ދޮޅު އަހަރު ތެރޭ ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް، ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަނީ

މީހަކު އައިޑީ ކާޑެއް ހިފައިގެން: ކުރިއަށް އޮތް ދޮޅު އަހަރު ތެރޭ ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް، ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސާނެ ކަމަށް ރައީސް ވިދާޅުވި --

ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ސްމާޓް އައިޑީ ކާޑު ތައާރަފުކޮށް، އެ ކާޑު ބޭނުންކޮށްގެން ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖައްސަވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ކުރިއަށް ގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ 2030 ވަނަ އަހަރު އަންނަ އިރު، ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 ޕަސެންޓު ހިއްސާކުރާ ދާއިރާއަކަށް ޑިޖިޓަލް އިގްތިސާދު ހެއްދެވުން ކަމަށެވެ.

މި މަސައްކަތުގެ ދަށުން "މޯލްޑިވްސް 2.0" ގެ ތަސައްވުރާ އެއްގޮތަށް އެކި ދާއިރާތައް ޑިޖިޓަލް ކުރެވިގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސްމާޓް އައިޑީ ކާޑު ތައާރަފް ކުރުމަކީ މި ބޮޑު މަޝްރޫއުގެ މުހިންމު ބައެއް ކަމަށް ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި މަސައްކަތަށް ބޭނުންވާ ގާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި މިހާރު ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި ދައުލަތުގެ ހުރިހާ މުއައްސަސާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ އިތުރުން ބޭންކުތަކުން ވެސް ބައިވެރިވާން ޖެހޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ސްމާޓް އައިޑީ ކާޑަކީ ފިންގާޕްރިންޓާއި ޗިޕް ހިމެނޭ ގޮތަށް ފަރުމާކުރެވޭ ކާޑެކެވެ. ރައީސް ވިދާޅުވީ މި ކާޑުގެ އެހީގައި ޕޭމަންޓްތައް ދެއްކުމުގެ އިތުރުން، އަމިއްލަ ރެކޯޑްތައް ބެލެހެއްޓުމާއި އެކި މުއައްސަސާތަކުން ހިދުމަތް ހޯދުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

"އަޅުގަނޑުމެން އަތުގައި އޮންނާނީ ފިޒިކަލް އައިޑީކާޑެއް. އެހެން ނަމަވެސް އައިޑީކާޑުގެ ބާވަތް ބަދަލުވަނީ ޑިޖިޓަލައިޒްކޮށް، ސްމާޓްކޮށް. އޭގެއިން ހަމަ ގާތްގަނޑަކަށް ހުރިހާ ކަމެއް ކުރެވޭ ކަހަލަ ޕޭމަންޓް ދެއްކުން ވިޔަސް ހުރިހާ ކަމެއް ވެސް ކުރެވޭ ގޮތަށް މި ބަދަލުތައް އަންނަނީ،" ރައީސް ވިދާޅުވި އެވެ.

މި ބަދަލުގެ އެންމެ ބޮޑު ބޭނުމަކީ މުޅި ރާއްޖެއިން ކޮރަޕްޝަން ނައްތާލައި، ރައްޔިތުންނަށް ދެފުށް ފެންނަ ގޮތެއްގައި ފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަމަށް ރައީސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އަމާޒަކީ ދައުލަތުން ފޯރުކޮށްދޭ ހުރިހާ ހިދުމަތަކީ ވެސް ކޮންމެ ރަށެއްގެ ކޮންމެ ތަނެއްގައި ހުރެގެން ވެސް ފަސޭހަކަމާއެކު ހޯދޭނެ ޚިދުމަތްތަކަކަށް ހެދުންކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ ޑިޖިޓަލައިޒޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ހިންގާ "މޯލްޑިވްސް 2.0" މަޝްރޫޢު ރައީސް އިފްތިތާޙްކޮށްދެއްވީ މިދިޔަ އަހަރުގެ މެއި މަހުގެ 9 ވަނަ ދުވަހެވެ.

މިއީ ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން މަސައްކަތްކޮށް، ޑިޖިޓަލް ދާއިރާއިން ރާއްޖެ އިންގިލާބީ އަދި އިސްލާހީ ބަދަލުތަކަކާ ދިމާލަށް ގެންދިއުމަށް ސަރުކާރުން އިފްތިތާޙްކުރި ޕްރޮގްރާމެކެވެ. އަދި މިއީ ސަރުކާރުގެ ޑިޖިޓަލް ޓްރާންސްފޮމޭޝަން ސިޔާސަތު ތަންފީޒުކުރުމަށް ކުރިއަށް އޮތް ތިން އަހަރަށް ހިންގާނެ މަޝްރޫޢެއްކަމަށް ސަރުކާރުން ބުނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކުރިއަށް އޮތް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ޕޭމަންޓް ހެދޭނެ ފަދަ ސްމާޓް އައިޑީ ކާޑެއް ރާއްޖެއަށް ތަޢާރަފުކުރައްވާނެކަން އިޢުލާނުކުރައްވާފައެވެ. ފިންގަރޕްރިންޓާއި ޗިޕް އެކުލެވޭ ގޮތަށް ފަރުމާކުރާ މި ކާޑަކީ ފައިސާ ދެއްކުމާއި، އަމިއްލަ ރެކޯޑުތައް ބެލެހެއްޓުމުގެ އިތުރުން މުއައްސަސާތަކުން ޚިދުމަތްތައް ހޯދުމަށް ފަސޭހަވާނެހެން ތައްޔާރުކުރެވޭ ކާޑެކެވެ. މިއީ ސަރުކާރުގެ "މޯލްޑިވްސް 2.0" މަޝްރޫޢުގެ ދަށުން 2030 ވަނަ އަހަރާ ހަމައަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތައަކީ ޑިޖިޓަލް އިޤުތިޞާދު ކަމުގައި ހެދުމަށާއި، ކޮރަޕްޝަން ނައްތާލައި ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިން ހުރިހާ ރަށަކަށް ފަސޭހަކަމާއެކު ޚިދުމަތް ފޯރުކޮށްދިނުމަށް ގެންގުޅުއްވާ ތަޞައްވުރުގެ މުހިންމު ބައެކެވެ. މި މަސައްކަތަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށްޓަކައި މިހާރު ވަނީ ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅާފައެވެ.

  • ކުރިއަށް އޮތް ދޮޅު އަހަރު ތެރޭގައި ފައިސާ ދެއްކޭނެ ނިޒާމާއެކު ސްމާޓް އައިޑީ ކާޑު ތަޢާރަފުކުރުން.
  • 2030 ވަނަ އަހަރަށް ރާއްޖޭގެ އުފެއްދުންތެރިކަމުގެ 15 އިންސައްތަ ޑިޖިޓަލް އިޤުތިޞާދަށް ހެދުން.
  • ކޮރަޕްޝަން ނައްތާލައި، ރައްޔިތުންނަށް ފަސޭހަކަމާއެކު ދެފުށް ފެންނަ ޚިދުމަތްތަކެއް ފޯރުކޮށްދިނުން.
  • މި ނިޒާމަށް ބޭނުންވާ ޤާނޫނީ އޮނިގަނޑު އެކުލަވާލުމަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހެޅުން.
comment ކޮމެންޓް