އިނގިރޭސި އަސްކަރީ މަރުކަޒަކަށް ޖާސޫސްކުރި ކަމަށް ޝައްކު ކުރެވޭ މީހަކު ސައިޕްރަސްއިން ހައްޔަރުކޮށްފި

މެޑިޓެރޭނިއަން ޖަޒީރާގައި އޮންނަ އިނގިރޭސި ވައިގެ މަރުކަޒު، ⁠އަކްރޯތިރީ . ފޮޓޯ/އޭޕީ

މެޑިޓެރޭނިއަން ޖަޒީރާގައި އޮންނަ އިނގިރޭސި ވައިގެ މަރުކަޒަކަށް ޖާސޫސްކޮށް އީރާނުގެ އިސްލާމިކް ރިވޮލިއުޝަނަރީ ގާޑް ކޯޕަސްއަށް މައުލޫމާތު ފޯރުކޮށްދިން ކަމުގެ ތުހުމަތުގައި އިނގިރޭސިވިލާތް އަދި އަޒަރުބައިޖާންގެ ރައްޔިތުކަން ވެސް އޮންނަ މީހަކު ސައިޕްރަސްއިން ހައްޔަރުކޮށްފައިވާ ކަމަށް ލަންޑަން ޕޮލިހުން ބުނެފިއެވެ.

މެޓްރޮޕޮލިޓަން ޕޮލިހުން ނެރުނު ބަޔާނެއްގައި ބުނީ ލަންޑަންގެ އުތުރުގެ އިސްލިންގްޓަންގެ އުމުރުން 44 އަހަރުގެ ރަޝާދު ސުލްޓަނޯވް، ޖުލައި 17 ވަނަ ދުވަހު ސައިޕްރަސްގެ ކަމާ ބެހޭ ފަރާތްތަކުން ހައްޔަރުކޮށްފައި ވާއިރު، އޭނާ މިހާރު ވަނީ ބަންދުގައި ބަހައްޓާފައެވެ.

އޭނާ ހައްޔަރުކުރީ މިދިޔަ އަހަރުގެ މެއި މަހުގެ 11 އާއި ޖޫން 22 އާ ދެމެދު އިނގިރޭސިވިލާތުގެ ސައިޕްރަސްގެ އާރްއޭއެފް އަކްރޮޓިރީ ބޭސްގައި ހިނގި ހާދިސާތަކާ ގުޅިގެން ކައުންޓާ ޓެރަރިޒަމް ފުލުހުން އިސްކޮށް ތިބެގެން އިނގިރޭސިވިލާތުން ފުރަތަމަ ފަހަރަށް ގައުމުން ބޭރުގައި ހިންގި ⁠ގައުމީ ސަލާމަތީ ގާނޫނުގެ ތަހުގީގުގެ ތެރެއިން ކަމަށް ބަޔާނުގައިވެއެވެ.

އެމެރިކާ ސިފައިން އީރާނަށް ހަމަލާތައް ދިނުމަށް ބޭނުންކުރާ އިނގިރޭސި އަސްކަރީ މަރުކަޒަކަށް ހަމަލާދޭނެ ކަމުގެ އިންޒާރު އައިއާރުޖީސީން މި މަހުގެ ކުރީކޮޅު ވަނީ ދީފައެވެ.

އީރާނުން އުފައްދާ ޝާހިދު ޑްރޯނު ވައްތަރުގެ ޑްރޯނެއް މާޗް މަހުގެ ދެވަނަ ދުވަހު ⁠އަކްރޯތިރީއަށް ވެއްޓި ކުދިކުދި ގެއްލުންތަކެއް ދީފައިވެއެވެ. އޭގެ މާގިނައިރުތަކެއް ނުވެ އިނގިރޭސިވިލާތުން ވަނީ ބޭސްތައް ބޭނުންކުރުމާ ގުޅިގެން އެމެރިކާއާއެކު ވެފައިވާ ދިފާއީ އެއްބަސްވުމުގެ ބައެއްގެ ގޮތުގައި އެ ބޭސް ނުހިމެނޭނެ ކަމަށެވެ.

އަދި މާޗް މަހު އީރާނުން އިންޑިއާ ކަނޑުގެ ޑިއޭގޯ ގާސިއާގައި ހުންނަ އެމެރިކާ-އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒަކަށް ⁠ދެ ބެލިސްޓިކް މިސައިލް ފޮނުވާލި ނަމަވެސް އެއިން އެއްވެސް މިސައިލެއް އަމާޒަށް ވާސިލުވެފައި ނުވާ ކަމަށް ރިޕޯޓްކޮށްފައި ވެއެވެ.

އަކްރޮޓިރީ އަކީ 1960 ވަނަ އަހަރު މިނިވަންވި ފަހުން އިނގިރޭސިވިލާތުން ކުރީގެ ކޮލޮނީގައި ހިފަހައްޓާފައިވާ ދެ ބޭސްގެ ތެރެއިން އެއް ބޭސްއެވެ. މީގެ ކުރިން އިރާގު، ސީރިއާ އަދި ޔަމަނުގައި ހިންގި އަސްކަރީ އޮޕަރޭޝަންތަކަށް އެ ބޭސް ބޭނުންކޮށްފައިވެއެވެ.

comment ކޮމެންޓް