ރާއްޖެއާއި ސްރީލަންކާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުމާ އެއްވަރަށް ދެ ގައުމުގެ އިގުތިސާދީ ގުޅުން އަދި ފުޅާވެފައި ނުވާ ކަމަށް، ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްއޫދު އިމާދު ވިދާޅުވެއްޖެއެވެ.
މިދިޔަ އަންގާރަ ދުވަހު ކޮލަމްބޯގައި ބޭއްވި ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލްގެ 18 ވަނަ އަހަރީ އާންމު ޖަލްސާ ޝަރަފުވެރިކޮށްދެއްވައި ވާހަކަ ދައްކަވަމުން މަސްއޫދު ވިދާޅުވީ ވިޔަފާރީގެ ގުޅުން އިތުރަށް ފުޅާކޮށް، އިދާރީ ގޮތުން ހުރި ހުރަސްތައް ނައްތާލަން ޖެހޭ ކަމަށެވެ. އަދި ދެ ގައުމުގެ ރައްޔިތުންނާއި ވިޔަފާރިތަކަށް މި ގުޅުމުގެ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ލިބޭނެ މަގު ފަހިކުރުމުގެ މުހިންމުކަން ވެސް ސަފީރު ފާހަގަކުރެއްވިއެވެ.
ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވަމުން ސަފީރު ވިދާޅުވި ގޮތުގައި، ސްރީލަންކާ-މޯލްޑިވްސް ބިޒްނަސް ކައުންސިލުން ދަނީ ދެ ގައުމުގެ އިގުތިސާދީ ގުޅުން ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުންނެވެ.
"އަޅުގަނޑުމެންގެ ގުޅުމަކީ ހަމައެކަނި ޖޯގްރަފީގެ ގޮތުން އޮންނަ ގުޅުމެއް ނޫން. ތާރީޚާއި، ސަގާފަތާއި، ވިޔަފާރިއާއި، ތަޢުލީމުގެ އިތުރުން އާއިލީ ގުޅުންތަކުން ދެ ގައުމުގެ ރައްޔިތުން ވަނީ ގުޅިފައި،" އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސްރީލަންކާއާއެކު ގާތުން މަސައްކަތްކޮށް، ބޭނުންނުވާ ހުރަސްތައް ނައްތާލައި، ވިޔަފާރިއާއި އިންވެސްޓްމަންޓް ފުޅާކުރުމަށް ރާއްޖެއިން އަބަދުވެސް ތައްޔާރަށް އޮތް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި ކުރިއަށް އޮތް ތާނގައި ދެ ގައުމުގެ ގުޅުން ފާހަގަކުރެވެންވާނީ ހަމައެކަނި މާޒީގެ ފަޚުރުވެރި ތާރީޚުން ނޫން ކަމަށާއި، އެއީ ދެ ގައުމު ހިއްސާކުރާ މުސްތަގުބަލެއްގެ މައްޗަށް ބިނާވެފައިވާ ގުޅުމަކަށް ވާންޖެހޭނެ ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.
ތަފާސްހިސާބުތަކަށް އިޝާރާތްކުރައްވަމުން މަސްއޫދު އިމާދު ވިދާޅުވި ގޮތުގައި، މިދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި 137 މިލިއަން ޑޮލަރުގެ ވިޔަފާރިކޮށްފައިވެއެވެ. މީގެ ތެރެއިން 130 މިލިއަން ޑޮލަރަކީ ސްރީލަންކާއިން ރާއްޖެއަށް އެކްސްޕޯޓުކުރި މުދަލުގެ އަގެވެ. އަދި ރާއްޖެއިން ސްރީލަންކާއަށް އެކްސްޕޯޓުކޮށްފައިވަނީ ގާތްގަނޑަކަށް 5.7 މިލިއަން ޑޮލަރުގެ މުދަލެވެ.
