ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އެކި ދާއިރާތަކުން ލަފާދޭނެ 100 އަށްވުރެ ގިނަ ތަޖުރިބާކާރުންގެ ގައުމީ މަޖިލީހެއް، ކުރިއަށް އޮތް ނޮވެންބަރު މަހުގެ ތެރޭގައި އެކުލަވައިލައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއިން ގެނެސްދޭ "ނޭޝަން ޗެޓް" ޕޮޑްކާސްޓްގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ގައުމަށް ގިނަ ދުވަހު ޚިދުމަތް ކުރައްވާފައިވާ ގާބިލު ބޭފުޅުންގެ ޚިޔާލާއި އިރުޝާދު ގައުމީ ކަންކަމުގައި ލިބޭނެ ނިޒާމެއް އޮތުމަކީ މުހިންމު ކަމެއް ކަމަށެވެ.
އެގޮތުން، ރައީސަށް ލަފާދޭ ޚާއްސަ މަޝްވަރާ މަޖިލީހަކާއި، ގައުމީ ލަފާދޭ މަޖިލީހެއް އުފެއްދުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންކަމަށް ވިދާޅުވިއެވެ.
މި މަޖިލިސްތައް އުފެއްދެވުމުގެ ވިސްނުންފުޅު ރައީސް އެންމެ ފުރަތަމަ އިއުލާން ކުރެއްވީ މިއަހަރުގެ މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައެވެ.
ރައީސް މުޢިއްޒު ވިދާޅުވި ގޮތުގައި، ޚާއްސަ މަޝްވަރާ މަޖިލީހުގައި ހިމެނޭނީ ދައުލަތުގެ ޢިއްޒަތާއި ޝަރަފު އަރުވާފައިވާ، ދިގު މުއްދަތަކަށް ދައުލަތަށް ޚިދުމަތް ކުރައްވާފައިވާ އިސްރަށްވެހިންނެވެ.
މީގެއިތުރުން ގައުމީ ލަފާދޭ މަޖިލީހުގައި ހިމެނޭނީ ސިއްޙީ، ތަޢުލީމީ، އިގްތިސާދީ، އިޖުތިމާޢީ އަދި ޚާރިޖީ ދާއިރާ ފަދަ ތަފާތު އެކި ފަންނުތަކުގެ އެންމެ މަތީ ތަޢުލީމާއި ތަޖުރިބާ ހުރި 100 އާއި 150 ދެމެދުގެ އަދަދެއްގެ ތަޖުރިބާކާރުންކަމަށް ރައީސް ވިދާޅުވިއެވެ.
"އެންމެ ގިނަ ދުވަސްތަކަކަށް ޚިދުމަތްކޮށްފައި ތިބި ފަރާތްތަކާއި، މަތީ މަގާމުތަކުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބި ފަރާތްތަކެއް އެބަތިބި. އަދިވެސް ގައުމުގެ ކަންކަމުގައި ބަސްބުނަން ބޭނުންވާނެ މީހުން ތިބޭނެ. އެފަދަ މީހުންގެ މައްޗަށް އެކުލެވޭ މަޝްވަރާ މަޖިލީހެއް މި އެކުލަވާލަނީ. އޭރުން އަޅުގަނޑު ބޭނުންވާ ހާލަތެއްގައާއި އެބޭފުޅުން އިސްނަގައިގެންވެސް ލަފާދެވޭނެ،" ރައީސް ވިދާޅުވިއެވެ.
މި މަޖިލިސްތަކުގެ ބޭނުމަކީ ގައުމީ މައްސަލަތަކުގައި ފަންނީ ބޭފުޅުންނަށް ބަސްބުނުމާއި، ނިޒާމީ ބަދަލުތައް ގެނައުމަށް ލަފާދިނުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.
މީގެ އިތުރުން، ދައުލަތުގެ އެހެނިހެން މުއައްސަސާތަކަށްވެސް ބޭނުންވެއްޖެ ހިނދެއްގައި މި މަޖިލިސްތަކުގެ އިރުޝާދާއި ލަފާ ހޯދޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި މަޖިލިސްތައް އެކުލަވާލުމަށް ބޭނުންވާ އިދާރީ އިޖުރާއަތްތައް ފުރިހަމަކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ކުރިއަށްއޮތް ތިން މަސްދުވަހުގެ ތެރޭގައި، ނޮވެންބަރު މަހު މި މަސައްކަތް އެއްކޮށް ނިންމަވާލެއްވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.