ކަނޑުމަގުން އެތެރެކުރަން އުޅުނު 2.2 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފި

އަތުލައިގަތް މަސްތުވާތަކެތި-- ފޮޓޯ: ކަސްޓަމްސް

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 4.4 މިލިއަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި، މިދިޔަ ހޯމަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް މި ތަކެތީގެ ބަރުދަނުގައި 2.2 ކިލޯ (2231 ގްރާމް) ހުރެއެވެ.

މިއީ ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅެނިކޮށް އަތުލައިގަތް ތަކެއްޗެވެ.

މި ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެތްއެމްފެޓަމީންއަށް ޕޮޒިޓިވްވެފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތުދެއެވެ. އަދި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 4.4 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސްއިން ލަފާކުރެއެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި އިތުރަށް ތަހުގީގުކުރުމަށްޓަކައި މިހާރު ވަނީ ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފައެވެ.

ނަމަވެސް މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކުރި ކަމެއް ރަސްމީ އިދާރާތަކުން ބުނެފައެއް ނުވެއެވެ.

comment ކޮމެންޓް