ހުޅުމާލޭގައި އަނެއްކާ ވެސް އަލިފާނުގެ ހާދިސާއެއް، މީހަކަށް އަނިޔާއެއް ނުވޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެސްޓީއޯ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގުން... ފޮޓޯ/ އެންޑީއެމްއޭ

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ އެސްޓީއޯ ޓަވަރުގެ އެޕާޓްމަންޓެއްގައި މިއަދު ހަވީރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާ ހިނގާފައިވަނީ އެސްޓީއޯ ޓަވަރު ބީގެ ތިންވަނަ ފަންގިފިލާގައި ހުރި އެޕާޓްމަންޓެއްގައެވެ.

ނޭޝަނަލް ޑިޒާސްޓަ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) ގެ މީޑިއާ އޮފިޝަލް "ސަން" އަށް ވިދާޅުވ ގޮތުގައި މި ހާދިސާ ހިނގަން މެދުވެރިވީ ފާޚާނާގެ ފެންލައިޓު ބޭރުގައި ހަރުކޮށްފައި ހުރި އެގްޒޯސްޓެއްގައި ރޯވެގެންނެވެ. މި ހާދިސާގެ މައުލޫމާތު ލިބުމާއެކު އަލިފާން ނިއްވުމުގެ މަސައްކަތް ކޮށް، މިހާރު ވަނީ އަލިފާންގަނޑު އެއްކޮށް ނިއްވާލާފައެވެ.

"އެތަނުގައި ރޯވީ ފާޚާނާގެ ފެންލައިޓާ ދިމާ ބޭރުގައި ހަރުކޮށްފައި ހުރި އެގްޒޯސްޓެއްގައި ރޯވެގެން. މިހާރު އަލިފާން ނިންވާލައިފި. މާ ބޮޑު ގެއްލުމެއް ނުވޭ. ހަމަ އެކަނި އެތަނުގެ ފާޚާނާގެ ތެރެ ސީލިންގުން ބަޔައެއް ހަލާކުވި. އިތުރު ތަނަކަށް ގެއްލުމެއް ނުލިބޭ،" އެންޑީއެމްއޭގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

އަދި މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވާ ކަމަށް ފުލުހުން ވެސް ވަނީ ކަށަވަރުކޮށްދީފައެވެ.

މި ހާދިސާގައި އެޕާޓްމަންޓުގެ ފާޚާނާގެ ސީލިންގަށް ބައެއް ގެއްލުންތައް ލިބުނު ނަމަވެސް، އެތަނުގައި ދިރިއުޅޭ މީހުން ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކުރަންޖެހޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައި ނުވާކަމަށް އޮފިޝަލް ފާހަގަކުރެއްވިއެވެ. ނަމަވެސް އަލިފާން ރޯވާން ދިމާވި ސީދާ ސަބަބު އަދި ދެނެގަނެވިފައެއް ނުވެއެވެ.

މިއީ މި މަހުގެ ތެރޭގައި ހުޅުމާލޭގައި ހިނގި ހަތަރުވަނަ އަލިފާނުގެ ހާދިސާއެވެ.

އެގޮތުން މި މަހުގެ 19 ވަނަ ދުވަހު ހިޔާ އަށް ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާއިރު، މި މަހުގެ 18 ވަނަ ދުވަހު ހުޅުމާލެ 100 ނަމްބަރު ފްލެޓުގައި އަދި މި މަހުގެ ދެވަނަ ވަނަ ދުވަހު 110 ނަމްބަރު ފްލެޓުގައި ވެސް އަލިފާނުގެ ހާދިސާތަކެއް ވަނީ ހިނގާފައެވެ.

comment ކޮމެންޓް