މިދިޔަ ހަފުތާގައި ސްކޭމްގެ 33 މައްސަލަ؛ އެންމެ ގިނައީ އީ-ކޮމާސްގެ މައްސަލަތައް

ސްކޭމްތަކަށް މީހުން ހޭލުންތެރިކުރުމަށް އެމްއެންޔޫއެސްޔޫން ހިންގި ހަރަކާތެއް -- ފޮޓޯ/ އެމްއެންޔޫއެސްޔޫ

މިދިޔަ ހަފުތާގެ ތެރޭގައި ސްކޭމްގެ 33 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށާއި، އޭގެ ތެރެއިން އެންމެ ގިނައީ އީ-ކޮމާސްއާ ގުޅުންހުރި މައްސަލަތައް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މި މައްސަލަތަކުގައި ޖުމްލަ 184,235.00 ރުފިޔާ ގެއްލިފައިވާއިރު، ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 72,073.00 ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.

ފުލުހުން ހާމަކުރި ގޮތުގައި މިދިޔަ ހަފުތާގައި ރިޕޯޓްކުރި މައްސަލަތަކުގެ ތެރޭގައި ހިމެނެނީ, އީ-ކޮމާސްގެ 16 މައްސަލައަކާއި، ބުކިން ކެންސަލޭޝަން ރިފަންޑްގެ ހަތް މައްސަލައަކާއި، ފައިސާ މާރުކުރުމުގެ ހަތަރު މައްސަލައެއް އަދި އެހެން މީހަކަށް ވެގެން އޮޅުވާލުމުގެ އެއް މައްސަލައިގެ އިތުރުން އެހެނިހެން ބާވަތުގެ ފަސް މައްސަލައެވެ.

މި ސްކޭމްތައް ހިންގުމަށް އާންމުކޮށް ބޭނުންކޮށްފައިވަނީ އޮންލައިން މެސެޖިން މަންސަތަކާއި، އައިބޭ، ފޯނު ކޯލް، ފިޝިން ލިންކް އަދި ފޭސްބުކް މާކެޓްޕްލޭސްއެވެ.

އެންޓި ސްކޭމް ސެންޓަރުން މައުލޫމާތު ދޭ ގޮތުގައި ޒަމާނީ ޓެކްނޮލޮޖީއާއެކު ސްކޭމްތައް ހިންގާ ގޮތް ވަނީ ބަދަލުވެފައެވެ. އެގޮތުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން އުފައްދާ ޑީޕް ފޭކް ކޮންޓެންޓްތަކަށް ސަމާލުވުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ރާއްޖޭގައި ހިންގާ ސްކޭމްތަކުގެ 90 އިންސައްތައަކީ ރާއްޖޭގެ އެތެރޭގައި ތިބެގެން ހިންގާ އަމަލުތައްކަންވެސް ފުލުހުން ފާހަގަކުރެއެވެ.

މިދިޔަ ހަފުތާގައި އަލަށް ފާހަގަވި 'ބުކިން ކެންސަލް ރިފަންޑް' ސްކޭމާ ގުޅޭގޮތުން ފުލުހުން ބުނީ، މިފަދަ މައްސަލަތަކުގައި ސޯޝަލް މީޑިއާ މެދުވެރިކޮށް ބުކިން ހެދުމަށްފަހު ފޭކު ސްލިޕް ފޮނުވައި، ކުއްލި ކަމެއް ދިމާވެގެން ބުކިން ކެންސަލްކުރަން ބުނެ ފައިސާ އަނބުރާ ހޯދުމަށް އެދޭ ކަމަށެވެ.

ފުލުހުން އާންމުކުރި ސްކޭމްތަކުގެ ތަފާސްހިސާބު -- ފޮޓޯ/ ފުލުހުން

ފައިސާ ފޮނުވިކަމުގެ ސްލިޕަށް އެކަނި އިތުބާރު ނުކުރައްވައި ރިފަންޑް ދިނުމުގެ ކުރިން އެކައުންޓަށް ފައިސާ ވަދެފައިވާކަން ބޭންކިން އެޕް މެދުވެރިކޮށް ޔަގީންކުރަން ޖެހޭނެ ކަމަށް ފުލުހުން އިރުޝާދު ދެއެވެ.

ސްކޭމްތަކުން ރައްކާތެރިވުމަށްޓަކައި ޝައްކުކުރެވޭ އެއްވެސް ލިންކަކަށް ފިތާނުލުމަށާއި، އޯޓީޕީ ފަދަ ސިއްރު މައުލޫމާތު އެއްވެސް މީހަކާ ހިއްސާ ނުކުރުމަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.

އަދި އޮންލައިންކޮށް ވިޔަފާރިކުރާއިރު މުދާ ވިއްކާ ފަރާތުގެ ސައްހަކަން ކަށަވަރުކުރުމަކީ މުހިންމު ކަމެކެވެ. ސްކޭމެއްގެ ޝިކާރައަކަށް ވެއްޖެނަމަ ވީހާވެސް އަވަހަކަށް 125 އަށް ގުޅައި ރިޕޯޓްކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

ގުޅޭ ޓެގު
comment ކޮމެންޓް