ދަނުޝްގެ ނޭޝަނަލް އެވޯޑާ މެދު އަމާޒުވި ފާޑުކިޔުންތަކަށް ރައްދު ދީފި

ދެކުނު އިންޑިއާގެ މަގުބޫލު އެކްޓަރު އަދި ފިލްމު ޑައިރެކްޓަރު ދަނުޝް--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މީގެ ދެ އަހަރު ކުރިން ރިލީޒްކުރި ތަމަޅަ ފިލްމުތަކުގެ ތެރެއިން ދެކުނު އިންޑިއާގެ ކުޅަދާނަ އެކްޓަރު ދަނުޝް ޑައިރެކްޓްކުރި ފިލްމު "ރާޔަން"އަށް ނޭޝަނަލް އެވޯޑު ލިބުމާ ގުޅިގެން އަމާޒުވި ފާޑުކިޔުންތަކަށް އެކްޓަރު ރައްދުދީފިއެވެ.

ތަމަޅަ ފިލްމު "ކެޕްޓަން މިލާ"އިން އެންމެ މޮޅު އެކްޓަރުގެ 'ސްޕެޝަލް މެންޝަން' އެވޯޑު ދަނުޝްއަށް ލިބުނުއިރު، އޭނާ ޑައިރެކްޓްކުރި 'ރާޔަން'އަށް ވަނީ އެންމެ މޮޅު ތަމަޅަ ފިލްމުގެ އެވޯޑު ލިބިފައެވެ.

މި މަހުގެ ކުރީކޮޅު ނޭޝަނަލް އެވޯޑްތައް އިއުލާން ކުރުމާ އެކު، ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ބުނަމުން ދިޔައީ ކާތީ އާއި އަރްވިންދު ސުވާމީގެ 'މައްޔަޅަގަން' އަދި ވިޖޭ ސެތުޕަތީގެ 'މަހާރާޖާ' އަކީ 'ރާޔަން'އަށް ވުރެ ބޮޑަށް އެންމެ މޮޅު ތަމަޅަ ފިލްމުގެ ޝަރަފު ހައްގު ފިލްމުތަކެއް ކަމަށެވެ.

މީގެ އިތުރުން، 'ކެޕްޓަން މިލާ'އިން ދަނުޝްއަށް ލިބުނު އެކްޓިންގް އެވޯޑަށްވުރެ، އިސްވެދެންނެވުނު ފިލްމުތަކުގެ ބަތަލުންގެ ހުނަރު މާ ފުރިހަމަ ކަމަށްވެސް ބައެއް މީހުން ވަނީ ފާހަގަކޮށްފައެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ދަނުޝް ބުނީ، "ރާޔަން"އަށް ނޭޝަނަލް އެވޯޑެއް ލިބުނު ނަމަވެސް، އެ އަހަރު އެއަށްވުރެ މޮޅު ފިލްމުތައް ހުރިކަން ގަބޫލުކުރާ ކަމަށާއި އާއްމުންގެ އިހުސާސްތަކަށް ފުރިހަމައަށް އިހުތިރާމް ކުރާ ކަމަށެވެ.

ދަނުޝްއަށް ޑައިރެކްޓްކުރި ފިލްމު 'ރާޔަން'ގެ މަންޒަރެއްގައި އެކްޓަރު ފިލްމުގެ އިތުރު ތަރިންނާ އެކު--ފޮޓޯ/ޓެލެގްރާފްއިންޑިއާ

މީގެއިތުރުން، މީގެ ކުރިން ނޭޝަނަލް އެވޯޑު ލިބޭނެ ކަމަށް ވަރަށް ބޮޑަށް އުންމީދު ކުރި ނަމަވެސް، އެވޯޑު ނުލިބި ދިޔަ ފިލްމުތަކުގެ ހަނދާންތައްވެސް ދަނުޝް ވަނީ އާކޮށްފައެވެ. އޭނާ ބުނި ގޮތުގައި 'އަދު އޮރު ކަނާ ކާލަމް' ރިލީޒްވި ދުވަސްވަރު އެ ފިލްމަށް އެވޯޑެއް ލިބޭނެ ކަމަށް ގިނަ ބަޔަކު ބުނި ކަމަށާއި، އޭރު އޭނާވެސް އެކަމަށް އުންމީދު ކުރި ކަމަށެވެ.

ދަނުޝް އިތުރަށް ބުނި ގޮތުގައި ސައުތު ސިނަމާގެ އުފެއްދުންތައް ކަމަށްވާ '3'، 'މަޔައްކަމް އެންނާ'، 'ވަޑަ ޗެންނައި'، 'ކަރްނަން'، 'މަރިޔާން' އަދި 'ރާންޖަނާ' ފަދަ ފިލްމުތަކަކީވެސް އެވޯޑަކަށް އޭނާ ވަރަށް ބޮޑަށް އުންމީދު ކުރި މަސައްކަތްތަކެކެވެ.

މި ފަހަރުގެ ކާމިޔާބީއާ ގުޅޭގޮތުން ވާހަކަ ދައްކަމުން ދަނުޝް ބުނީ، ބައެއް ކަންކަމަކީ ކިތަންމެ ބޮޑު މަސައްކަތެއް ކުރި ނަމަވެސް، އޭގެ ޒާތުގައި ހަމަޖެހިގެންދާ ކަންކަން ކަމުގައެވެ. އެގޮތުން އޭނާއަށް ލިބުނު ނޭޝަނަލް އެވޯޑަކީ ވެސް އެކަހަލަ ކަމެއްގެ ގޮތުގައި ދަނުޝް ވަނީ ސިފަކޮށްފައެވެ.

އެވޯޑުތައް އިއުލާން ކުރުމާ ގުޅިގެން ދަނުޝް ސޯޝަލް މީޑިއާގައި ހިއްސާކުރި މެސެޖެއްގައި ބުނެފައިވަނީ މި ޝަރަފުތަކަކީ އޭނާއަށް ވަރަށް މުހިންމު އެވޯޑުތަކެއް ކަމަށެވެ. އެގޮތުން އެކްޓަރެއްގެ ގޮތުގައި މިހާތަނަށް ތިންވަނަ ނޭޝަނަލް އެވޯޑު އޭނާއަށް ލިބިފައިވާއިރު މި އަހަރު ލިބުނު އެވޯޑަކީ ޑައިރެކްޓަރެއްގެ ގޮތުގައި ލިބުނު ފުރަތަމަ ނޭޝަނަލް އެވޯޑެވެ.

comment ކޮމެންޓް