ސްރީލަންކާގެ ކުރީގެ އައިޖީޕީ އާއި ޑިފެންސް ސެކްރެޓަރީ މަރަން ހުކުމްކޮށް ޖަލަށް ލައިފި

ސްރީލަންކާގައި 2019 ވަނަ އަހަރު ދިން އީސްޓަރ ސަންޑޭ ބޮމުގެ ހަމަލާތައް ހުއްޓުވުމުގައި އިހުމާލުވި ކަމުގެ ކުށް ސާބިތުވެ، އެ ގައުމުގެ ކުރީގެ އިންސްޕެކްޓަރ ޖެނެރަލް އޮފް ޕޮލިސް (އައިޖީޕީ) ޕުޖިތު ޖަޔަސުންދަރަ އާއި ކުރީގެ ޑިފެންސް ސެކްރެޓަރީ ހެމަސިރި ފެނާންޑޯ މަރަން ހުކުމްކޮށް، މިއަދު ޖަލަށް ލައިފިއެވެ.

ޑެއިލީ މިރާ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ކޮލަމްބޯ ޕާމަނަންޓް ހައިކޯޓު ޓްރަޔަލް-އެޓް-ބާގެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން ވަނީ މި ދެ އޮފިޝަލުންގެ މައްޗަށް ވާޖިބަށް އިހުމާލުވުމާއި މީހުން މެރުމަށް އެހީތެރިވެދިނުމުގެ ކުށް ސާބިތުވާ ކަމަށް ނިންމާފައެވެ. މި ހުކުމް އިއްވާފައިވަނީ، ޖާނުންފިދާވެގެން ދޭން އުޅޭ ހަމަލާތަކެއްގެ އިންޓެލިޖެންސް މައުލޫމާތު ކުރިން ލިބިފައި އޮވެމެ، އެކަން ހުއްޓުވުމަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި ނުވާތީއެވެ.

ދައުލަތުގެ ވަކީލުން ކޯޓުގައި ފާހަގަކުރި ގޮތުގައި، ޕުޖިތު އާއި ހެމަސިރި ވަނީ އެ މީހުންގެ ރަސްމީ މަސްއޫލިއްޔަތުތަކަށް އިހުމާލުވެފައެވެ. އަދި ސަލާމަތީ ގޮތުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް ނޭޅުމުގެ ސަބަބުން، ޓެރަރިސްޓުންނަށް އެ ހަމަލާތައް ދިނުމުގެ ފުރުސަތު ފަހިވެގެން ދިޔަ ކަމަށް ދައުވާގައި ބުނެފައިވެއެވެ.

މި މައްސަލައަކީ 21 އޭޕްރީލް 2019 ގައި ސްރީލަންކާގެ އެކި ކަންކޮޅުތަކުގައި ހުރި ފައްޅިތަކަށާއި މަތީ ފަންތީގެ ހޮޓާތަކަށް އަމާޒުކޮށް ދިން ސިލްސިލާ ބޮމުގެ ހަމަލާތަކާ ގުޅޭ މައްސަލައެކެވެ. ޖާނުންފިދާވެގެން ދިން މި ހަމަލާތަކުގައި 260 މީހުން މަރުވެ، އެތައް ސަތޭކަ ބަޔަކު ޒަޚަމްވިއެވެ. މަރުވި މީހުންގެ ތެރޭގައި ގިނަ އަދަދެއްގެ ބިދޭސީން ވެސް ހިމެނެއެވެ.

މި ހަމަލާތަކުގެ ކުރިން އަވަށްޓެރި އިންޑިއާގެ އިންޓެލިޖެންސް އިދާރާތަކުން ވަނީ ސްރީލަންކާގެ ކަމާބެހޭ ފަރާތްތަކަށް މިފަދަ ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ދީފައެވެ. ނަމަވެސް، ސަރުކާރުގެ އިސް ފަރާތްތަކުގެ މެދުގައި އޮތް ޚިޔާލުތަފާތުވުންތަކާއި މުއާސަލާތީ މައްސަލަތަކުގެ ސަބަބުން، މި މައުލޫމާތު އެންމެ އެކަށީގެންވާ ގޮތެއްގައި ބޭނުންކޮށްފައެއް ނުވެއެވެ. މިކަމާ ގުޅިގެން ސްރީލަންކާގެ އޭރުގެ ސަރުކާރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެ، ރިޔާސީ ކޮމިޝަނަކުން ވެސް މި މައްސަލަ ތަހުގީގުކުރިއެވެ.

2019 ވަނަ އަހަރު މި ހާދިސާ ހިނގިއިރު، ސްރީލަންކާގެ ރައީސްކަމުގައި ހުންނެވީ މައިތުރިޕާލަ ސިރިސޭނާއެވެ. އަދި ބޮޑުވަޒީރަކީ ރަނިލް ވިކްރަމަސިންހައެވެ. އެ ދުވަސްވަރު ސަރުކާރުގެ އެންމެ އިސް ދެ ވެރިންގެ މެދުގައި އުފެދިފައި އޮތް ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން، ގައުމީ ސަލާމަތާ ގުޅޭ ކަންކަމުގައި އެކަށީގެންވާ ފިޔަވަޅުތައް އެޅުމަށް ހުރަސްއެޅުނު ކަމަށް ތަޖުރިބާކާރުންނާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވެއެވެ. މި މައްސަލައިގައި ރައީސް ސިރިސޭނާގެ މައްޗަށް ވެސް އިހުމާލުގެ ތުހުމަތުތައް ކުރެވި، ބަދަލު ދިނުމަށް ކޯޓުން މީގެ ކުރިން އަމުރުކޮށްފައިވެއެވެ.

އީސްޓަރ ސަންޑޭގެ ހަމަލާތަކާ ގުޅިގެން ސްރީލަންކާގެ ސަލާމަތީ ބާރުތަކުގެ އެންމެ އިސް ދެ އޮފިޝަލެއްގެ މައްޗަށް މަރުގެ ހުކުމް އިއްވުމަކީ، މި ހާދިސާއަށް އިންސާފު ހޯދުމަށް ކުރިއަށްދާ ޝަރީއަތްތަކުގައި އައި ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ލަންކާގެ މީޑިއާތަކުން ސިފަކުރެއެވެ. މި ހުކުމާއެކު، ދެ މީހުން ވެސް މިހާރު ވަނީ ކަސްޓޯޑިއަލް ޖަލަކަށް ބަދަލުކޮށްފައެވެ.

comment ކޮމެންޓް