ޗައިނާގެ ވައިގެ ދިފާއީ މިސައިލް ނިޒާމުތަކެއް އީރާނަށް ދެނީ؟

ޗައިނާގައި އުފައްދާފައިވާ ކޮނޑުމަތިން ފޮނުވާލެވޭ ވައިގެ ދިފާއީ 400 އެއްހާ މިސައިލް ނިޒާމު ކުރިއަށް އޮތް ހަފުތާތަކުގެ ތެރޭގައި އީރާނަށް ލިބޭނެ ކަމަށް، މިކަމުގެ މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ ރޮއިޓާސްއިން ރިޕޯޓުކޮށްފިއެވެ.

ރޮއިޓާސްއިން ބުނި ގޮތުގައި، 60 މިލިއަން ޑޮލަރާއި 70 މިލިއަން ޑޮލަރާ ދެމެދުގެ އަގެއް ހުރި މި އެއްބަސްވުމަކީ، އެމެރިކާއާއި އިސްރާއީލާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އީރާނުގެ ދިފާއީ ނިޒާމު ވަރުގަދަކުރުމަށް ކުރާ މަސައްކަތެކެވެ.

މި އެއްބަސްވުމުގެ ދަށުން އީރާނަށް ލިބޭނީ ޗައިނާގެ "ކިއުޑަބްލިއު-12" އަދި "އެފްއެން-16" މަރުކާގެ 300 އާއި 400 އާ ދެމެދުގެ އަދަދެއްގެ މިސައިލް ނިޒާމެވެ. މިއީ ހޮންގްކޮންގްގެ ކުންފުންޏެއް ކަމަށްވާ ޒޮންގްޗިން ބާއޯޝަން އިންޓަނޭޝަނަލް އިންވެސްޓްމަންޓް މެދުވެރިވެގެން ހަދާފައިވާ އެއްބަސްވުމެއް ކަމަށް ރިޕޯޓުތައް ބުނެއެވެ.

އަސްކަރީ ތަޖުރިބާކާރުންނާ ހަވާލާދީ ރިޕޯޓުތަކުގައި ބުނެފައިވާ ގޮތުގައި، ކޮނޑުމަތިން ފޮނުވާލެވޭ މިފަދަ ނިޒާމުތަކަކީ ފަސޭހައިން އެއްތަނުން އަނެއް ތަނަށް ގެންދެވޭ އަދި މަދު ބަޔަކަށް އޮޕަރޭޓުކުރެވޭ ނިޒާމުތަކަކަށް ވާތީ، މިއީ އީރާނުގެ މުހިންމު އުމްރާނީ ވަސީލަތްތައް ހިމާޔަތްކުރުމަށް މުހިންމު ހަތިޔާރެކެވެ.

ނަމަވެސް، ޗައިނާގެ ޚާރިޖީ ވުޒާރާއިން ވަނީ މި ރިޕޯޓުތައް ދޮގުކޮށްފައެވެ. އެ ވުޒާރާއިން ބުނި ގޮތުގައި މިއީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެކެވެ. އަދި ޗައިނާއިން އަބަދުވެސް މަސައްކަތްކުރަނީ ސުލްހަ ގާއިމުކުރުމަށް ކަމަށް އެ ވުޒާރާއިން ފާހަގަކުރިއެވެ.

މި މިސައިލްތައް ޗައިނާގެ އުރުމްޗީން ޕާކިސްތާނު މަގުން އީރާނަށް އެތެރެކުރަން ރާވާފައިވާ ކަމަށް މަސްދަރުތަކުން ބުނެފައިވީ ނަމަވެސް، ޕާކިސްތާނުގެ އަސްކަރިއްޔާއިން ވަނީ އެކަން ދޮގުކޮށްފައެވެ. ޕާކިސްތާނުގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޗައިނާއިން އީރާނަށް ހަތިޔާރު ފޯރުކޮށްދިނުމުގައި ޕާކިސްތާނުން ބައިވެރިވާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަދައިގެން ދައްކާ ދޮގު ވާހަކަތަކެއް ކަމަށެވެ.

އެމެރިކާއިން އީރާނަށް ދެމުންދިޔަ ހަމަލާތައް ހޮނިހިރު ދުވަހު ވަގުތީ ގޮތުން މެދުކަނޑާލާފައިވީ ނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ، މަޝްވަރާތަކުން ހައްލެއް ނުލިބިއްޖެ ނަމަ އަލުން ހަމަލާދޭން ފަށާނެ ކަމަށެވެ. މިކަމާ ގުޅޭގޮތުން އީރާނުގެ ޚާރިޖީ ވުޒާރާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް