ޣައްޒާގެ ހަތިޔާރު ނައްތާލުމަށް ހަމާސް އިން އެއްބަސްވުމަކަށް

ޣައްޒާ ސިޓީގެ އަލް މުއްތަގީން މިސްކިތަށް އިސްރާއީލުން ދިން ހަމަލާއެއްގައި ދުން އަރަނީ. ފޮޓޯ/އޭއެފްޕީ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިސްވެ ހުންނަވައި އުފައްދާފައިވާ "ބޯޑް އޮފް ޕީސް" އިން އެކުލަވާލި ޣައްޒާގެ ހަތިޔާރު ނައްތާލުމުގެ އެއްބަސްވުމަކަށް ހަމާސްއާއި ފަލަސްތީނުގެ އެހެން ޖަމާއަތްތަކުން އެއްބަސްވެއްޖެ ކަމަށް ޓްރަމްޕް އިއުލާންކުރައްވައިފިއެވެ.

ޓްރަމްޕްގެ "ޓްރޫތް ސޯޝަލް" ޕްލެޓްފޯމުގައި ބުރާސްފަތި ދުވަހު އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި، މިއީ ޣައްޒާގެ ވެރިކަން ފަލަސްތީނުގެ އާ ސަރުކާރަކާ ހަވާލުކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެކެވެ. އަދި މި އެއްބަސްވުމުގެ ދަށުން އިސްރާއީލަށް ރައްކާތެރިކަން ލިބޭނެ ކަމަށާއި، ޓެރަރިސްޓް ހަމަލާތައް ދޭ މަރުކަޒެއްގެ ގޮތުގައި ޣައްޒާ ދެން ބޭނުން ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަތިޔާރު ނައްތާލުމުގެ މަސައްކަތް ނިމުމުން، ފަލަސްތީނުގެ އާ ފުލުހުންގެ ބާރަކާ ގުޅިގެން މަސައްކަތްކުރާނެ އިންޓަނޭޝަނަލް ސްޓެބިލައިޒޭޝަން ފޯސްއެއް ނުވަތަ ސުލްހަ ބަލަހައްޓާ ކޮމެޓީއެއް ޣައްޒާގައި ހަރަކާތްތެރިވާން ފަށާނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން، މި އެއްބަސްވުމަކީ ޣައްޒާގެ މައްސަލަ ހައްލުކުރުމަށް އޭނާ ހުށަހެޅުއްވި 20 ނުކުތާގެ ޕްލޭން ތަންފީޒުކުރުމުގައި ލިބުނު ބޮޑު ކާމިޔާބީއެއް ކަމަށް ވެސް ޓްރަމްޕް ސިފަކުރެއްވިއެވެ.

އަލްޖަޒީރާއަށް ލިބިފައިވާ މި އެއްބަސްވުމުގެ ކޮޕީއަކާ ހަވާލާދީ އެ ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަތިޔާރު ނައްތާލުމުގެ މަސައްކަތް ފަށާނީ ގައުމީ ކޮމިޓީއަކާއި ބައިނަލްއަގުވާމީ ސުލްހަ ބަލަހައްޓާ ފޯސް ޣައްޒާއަށް ވަނުމުންނެވެ. އެއަށްފަހު 14 ދުވަހުގެ ތެރޭގައި ހަތިޔާރު ނައްތާލުމުގެ ރޯޑްމެޕް ތައްޔާރުކުރަން ޖެހޭނެއެވެ. އަދި ބައިނަލްއަގުވާމީ ޖަމިއްޔާއެއްގެ ރުހުން ލިބިގެން އެ މުއްދަތު އިތުރުކުރުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް އެ ލިޔުމުގައި ބުނެފައިވެއެވެ.

ފަލަސްތީނުގެ ފެކްޝަންތަކުގެ ބައިވެރިވުމާއެކު، ހަތިޔާރުގެ އިންވެންޓްރީއާއި ސްޓޯރޭޖް ބަލަހައްޓާނީ ގައުމީ ކޮމިޓީންނެވެ. އެއްބަސްވުމުގައިވާ ގޮތުން، އިސްރާއީލަށް ނުވަތަ ފަލަސްތީނު ނޫން އެހެން ފަރާތަކަށް އެއްވެސް ހަތިޔާރެއް ހަވާލެއް ނުކުރާނެއެވެ. ސުލްހައިގެ ބޯޑުގެ އޮފިޝަލަކު ކަށަވަރުކޮށްދެއްވި ގޮތުގައި، ހަމާސްއާއި ހަތިޔާރު އެޅި އެހެން ޖަމާއަތްތަކުން ހަތިޔާރު ހަވާލުކުރާނީ ޣައްޒާ ހިންގުމަށް ކަނޑައަޅާފައިވާ ގައުމީ ކޮމިޓީއާއެވެ. ފުރަތަމަ މަރުހަލާގައި ބަދަލުކުރާނީ ފުލުހުންގެ އަތުގައި ހުރި ހަތިޔާރު ކަމަށާއި، އޭގެ ފަހުން ބަރު ހަތިޔާރު ނައްތާލުމުގެ މަސައްކަތް ފަށާނެ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މި ޕްލޭންގެ ދަށުން ޣައްޒާގެ ހުރިހާ އަސްކަރީ ހަރަކާތްތަކެއް ހުއްޓާލަން ޖެހޭނެ ކަމަށާއި، ނަމަވެސް މުޅި ޕްރޮސެސް ތަންފީޒުކުރުމަށް ގިނަ ވަގުތުތަކެއް ނަގާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ބުދަ ދުވަހު އިސްރާއީލުން ޣައްޒާގެ ގެއަކަށް ހަމަލާދީފައި. ފޮޓޯ/ރޮއިޓާސް

ހަމާސްގެ މަޝްވަރާ ވަފުދުގެ މެންބަރު ޣާޒީ ހަމާދު އަލްޖަޒީރާއަށް ވިދާޅުވި ގޮތުގައި، މިއީ ވަރަށް އުނދަގޫ އަދި ބުރަ މަޝްވަރާތަކެކެވެ. ނަމަވެސް އިސްރާއީލުން އެ ގައުމުގެ ވާޖިބުތައް އަދާނުކުރާ ނަމަ، އެއްބަސްވުމުގެ އެއްވެސް ބައެއް ހަމާސްއިން ތަންފީޒު ނުކުރާނެ ކަމަށް އޭނާ އިންޒާރުދެއްވިއެވެ.

ހަމާދު ވިދާޅުވީ ހަތިޔާރު ނައްތާލުމުގެ މަރުހަލާ ކުރިއަށްދާނީ އިސްރާއީލު ސިފައިން ޣައްޒާއިން މަޑުމަޑުން ފޭބުމާއި، ސަރަހައްދު އަލުން ބިނާކުރުމަށް ލިބޭ ކުރިއެރުންތަކެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. މިކަމާ ގުޅޭގޮތުން އިސްރާއީލުގެ ރަސްމީ ފަރާތްތަކުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެއެވެ. އަނެއްކޮޅުން، ޣައްޒާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި އެހެން ޖަމާއަތެއް ކަމަށްވާ ފަލަސްތީނުގެ އިސްލާމިކް ޖިހާދުން ބުނީ، ފެކްޝަންތަކާއި އިސްރާއީލާ ދެމެދު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބުނާ ރިޕޯޓުތަކަކީ ތެދު މައުލޫމާތެއް ނޫން ކަމަށެވެ. އަދި ދައުރުވަމުންދާ ޚަބަރުތަކާ މެދު ޝައްކު އުފެދޭ ކަމަށް އެ ޖަމާއަތުން ފާހަގަކުރިއެވެ.

މިސްރުގެ ގާހިރާގައި މިދިޔަ ހަފުތާއިން ފެށިގެން ހަމާސްގެ ލީޑަރުން އަންނަނީ މިސްރާއި، ގަތަރާއި، ތުރުކީ އަދި އެމެރިކާގެ މެދުވެރިންނާއެކު މަޝްވަރާކުރަމުންނެވެ. މިސްރުގެ "އަލް ގާހިރާ ނިއުސް" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހަނގުރާމަ ހުއްޓާލުމުގެ ރޯޑްމެޕްގެ ދެވަނަ ފިޔަވަހީގެ ކަންކަން ކަށަވަރުކުރުމަށް ވަރަށް އަވަހަށް އިތުރު މަޝްވަރާތަކެއް ގާހިރާގައި ބާއްވާނެއެވެ. މި މަޝްވަރާތައް ކުރިއަށް މިދަނީ، ގާތްގަނޑަކަށް 20 އަހަރު ވަންދެން ޣައްޒާގައި ހިންގަމުން އައި ހަމާސްގެ ސަރުކާރު އުވާލިކަން ޖުލައި 6 ވަނަ ދުވަހު އެ ޖަމާއަތުން އިއުލާންކޮށްފައިވާ ދަނޑިވަޅެއްގައެވެ. ހަމާސްއިން ވަނީ ޣައްޒާގެ މަދަނީ ވެރިކަން އދ. އިން ގަބޫލުކުރާ ޓެކްނޮކްރެޓިކް ކޮމިޓީއަކާ ހަވާލުކުރަން ނިންމާފައެވެ. މި ނިންމުމަކީ ސުލްހައިގެ މަސައްކަތްތަކަށް މަގުފަހިކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ހަމާސްގެ އޮފިޝަލުން ބުނެފައިވެއެވެ.

އޮކްޓޫބަރު މަހު ވެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިސްރާއީލުން އެތައް ފަހަރަކު ޚިލާފުވެފައިވާ ކަމަށް ފަލަސްތީނުގެ އޮފިޝަލުން ބުނެއެވެ. އެގޮތުން، އެއްބަސްވުމަށްފަހު ވެސް އިސްރާއީލުން ދިން ހަމަލާތަކުގައި 1،200 އަށްވުރެ ގިނަ ފަލަސްތީނު މީހުން މަރުވެފައިވާއިރު، ޣައްޒާގެ އިތުރު ސަރަހައްދުތައް އަތުލައިގަނެ، މުދާ އެތެރެކުރުން ވަނީ ހަނިކޮށްފައެވެ. އެންމެ ފަހުން ބުދަ ދުވަހު އިސްރާއީލުން ޣައްޒާގެ ގެއަކަށް ދިން ހަމަލާތަކުގައި ފަލަސްތީނުގެ ހަ މީހަކު މަރުވެފައިވާއިރު، އޭގެ ތެރޭގައި ދެ ކުޑަކުދިން ވެސް ހިމެނޭ ކަމަށް ރޮއިޓާސްއިން ރިޕޯޓުކޮށްފައިވެއެވެ. ހަތިޔާރު ނައްތާލުމުގެ އެއްބަސްވުމެއްގެ ވާހަކަ ދެކެވެމުންދާއިރު، އިސްރާއީލުން އަދިވެސް ގެންދަނީ ޣައްޒާގެ އެކި ސަރަހައްދުތަކުގައި އަސްކަރީ އޮޕަރޭޝަންތައް ހިންގަމުންނެވެ.

comment ކޮމެންޓް