮޑެތި އަދަދުތަކުން ފައިސާ ޚަރަދުކުރަމުންދާއިރު، މިއީ ކުޑަކުދިން ނުބައި އާދަތަކަށް މަގުފަހިވެ، މާލީ ގޮތުންނާއި ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހޭ ކަމެކެވެ. އެހެންކަމުން، ރާއްޖޭގައިވެސް މައިންބަފައިން މިކަމަށް ސަމާލުވެ، ކުޑަކުދިން ގޭމްތަކުގައި ކުރާ ޚަރަދުތައް ކޮންޓްރޯލްކޮށް ބެލެހެއްޓުމުގެ މުހިންމުކަން ވަނީ ބޮޑުވެފައެވެ.

comment ކޮމެންޓް