ދިވެހި ފުލުހުންގެ ތަމްރީނު ފުރުސަތުތައް ފަހިކުރުމާ ގުޅޭ ގޮތުން ރާއްޖެއިން އޮސްޓްރެލިއާއާއެކު މަޝްވަރާ ކޮށްފިއެވެ.
ކޮމިޝަނާ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ވަނީ، އޮސްޓްރޭލިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ޑޭވިޑް ޖެސަޕް އާއި ސްރީލަންކާގެ ކޮލަމްބޯގައި ހުންނަވާ އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އޭއެފްޕީގެ ސީނިއާ ލިއޭޒަން އޮފިސަރު ޑިޓެކްޓިވް ސުޕްރިންޓެންޑެންޓް ކެތަރިން ޕޮލްކިންހޯން އާ ބައްދަލުކުރައްވައިފައެވެ.
އެ ބައްދަލުވުމުގައި ރާއްޖެއާއި އޮސްޓްރޭލިއާއާ ދެމެދު އޮންނަ ޒަމާންވީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި މަޝްވަރާކުރައްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ސީޕީ ވަނީ، އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސްގެ ފަރާތުން ދިވެހި ފުލުހުންގެ ޚިދުމަތަށް މެދުކެނޑުމެއްނެތި ފޯރުކޮށްދެމުންދާ އެހީތެރިކަން ފާހަގަކުރައްވައި، ޚާއްސަކޮށް ޓެރަރިޒަމާ ދެކޮޅަށް މަސައްކަތްކުރުމާއި ތަހުގީގުކުރުމުގެ ދާއިރާއިން ފޯރުކޮށްދޭ ތަމްރީނު ޕްރޮގްރާމްތަކާއި ފޯރުކޮށްދީފައިވާ ވަސީލަތްތަކުގެ އިތުރުން ފަންނީ އެހީތެރިކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.

ފުލުހުންގެ ތަމްރީނު ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން އޮސްޓްރެލިއާއާއެކު މަޝްވަރާކޮށްފި -- ފޮޓޯ: ފުލުހުން
މީގެ އިތުރުން، ކުރިމަގުގައި ދެ މުއައްސަސާ ގުޅިގެން އިތުރަށް ކުރެވިދާނެ މަސައްކަތްތަކާއި ތަމްރީނުގެ ފުރުސަތުތައް ފަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށާއި ގުޅިގެން ކުރިއަށްގެންދެވިދާނެ އެހެނިހެން ހަރަކާތްތަކާ ގުޅޭގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ހިލޭ އެހީގެ ގޮތުގައި އޮސްޓްރޭލިއާއިން ހަދިޔާކުރި ނޭވީ މަނަވަރެއް މި އަހަރު ރާއްޖެއަށް ގެނެސް، މި ހަފުތާގައި ވަނީ ޚިދުމަތަށް ނެރެފައެވެ.