މީހަކު ސިކުނޑީގެ ވަރަށް ނުރައްކާތެރި އޮޕަރޭޝަނަކުން ސަލާމަތްވެ ފަސޭހަވި ނަމަވެސް ބައެއް ފަހަރަށް އޭނާގެ ކިބައިން އާދަޔާ ޚިލާފު ބަދަލުތަކެއް ފެންނާން ފަށައެވެ.
އާންމު ދިރިއުޅުމަށް އެނބުރި އަންނައިރު، ކުރިން ބަސްމަދު މީހާ ވާހަކަ ދެއްކުން ގިނަވެއެވެ. ކުރީން އުނގެނިފައިނުވާ – އެސްޓްރޮނޮމީ އާއި ނެވިގޭޝަން އަދި ދީނާއި ފިލޯސޮފީ ފަދަ – ދާއިރާތަކާ ގުޅޭ ސުވާލުތައް އުފައްދައި ވާހަކަ ދައްކައެވެ. އާންމު ވިސްނުމަކުން ފުރަތަމަ އަޑުއަހާލާއިރު މިއީ މޮޔަ ވާހަކަތަކެއްހެން ހީވެދާނެއެވެ. އެހެންކަމުން އެއީ "މޮޔަ" ވެފައިވާ މީހެއްކަމަށާއި އޭނާ ދައްކާ ވާހަކަ އަޑުނޭހުމަށް މީހުން ބުނެއެވެ.
ނަމަވެސް ޢިލްމީ ނަޒަރަކުން ބަލާއިރު މިއީ އަޅުގަނޑުމެން ވިސްނުންތެރިވާންޖެހޭ މުހިންމު މައްސަލައެކެވެ.
ސިކުނޑީގެ "ފިލްޓަރު" ބަދަލުވުން
އަޅުގަނޑުމެންގެ އުޅުމާއި ވާހަކަދެއްކުން ކޮންޓްރޯލްކޮށް، ހިތަށްއަރާ ކޮންމެ ޚިޔާލެއް އެއްފަހަރާ ބޭރުނުކުރުމުގައި ސިކުނޑީގެ ކުރިމަތީބަޔާއި ގުޅިފައިވާ ނިއުރަލް ނެޓްވޯކްތަކުން މުހިންމު ރޯލެއް އަދާކުރެއެވެ. ސާދާ ބަހުން މިއީ ސިކުނޑީގެ "ފިލްޓަރު" އެކޭ ކިއިދާނެއެވެ.
އަނިޔާއަކުން ނުވަތަ ދިމާވާ ސިއްހީ ހާލަތަކުން ސިކުނޑީގެ މިފަދަ ކޮންޓްރޯލް ނިޒާމުތަކަށް ބަދަލުއައިސްފިނަމަ، މީހާގެ އުޅުމާއި ވާހަކަދެއްކުން ކޮންޓްރޯލްކުރާ ގޮތް ތަފާތުވެ، އިންދިފާޢީ ނުވަތަ ކޮންޓްރޯލް ކުޑަ ގޮތަކަށް އުޅެވިދާނެއެވެ.
ސިކުނޑީގެ މިފަދަ ކޮންޓްރޯލް ނިޒާމުތަކަށް ބަދަލުއައިސްގެން، މީހާ ކުރިއަށްވުރެ ގިނައިން ވާހަކަދައްކައި، ހިތަށްއަރާ ޚިޔާލުތައް ކުރިއާ ޚިލާފަށް މާބޮޑު ކޮންޓްރޯލަކާނުލައި ބޭރުކުރެވިދާނެއެވެ. އަދި އުޅުމާއި މުޢާމަލާތްކުރާ ގޮތުގައި ވެސް ހަމަ ގެއްލިފައިވާ ބަދަލުތަކެއް ފެނިދާނެއެވެ. ނަމަވެސް، މިފަދަ ބަދަލެއް އެކަނި އެއީ އޭގެ ޒާތުގައި މީހާ "މޮޔަ" ވީ ކަމުގެ ހެއްކެއް ނޫނެވެ.
