އައްޑޫގެ ތަރައްގީއަށް ސަރުކާރުގެ އެއްބާރުލުމެއް ނުލިބޭ، ކުރަނީ ޖެއްސުން: މޭޔަރު ނިޒާރު

އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގެ ތެރެއިން މޭޔަރު ނިޒާރު ވާހަކަދައްކަވަނީ.. ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

އައްޑޫ ސިޓީގެ ތަރައްގީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އެއްވެސް އެއްބާރުލުމެއް ދެމުން ނުދާ ކަމަށާއި، އޭގެ ބަދަލުގައި ސަރުކާރުން ކުރަނީ ޖެއްސުން ކަމަށް އެ ސިޓީގެ މޭޔަރު އަލީ ނިޒާރު މިއަދު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ކައުންސިލުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނިޒާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ އައްޑޫ ސިޓީގެ އިހުތިސާސުގެ ތެރޭގައި އޮތް ސަވާހެލި، ފަތުރުވެރިކަމުގެ ބޭނުމަށް ކަމަށް ވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ކައުންސިލްގެ އިހުތިސާސުން ވަކިކުރެއްވި މައްސަލައެވެ.

https://sun.mv/225009

މި މަހުގެ 22 ވަނަ ދުވަހުގެ ރޭ މި ނިންމުން ނިންމާފައިވަނީ، ސަވާހެލި ރިކްރިއޭޝަން ފެސިލިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް މި މަހުގެ 19 ވަނަ ދުވަހު ކައުންސިލުން އިއުލާންކޮށް، ގިނަ ބަޔަކު ބިޑް ޑޮކިއުމަންޓްތައް ވެސް ގަނެފައިވަނިކޮށް ކަމަށް މޭޔަރު ފާހަގަކުރެއްވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުކުރެއްވުމުގެ ތެރެއިން.. ފޮޓޯ/ އައްޑޫ ސިޓީ ކައުންސިލް

މޭޔަރު ވިދާޅުވީ ސަވާހެލި އަކީ އައްޑޫގެ ރައްޔިތުންގެ ބިމެއް ކަމަށާއި، އެއީ އެއްވެސް މީހެއްގެ އަމިއްލަ މިލްކިއްޔާތެއް ނޫން ކަމަށެވެ. އަދި ސަރުކާރުން މިފަދަ ކަންކަން ކުރަނީ އައްޑޫއަށް ނިސްބަތްވާ ބައެއް މަޖިލިސް މެމްބަރުންގެ ވެސް އެދުމުގެ މަތިން ކަމަށާއި، އެއީ އައްޑޫއަށް އެއްވެސް ތަރައްގީއެއް ގެނައުމަށް ބޭނުންނުވާ ބައެއް ކަމަށް ނިޒާރު ތުހުމަތު ކުރެއްވިއެވެ. ސަރުކާރަށް ތިން އަހަރުވާން ދާއިރު އައްޑޫގެ ތަރައްގީއަށް އެއްވެސް ކަމެއް ކޮށްދީފައި ނުވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

https://sun.mv/225087

ސަވާހެލި އިހުތިސާސުން ވަކިކުރި ގޮތާ މެދު ނުރުހުން ފާޅުކުރައްވަމުން މޭޔަރު ވިދާޅުވީ، އެކަން އަންގައި ރައީސް ގަރާރު ނެރުއްވީ "ނިދަން އެނދަށް އަރާ އޮއްވާ" ރޭގަނޑުގެ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ކަންތައް ކުރައްވަން ޖެހޭނީ އެގޮތަށް ނޫން ކަމަށާއި ދައުލަތުގެ ދެ މުއައްސަސާއެއްގެ ދެމެދުގައި މުއާމަލާތްތައް ހިނގަންވާނީ ރަސްމީކޮށް މަޝްވަރާ ކުރެވިގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މި މައްސަލައިގައި ކަންބޮޑުވުން ފާޅުކުރައްވައި މޭޔަރު ވިދާޅުވީ ސަވާހިލި އަކީ އައްޑޫ ރައްޔިތުންގެ ތަނެއް ކަމަށާއި އެތަން ތަރައްގީ ކުރަން އުޅެނީ ރައްޔިތުންގެ ތަރައްގީ އާއި ކުރިއެރުމަށް ކަމަށެވެ. އެހެންވެ އެކަމަށް ސަރުކާރުން ހުރަސް އެޅުމަކީ ސީދާ އައްޑޫ ރައްޔިތުންގެ ތަރައްގީއަށް ހުރަސް އެޅުން ކަމަށް ވިދާޅުވިއެވެ. މޭޔަރު ވިދާޅުވީ ސަވާހިލި ސަރުކާރަށް ނަގައިގެން ތަރައްގީކޮށް ދެވޭނެކަމުގެ އެއްވެސް އުންމީދެއް ނެތް ކަމަށެވެ.

ފޭދު އާއި މަރަދޫފޭދޫގެ މެދަށްވާ ގޮތަށް އޮންނަ ސަވާހެލި ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން ނިންމާފައިވަނީ 2021 ވަނަ އަހަރުގައެވެ.

މޭޔަރު ވަނީ އެ ރަށް ވީހާ ވެސް އަވަހަކަށް އަނބުރާ ކައުންސިލާ ހަވާލުކޮށްދިނުމަށް ސަރުކާރަށް ގޮވާލާފައެވެ.

"އެތަން ކައުންސިލާ ހަވާލުކޮށްފި ނަމަ ރައްޔިތުންނަށްޓަކައި އެތަން ތަރައްގީކޮށްދޭނެކަމުގެ ސަތޭކަ ޕަަަސެންޓް ޔަގީންކަން ވެސް ދެން" ނިޒާރު ވިދާޅުވި އެވެ.

https://sun.mv/225086

ރާއްޖޭގެ އެންމެ ދެކުނުގައި އޮންނަ އައްޑޫގައި ފަތުރުވެރިކަން އެކަށީގެންވާ މިންވަރަކަށް ކުރިނޭރުވޭ ކަމުގެ ކަންބޮޑުވުން ވަރަށް ބޮޑެވެ. އެ އަތޮޅުގައި އޮންނަ ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީކުރުމަށް އެކި ސަރުކާރުތަކުން ވައުދުވި ނަމަވެސް، އެ މަސައްކަތް މިހާތަނަށް އޮތީ ނުނިމިއެވެ.

މިދިޔަ ހަފުތާގައި ރައީސް ވަނީ، ހަންކެޑެ ފަތުރުވެރިކަމަށް ތަރައްގީ ކުރުމަށް "އައްޑޫ ހަންކެޑެ ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް"ގެ ނަމުގައި ސަރުކާރުގެ ކުންފުންޏެއް އުފައްދަވައިފައެވެ.

comment ކޮމެންޓް