"އެއީ މަސްތުވާއެއްޗެއް ނޫން, ހަޖަމު ކުރަން ފަސޭހަ ކޮށްދޭ އެއްޗެއް"

ކްރިމިނަލް ކޯޓު: ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށް މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން، އެއީ ހަޖަމުކުރުމަށާއި ނިދުމަށް ވެސް ފަސޭހަކޮށްދޭ އެއްޗެއް ކަމަށް މީހަކު ބުނި -- ފޮޓޯ: ރައީސް އޮފީސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް ޓްރެފިކްކުރުމުގެ މައްސަލައެއްގައި ހައްޔަރުކޮށް މުއްދަތު އިތުރުކުރަން ކޯޓަށް ގެންދިއުމުން، އެ ތަކެއްޗަކީ މަސްތުވާތަކެތި ކަމަށް ގަބޫލުނުކުރާ ކަމަށާއި އެއީ ހަޖަމުކުރުމަށާއި ނިދުމަށް ވެސް ފަސޭހަކޮށްދޭ އެއްޗެއް ކަމަށް، އިންޑިއާ މީހަކު ކްރިމިނަލް ކޯޓުގައި މިއަދު ބުނެފިއެވެ.

މިދިޔަ މެއި މަހު ރާއްޖެ އައި އިންޑިއާ މީހަކު ކަމަށްވާ އުމުރުން 30 އަހަރުގެ ސޫރަޖު ކަރުވާރު ޓެނިސް ބޫޓު ކިބައެއްގެ ތެރޭ ފޮރުވައިފައި ހުރި މަސްތުވާތަކެތި ޕެކެޓުތަކާއެކު ވަނީ ހައްޔަރުކޮށްފައިވެއެވެ.

މި މަހުގެ 15ވަނަ ދުވަހު ކޯޓުގައި އޮތް އަޑުއެހުމެއްގައި އޭނާ އޭރު ބުނީ ބޫޓުތެރެއަށް ލައިގެން ގެނައީ "ހާބަލް" ނުވަތަ ފަތްޕިލާވެލީގެ ބާވަތެއް ކަމަށާއި، އެއީ އިންޑިއާގައި ބޭނުންކުރުން ހުއްދަ އެއްޗެއް ކަމަށެވެ. އަދި އެއީ ރާއްޖޭގައި މަނާ އެއްޗެއްކަން އޭނާއަށް ނޭނގޭ ކަމަށް ވެސް ބުނެފައިވެއެވެ.

https://sun.mv/224687

ނަމަވެސް މިއަދު ކޯޓުގައި އޭނާ ބުނީ އޭނާ އެތެރެކުރި ތަކެއްޗަކީ ހަޖަމުކުރަމަށާއި ނިދުމަށް ފަސޭހަކޮށްދޭ އެއްޗެހި ކަމަށެވެ. އެ ތަކެއްޗަކީ މަސްތުވާތަކެތި ކަމަށް ގަބޫލުނުކުރާ ކަމަށް ބުނެ އޭނާގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކްކުރުމުގެ ދައުވާ ކުރެވިދާނެ ކަމަށް ވެސް ގަބޫލުނުކުރާ ކަމަށް ވެސް ސޫރަޖު ބުންޏެވެ.

ކޯޓު އަމުރުގައިވާ ގޮތުން ސޫރަޖު ކެނަބިހަށާއި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓީއެޗްސީއަށް ފައްސިވެފައިވެއެވެ. އޭނާ އަތުން ފެނިފައިވާ ތަކެތީގެ ތެރެއިން 404 ގުރާމުގެ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ޓެޓްރާހައިޑްރޯ ކެނެބިނޯލަށް ފައްސި ކަމަށް ވެސް އަމުރުގައިވެއެވެ.

ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 30 ދުވަސް މިއަދު ޖަހައިފައެވެ.

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ ބިދޭސީންގެ ތެރޭގައި މި ފަހަކަށް އައިސް އިންޑިއާ މީހުން އިތުރުވަމުންދާކަން ފާހަގަކުރެވެ އެވެ. މި މައްސަލަ ބޮޑުވެ، އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ (އެންސީބީ) އިން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ހާއްސަ އެޑްވައިޒަރީއެއް ވެސް ނެރެފައެވެ.

comment ކޮމެންޓް