ދައުލަތަށް ނުލިބި ހުރި ފައިސާ އިތުރުވެ 14.5 ބިލިއަނަށް، އެންމެ ބޮޑު ބަޔަކީ ޖީއެސްޓީއާއި ރިސޯޓު ކުލި

ޓެކްސް ކޮމިޝަނަރު ފާޠިމަތު އަމީޒާ -- ފޮޓޯ: މީރާ

ދައުލަތަށް ދައްކަންޖެހޭ ޓެކުހާއި ކުއްޔާއި ފީތަކުގެ ގޮތުގައި ނުލިބި ހުރި ފައިސާގެ އަދަދު އިތުރުވެ، 14.5 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.

މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ނެރެފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ މާޗު މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމްލަ އަދަދަކީ 14.46 ބިލިއަން ރުފިޔާއެވެ.

މީރާގެ ތަފާސްހިސާބުތައް ދައްކާގޮތުން ނުލިބިވާ ފައިސާގެ ތެރެއިން އެންމެ ބޮޑު ބަޔެއް ހިއްސާކުރަނީ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެވެ. އެގޮތުން ޓެކުހުގެ ގޮތުގައި ނުލިބި 8.16 ބިލިއަން ރުފިޔާ އޮތްއިރު، މީގެ ތެރޭގައި ޖީޖީއެސްޓީގެ ގޮތުގައި ނުލިބިވާ 3.5 ބިލިއަން ރުފިޔާއާއި، އިންކަމް ޓެކްސްގެ ގޮތުގައި ނުލިބިވާ 2.4 ބިލިއަން ރުފިޔާ އަދި ޓީޖީއެސްޓީގެ ގޮތުގައި ނުލިބިވާ 1.5 ބިލިއަން ރުފިޔާ ހިމެނެއެވެ. މީގެ އިތުރުން އެހެނިހެން ޓެކްސްގެ ގޮތުގައި 697.65 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ.

ޓެކްސް ނޫން އެހެނިހެން އާމްދަނީގެ ގޮތުގައި ދައުލަތަށް ނުލިބި 6.30 ބިލިއަން ރުފިޔާ އޮތްއިރު، މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް ހިއްސާކުރަނީ ޓޫރިޒަމް ރިސޯޓުތަކުގެ ކުލީގެ ގޮތުގައި ދައްކަންޖެހޭ ފައިސާއެވެ. އެގޮތުން ރިސޯޓު ކުލީގެ ގޮތުގައި 5.97 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.

މި ފައިސާ ހޯދުމަށްޓަކައި މީރާއިން އަންނަނީ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން، ފައިސާ ނުދައްކައިގެން މީރާއިން ކުރި މަސައްކަތުން މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކަނިވެސް 984 ފަރާތަކުން 77.69 މިލިއަން ރުފިޔާ ހޯދާފައިވެއެވެ. އަދި އެންފޯސްމަންޓް ފިޔަވަޅުތަކުގެ ތެރެއިން 10,701 ނޯޓިސް ފޮނުވައި، 176 އެކައުންޓެއް ފްރީޒްކޮށްގެން 256.03 މިލިއަން ރުފިޔާ ވަނީ ހޯދާފައެވެ.

މީގެއިތުރުން ފައިސާ ނުދައްކާ ފަރާތްތަކާ ދެކޮޅަށް ސިވިލް ކޯޓުގައި ދައުވާކޮށްގެންނާއި ކޯޓުން ބޭރުގައި ސެޓްލްމަންޓް ހަދައިގެން ފައިސާ ހޯދުމުގެ މަސައްކަތް ވެސް މީރާއިން ދަނީ ކުރަމުންނެވެ.