އެކްވައިޑް ސަވާންޓް ސިންޑްރޯމް އަދި ނިއުރޯޕްލާސްޓިސިޓީ
މި ދާއިރާގައި ދިރާސާވެރިން ފާހަގަކުރާ އެއް ހޯދުމަކީ އެކްވައިޑް ސަވާންޓް ސިންޑްރޯމް (Acquired Savant Syndrome) އެވެ. ސައިކޭޓްރިސްޓް ޑރ. ދާރޯލްޑް ޓްރެފަރޓް (2009) ގެ ދިރާސާގައި ފާހަގަކޮށްފައިވާގޮތުގައި، ސިކުނޑިއަށް ލިބޭ އަނިޔާއަކަށް ނުވަތަ އޮޕަރޭޝަނަކަށްފަހު، މަދުން ނަމަވެސް އާދާޔާޚިލާފު ހުނަރުތަކެއް މީހާގެ ކިބައިން ފެނިދާނެއެވެ.
މިއާ ގުޅިގެން އަންނަ މުހިންމު އަނެއް ކަމަކީ "ނިއުރޯޕްލާސްޓިސިޓީ" (Neuroplasticity) އެވެ. މިއީ އަނިޔާއަކަށްފަހު ސިކުނޑިއަށް ލިބުނު ގެއްލުން ފޫބެއްދުމަށް ޓަކައި، ސިކުނޑީގެ އިންތިޒާމުތަކާއި ނިއުރަލް ނެޓްވޯކްތައް އަމިއްލައަށް އަލުން ތަރުތީބުކުރުމުގެ ޤާބިލުކަމެވެ (ކަލްޑަރޯން އެޓް އަލް، 2024).
މިގޮތަށް ސިކުނޑީގެ ނިއުރަލް ނެޓްވޯކްތަކަށް އަންނަ ބަދަލުތަކާއެކު، ކުރިން ހިފެހެއްޓިފައި ހުންނަ ޚިޔާލުތަކާއި ހަނދާންތައް ބޭރުވެދާނެކަމަށް ބައެއް ދިރާސާވެރީން ދެކެއެވެ. އަދި ދިރިއުޅުމުގެ ތެރޭގައި އެކި ގޮތްގޮތުން ލިބި ސިކުނޑީގައި ރައްކާކުރެވިފައިވާ މަޢުލޫމާތުތައް، ކުރިން ބޭރުނުވާފަދަ ގޮތަކަށް ބޭރުވާން ފެށުމަކީ އެކަށީގެންވާ ކަމެކެވެ (ސްނީޑަރ، 2009). މިއީ ސިކުނޑީގައި ކުއްލިއަކަށް އާ ޢިލްމެއް އުފަންވުމެއް ނޫނެވެ. އަދި މިއީ ކަނޑައެޅިގެން ވަކި ނިއުރޯލޮޖިކަލް ނިޒާމަކުން ސީދާ ހިނގާ ކަމެއްކަން ސައިންސުގެ ދިރާސާތަކުން އަދި ސާބިތުވެފައެއް ނުވެއެވެ.
މޮޔައެކޭ ނުބުނެ، އަޑުއަހައި އެހީތެރިވާށެވެ!
ސިކުނޑީގެ އޮޕަރޭޝަނަކަށްފަހު މީހެއްގެ މިޒާޖު ބަދަލުވެ، ގިނައިން ވާހަކަދައްކަން ފެށުމުން އޭނާއަށް މަލާމާތްކޮށް، މޮޔައެކޭ ބުނެ ބާކީކޮށްލެވޭތަން އާދެއެވެ. މީގެ ސަބަބުން، ޙަޤީޤަތުގައި އިޖުތިމާޢީ އެހީތެރިކަން އެންމެ ބޮޑަށް ބޭނުންވާ ވަގުތު އެމީހާ މުޅީން އެކަނިވެރިވެއެވެ.
