އިންޑިއާގެ ޓީވީ ބަތަލާ ނިއާ ޝަރްމާ އާއި ސިކަންދަރު ސިންގް ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުންދާއިރު، އެ ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމުގެ އަޑުތަކެއް ފެތުރިއްޖެއެވެ.
މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަޑުތައް ފެތުރެން ފެށީ ރާއްޖޭގެ ރިސޯޓެއްގައި ނަގާފައިވާ ފޮޓޯތަކެއް ނިއާ އޭނާގެ އިންސްޓަގްރާމްގައި ހިއްސާކުރުމާ ގުޅިގެންނެވެ.
އެ ފޮޓޯތަކުން ފެންނަ ގޮތުގައި ނިއާ އާއި ސިކަންދަރު އެކުގައި ވަގުތު ހޭދަކުރެއެވެ. އަދި އެއް ފޮޓޯއެއްގައި ސިކަންދަރު ނިއާގެ އަތުގައި ހިފަހައްޓައިގެން ހުންނަ މަންޒަރު ފެނެއެވެ. މީގެ އިތުރުން، އެ މީހުން ޗުއްޓީ ހޭދަކުރި ރިސޯޓުގެ މުވައްޒަފުންނާއެކު ވެސް އެ ދެ މީހުން ފޮޓޯ ނަގާފައިވެއެވެ.

މިކަމާ ގުޅިގެން ނިއާ އަދި ސިކަންދަރު ވެސް ރަސްމީކޮށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
ނިއާ އަކީ އާންމުކޮށް އޭނާގެ އަމިއްލަ ދިރިއުޅުމުގެ ކަންކަން މީޑިއާއާ ހިއްސާކުރާ ފަރާތެއް ނޫން ކަމަށް "ނިއުސް18" އިން ފާހަގަކޮށްފައިވެއެވެ.
"ޓައިމްސް ނައު" އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސިކަންދަރު ސިންގް އަކީ ބޮލީވުޑްގެ ބައެއް ފަރާތްތަކާ ގުޅުން އޮންނަ މީހެކެވެ. އެގޮތުން ޕްރޮޑިއުސަރު ނިކިލް ދްވިވޭދީ އާ އޭނާ ގާތް ގުޅުމެއް އޮންނަ ކަމަށް އެ ނޫހުން ބުނެފައިވެއެވެ.
ނިއާ ރާއްޖެ އައިސްފައިވަނީ އޭނާ ބައިވެރިވި ރިއަލިޓީ ޝޯ "ލާފްޓާ ޝެފްސް" ގެ ތިންވަނަ ސީޒަން ނިންމާލުމަށް ފަހުގައެވެ. މިދިޔަ އާދިއްތަ ދުވަހު ނިމުނު އެ ޝޯ ކާމިޔާބުކުރީ އަލީ ގޯނީ އާއި ޖަންނަތު ޒުބައިރު ކަމަށް "ހިންދުސްތާން ޓައިމްސް" އިން ރިޕޯޓުކޮށްފައިވެއެވެ. އެ ޝޯގައި ނިއާ މަސައްކަތްކުރީ ކޮމީޑިއަން ސުދޭޝް ލެހްރީއާ އެކުގައެވެ.