https://sun.mv/200315

ފާހަގަކޮށްލެވޭ ގޮތުގައި ސަރުކާރަށް ނުލިބިވާ ފައިސާގެ އަދަދު މަދުކުރަން މަސައްކަތްތަކެއް ކުރުމަށް މީރާއިން 2024 ވަނަ އަހަރު ސްޓްރެޓީޖިކް ޕްލޭންގައި ގިނަ ކަންތައްތަކެއް ހިމެނިއެވެ. އެގޮތުން ދައުލަތަށް ނުލިބިވާ ފައިސާގެ އަދަދު އަހަރަކު 15 ޕަސެންޓަށް މަދުކުރުމަށް ޓަކައި، ޓެކްސް ހޯދުމުގެ މަސައްކަތް އަލުން ބައްޓަންކޮށް، އެ ކަމަށް ޚާއްސަ އުކުޅުތަކެއް ބޭނުން ކުރުމަށް ވަނީ ނިންމައިފައެވެ. އަދި ކަމާ ގުޅުންހުރި މިނިސްޓްރީތަކާ ގުޅިގެން, ޓެކްސް ނޫން އެހެނިހެން ގޮތްގޮތުން ދައުލަތަށް ނުލިބިވާ ފައިސާ، އަހަރަކު 10 ޕަސެންޓަށް ކުޑަކުރުމުގެ މަސައްކަތް ކުރަން ވެސް ވަނީ ކަނޑައަޅައިފައެވެ.

އޭރު އެ ޕްލޭންގައި ވަނީ މި އަހަރުގެ ކުރިން މީރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކޮށް، ޓެކްސް ދެއްކުން އިތުރަށް ފަސޭހަކުރުން ހިމަނައިފައެވެ. އަދި 2028 ވަނަ އަހަރުގެ ނިޔަލަށް މީރާގެ އޮންލައިން ޚިދުމަތްތަކުގައި ސެލްފް ސާވިސް ކެޕޭސިޓީ އިތުރުކުރުމަށް ވަނީ އަމާޒު ހިފައިފައެވެ. އަދި މި އަހަރު ނިމޭއިރު އިލެކްޓްރޯނިކް އިންވޮއިސިން ތަންފީޒުކޮށް، އަންނަ އަހަރު ނިމޭއިރު، ބޮޑެތި އަދަދުތަކުން ޓެކްސް ދައްކާ ފަރާތްތަކުގެ 90 ޕަސެންޓު އެ ނިޒާމުގެ ތެރެއަށް ވެއްދުން ވެސް ހިމެނެއެވެ.

މީރާގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ މާޗު މަހުގެ ނިޔަލަށް ދައުލަތަށް ނުލިބި ހުރި ފައިސާގެ އަދަދު ވަނީ 14.5 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މީގެ ތެރޭގައި އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ނުލިބި ހުރި 8.16 ބިލިއަން ރުފިޔާގެ ޓެކުހާއި، ރިސޯޓު ކުލީގެ ގޮތުގައި ނުލިބި އޮތް 5.97 ބިލިއަން ރުފިޔާއެވެ. މި ފައިސާ ހޯދުމަށް މީރާއިން ދަނީ ގާނޫނީ ފިޔަވަޅުތަކެއް އަޅަމުންނެވެ.

  • ޓެކުހުގެ ގޮތުގައި ނުލިބިވާ ފައިސާގެ ތެރޭގައި ޓީޖީއެސްޓީގެ 3.5 ބިލިއަން ރުފިޔާއާއި އިންކަމް ޓެކްސްގެ 2.4 ބިލިއަން ރުފިޔާ ހިމެނެއެވެ.
  • މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އެކައުންޓުތައް ފްރީޒްކޮށްގެންނާއި އެހެނިހެން ފިޔަވަޅުތަކުން 333 މިލިއަނަށްވުރެ ގިނަ ރުފިޔާ ވަނީ ހޯދާފައެވެ.
  • މީރާގެ އަމާޒަކީ ދައުލަތަށް ނުލިބިވާ ޓެކްސް ފައިސާ އަހަރަކު 15 ޕަސެންޓަށް މަދުކުރުމެވެ.
  • ޓެކްސް ނޫން އާމްދަނީގެ ބާކީ ހުރި ފައިސާ އަހަރަކު 10 ޕަސެންޓަށް ކުޑަކުރުމަށް ވަނީ ކަނޑައަޅާފައެވެ.
  • ދައުލަތަށް ނުލިބިވާ ފައިސާގެ ޖުމްލަ 14.46 ބިލިއަން ރުފިޔާއަށް އެރުން.
  • އެންމެ ބޮޑު އާމްދަނީއެއް ނުލިބި އޮތީ ޓީޖީއެސްޓީ އާއި ރިސޯޓު ކުލިން ކަމަށްވުން.
  • ފައިސާ ހޯދުމުގެ އުސޫލުތައް ހަރުދަނާކޮށް، އިލެކްޓްރޯނިކް އިންވޮއިސިން ތަންފީޒުކުރުން.
comment ކޮމެންޓް