އޭގެ ބަދަލުގައި އެމީހުންގެ އަޑުއަހާށެވެ. އެމީހުން ދައްކާ ހުރިހާ ވާހަކައެއް ކޮންމެހެން ޤަބޫލުކުރާކަށް ނުޖެހެއެވެ. ނަމަވެސް، "މި މީހާ މިއުޅެނީ ކީއްވެގެންތޯ؟" ސުވާލުކުރުމުގެ ބަދަލުގައި، "މި މީހާ ޙަޤީޤަތުގައި ބުނެދޭން މިއުޅެނީ ކޮން އެއްޗެއްތޯ؟" ބަލައި ކަނުލައި އަޑުއަހާލުން ރަނގަޅެވެ.
ސިކުނޑި އަލުން ތަރުތީބުވަމުންދާ މަރުޙަލާގައި، އެފަދަ މީހުންނަށް ބޭނުންވަނީ މަލާމާތްކުރުމުން ދުރުވެފައިވާ، އިހުތިރާމާއި ހަމަޖެހުން ލިބެނިވި މާހައުލެކެވެ. ސަމާލުކަމާއެކު އަޑުއަހައި، ނަފްސާނީ ރައްކާތެރިކަން ދިނުމަކީ ސިކުނޑީގެ ދުޅަހެޔޮކަމަށް މުހިންމު ކަމެކެވެ. ހަމަ މިއާއެކު، ސިއްހީ ގޮތުން ދޭންޖެހޭ ފަރުވާތައް ހޯދައިދީ ޑޮކްޓަރީ ބެލުންތައް މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުން ނުހަނު ބޭނުންތެރިއެވެ.
އިސްލާމްދީނުގައި އިންސާނާގެ ބުއްދިއާއި ސިކުނޑިއަކީ މާތްﷲ ދެއްވާފައިވާ ބޮޑު ނިޢުމަތެކެވެ. އަދި އިންސާނާއަށް ލިބިގެންވަނީ ވަރަށް ކުޑަ ޢިލްމެކެވެ. ކީރިތި ޤުރްއާނުގައި ﷲ ވަޙީކުރައްވާފައިވެއެވެ. ﴿وَمَا أُوتِيتُم مِّنَ الْعِلْمِ إِلَّا قَلِيلًا﴾ (އަލް އިސްރާ: 85). މާނައީ: "... އަދި ތިޔަބައިމީހުންނަށް (އެބަހީ: އިންސާނުންނަށް) ޢިލްމުގެ ތެރެއިން ވަރަށްކުޑަ މިންވަރެއް މެނުވީ ދެއްވައިފައެއް ނުވެއެވެ".
ސިކުނޑިއަށް އަންނަ ބަދަލަކުން މީހެއްގެ އުޅުން ތަފާތުވުމުން، އެމީހާއަށް މަލާމާތްކުރުމުގެ ބަދަލުގައި އޯގާތެރިވުމަކީ އިސްލާމީ ރީތި އަޚްލާގެވެ. ކީރިތި ރަސޫލާ ﷺ ޙަދީޘް ކުރައްވާފައިވެއެވެ. ((مَنْ لا يَرْحَمْ الناسَ ، لا يَرْحَمْهُ اللهُ عزَّ وجلَّ)) (ޞަޙީޙު މުސްލިމް، 2319). މާނައީ: "މީސްތަކުންނަށް އޯގާތެރިނުވާ މީހާއަށް މާތްﷲ އޯގާތެރިވެވޮޑިއެއްނުގަންނަވާނެތެވެ".
ހަވާލާ:
Calderone, Andrea, Desirèe Latella, Davide Cardile, Antonio Gangemi, Francesco Corallo, Carmela Rifici, Angelo Quartarone, and Rocco Salvatore Calabrò. “The Role of Neuroinflammation in Shaping Neuroplasticity and Recovery Outcomes Following Traumatic Brain Injury: A Systematic Review.” International Journal of Molecular Sciences 25, no. 21 (2024).
Snyder, Allan. “Explaining and Inducing Savant Skills: Privileged Access to Lower Level, Less-Processed Information.” Philosophical Transactions of the Royal Society B: Biological Sciences 364, no. 1522 (2009): 1399-1405.
Treffert, Darold A. “The Savant Syndrome: An Extraordinary Condition. A Synopsis: Past, Present, Future.” Philosophical Transactions of the Royal Society B: Biological Sciences 364, no. 1522 (2009): 1351–1357.