މި ތަފާތު ފާހަގަކުރައްވައި ސަފީރު ވިދާޅުވީ، ސްރީލަންކާއަކީ ރާއްޖޭގެ އިގުތިސާދަށާއި ރައްޔިތުންގެ ދިރިއުޅުމަށް ބޭނުންވާ މުހިންމު މުދަލާއި ޚިދުމަތްތައް ފޯރުކޮށްދޭ، ރާއްޖޭގެ އެންމެ މުހިންމު އެއް ވިޔަފާރީގެ ބައިވެރިޔާ ކަމަށެވެ. މީގެ އިތުރުން، ސްރީލަންކާގެ ވިޔަފާރިވެރިން ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި ކުރާ އިންވެސްޓްމަންޓުތައް ކާމިޔާބުކަމާއެކު ހިންގަމުންދާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
ދެ ގައުމުގެ ރައްޔިތުންގެ މެދުގައި އޮންނަ ގުޅުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސަފީރު ވިދާޅުވި ގޮތުގައި، ރާއްޖެއިން އަބަދުވެސް ސްރީލަންކާގެ ރައްޔިތުންނަށް މަރުހަބާ ކިޔައެވެ. އެގޮތުން، 2023 އިން 2025 އަށް ރާއްޖޭގައި ވަޒީފާ އަދާކުރުމަށް 30،100 އަށް ވުރެ ގިނަ ސްރީލަންކާ މީހުންނަށް ވޯކް ޕާމިޓް ދޫކޮށްފައިވެއެވެ. ހަމަ އެ މުއްދަތުގެ ތެރޭގައި 238 ސްޓޫޑެންޓް ވިސާއާއި 616 ޑިޕެންޑެންޓް ވިސާ ދޫކޮށްފައިވާއިރު، މިހާރުވެސް 31،300 އަށް ވުރެ ގިނަ ސްރީލަންކާ މީހުން ރާއްޖޭގައި ދިރިއުޅެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ. މިއާ ޚިލާފަށް، ސްރީލަންކާގައި ދިރިއުޅޭ ދިވެހިންގެ އަދަދު ވަނީ 1،700 އަށް ދަށްވެފައެވެ. އޭގެ ތެރޭގައި ގިނައީ ކިޔަވާ ކުދިންނާއި، އެ ކުދިންގެ ބެލެނިވެރިންގެ އިތުރުން ބޭސްފަރުވާއަށް ގޮސް ތިބޭ މީހުންނެވެ.
ސަފީރު ވިދާޅުވި ގޮތުގައި، މި އަދަދުތަކުން ދައްކައިދެނީ ހަމައެކަނި ވަޒީފާގެ ބޭނުމުގައި މީހުން ހިޖުރަކުރާ މިންވަރެއް ނޫނެވެ. އެއީ ސްރީލަންކާގެ ފަންނީ މީހުންނާއި ވިޔަފާރިވެރިން ރާއްޖެއާމެދު ބާއްވާ އިތުބާރު ކަމަށް އޭނާ ސިފަކުރެއްވިއެވެ.
މި ތަފާސްހިސާބުތަކަށް ރިއާޔަތްކުރައްވައި ސަފީރު ވަނީ ދެ ގައުމުގެ ގުޅުމާމެދު ފުންކޮށް ވިސްނުމަށް ގޮވާލައްވާފައެވެ.
"އަޅުގަނޑުމެންގެ ރަހުމަތްތެރިކަން ވަރަށް ފުން. އެހެންނަމަވެސް، އަޅުގަނޑުމެންގެ އިގުތިސާދީ ގުޅުމުން އެ ރަހުމަތްތެރިކަމުގެ ބާރުމިން އެންމެ ފުރިހަމައަށް ނުފެނޭ،" އޭނާ ވިދާޅުވިއެވެ.
ސަފީރު ފާހަގަކުރެއްވި ގޮތުގައި، ކުރިން ދެ ގައުމުގެ ގުޅުން ބިނާވެފައި އޮތީ އިތުބާރާއި، ހާމަކަން ބޮޑު ގޮތެއްގައި ކަންކަން ކުރުމާއި، ދެފަރާތަށް ވެސް ފައިދާވާ އުސޫލެއްގެ މައްޗަށެވެ. ނަމަވެސް މިހާރު އެ ހަމަހަމަކަމުގެ ރޫހާ ދުރަށް ގޮސްފައިވާ ކަމުގެ އިހުސާސް ކުރެވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންކަމުން، ސިޔާސަތުތަކާއި އިދާރީ އުސޫލުތަކުގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި ނޭދެވޭ ހުރަސްތަކެއް އުފެދުމަކީ އެއްވެސް ގައުމަކަށް ފައިދާހުރި ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި މި ގުޅުން ކުރިން އޮތް ހަރުދަނާ ފެންވަރަށް ގެންދިއުމަށްޓަކައި، ގުޅުން ހީނަރުވާން މެދުވެރިވި ސަބަބުތައް ދެނެގަނެ، އެކަންކަން ހައްލުކުރުމަށް ދެ ގައުމުން ގުޅިގެން މަސައްކަތްކުރުމަށް ސަފީރު ގޮވާލެއްވިއެވެ.