އީ-ކޮމާސް މުއާމަލާތްތަކަށް މަހަކަށް 16 މިލިއަން ޑޮލަރު ބީއެމްއެލްއިން ކަނޑައަޅައިފި: ޓީމޫ ހިމެނޭ ކެޓަގަރީއަށް 3 މިލިއަން

މީހަކު ބީއެމްއެލް ކާޑެއް ބޭނުންކުރަނީ: ބީއެމްއެލްއިން އީކޮމާސް މުއާމަލާތްތަކަށް ދޭނީ މަހަކު 16 މިލިއަން ޑޮލަރު -- ފޮޓޯ/ ބީއެމްއެލް

ގައުމީ ބޭންކް، ބީއެމްއެލްއިން އިންޓަނޭޝަނަލް އީ-ކޮމާސް މުއާމަލާތްތަކަށް ރުފިޔާ ކާޑު ބޭނުންކޮށްގެން ކޮންމެ ދުވަހަކަށް ބޭނުން ކުރެވޭނެ ލިމިޓްތަކެއް ކަނޑައަޅައިފައިވާކަން އަނެއްކާ ވެސް އިއުލާންކޮށްފިއެވެ.

އެ ބެންކުން ބުނި ގޮތުގައި މާދަމާ އަމަލުކުރަން ފަށާ އެ ލިމިޓުތަކަކީ، މަހެއްގެ މައްޗަށް ޖުމްލަ 16 މިލިއަން ޑޮލަރާ ހަމައަށް ކެޓަގަރީތަކަކަށް ބަހާލައިގެން ފޯރުކޮށްދޭނެ ޑޮލަރެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި، ބޭންކުން މިހާރު ވެސް ކަސްޓަމަރުންގެ ބޭރު ފައިސާގެ ބޭނުންތަކަށް، ރުފިޔާ ކާޑުން ރާއްޖޭން ބޭރުގައި ކުރާ މުއާމަލާތްތަކާއި، އީ-ކޮމާސް، ސިއްޙީ، ތައުލީމީ، ދަތުރުފަތުރު އަދި ޓީޓީ ހިމެނޭހެން، މަހަކު އެވްރެޖްކޮށް 81.6 މިލިއަން ޑޮލަރު ފޯރުކޮށްދެމުންދެއެވެ. އެއީ މި އަހަރުގެ މިހާތަނަށް ޖުމްލަ 653 މިލިއަން ޑޮލަރުކަން ބެންކުން ފާހަގަކުރެއެވެ.

ބީއެމްއެލްއިން ހާމަކުރި ގޮތުގައި އީ-ކޮމާސް މުޢާމަލާތްތަކަށް އަލަށް ކަނޑައެޅުނު ލިމިޓްތަކަކީ ބޭންކުގެ ލިކުއިޑިޓީ މެނޭޖްކުރުމަށް އެޅީ ފިޔަވަޅެކެވެ. އަދި މިއީ ބޭންކުން ކަސްޓަމަރުންނަށް ޑޮލަރު ފޯރުކޮށްދެމުން އަންނަ ނިސްބަތަށް އައި އުނިކަމެއް ނޫން ކަމަށް ބީއެމްއެލްއިން ބުނެއެވެ.

ބީއެމްއެލްއިން ބުނި ގޮތުގައި ރުފިޔާ ކާޑު މެދުވެރިކޮށް 40,000 އަށްވުރެ ގިނަ އިންޓަނޭޝަނަލް އީ-ކޮމާސް ޕްލެޓްފޯމްތަކުން މިހާރު ވިޔަފާރިކުރެވެއެވެ. މި އަހަރުގެ ތެރޭގައި މިފަދަ މުޢާމަލާތްތަކުގެ ޢަދަދު ދުވާލަކު އެވްރެޖްކޮށް 20,000 އަށްވުރެ މައްޗަށް އިތުރުވެފައިވާކަން ބެންކުން ފާހަގަކުރިއެވެ.

މީހަކު ބީއެމްއެލް ކާޑެއް ބޭނުންކުރަނީ: ބީއެމްއެލްއިން އީކޮމާސް މުއާމަލާތްތަކަށް ދޭނީ މަހަކު 16 މިލިއަން ޑޮލަރު -- ފޮޓޯ/ ބީއެމްއެލް

އެ މުޢާމަލާތްތައް ސެޓްލްކުރުމަށް ބޭނުންވާ ޑޮލަރުގެ ޑިމާންޑް، ބޭންކަށް ލިބެންހުރި ޑޮލަރަށްވުރެ ވަރަށް ބޮޑަށް އިތުރުވެފައިވާކަން ބީއެމްއެލްއިން ތަކުރާރުކޮށް ބުނެފައިވެއެވެ. އަދި އޭގެ ސަބަބުން ޑޮލަރުން ދޭންޖެހޭ އެހެނިހެން މުހިންމު ޚިދުމަތްތަކަށް، ޚާއްސަކޮށް ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވުމުގައި މިހާރު ލަސްތަކެއް ކުރިމަތިވެ، ކަސްޓަމަރުންގެ ޝަކުވާތައް ވެސް ވަނީ އިތުރުވެފައި ކަމަށް ބެންކުން ބުންޏެވެ.

އެހެންވެ، އެ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށާއި މުހިންމު ބޭނުންތަކަށް އިސްކަންދިނުމުގެ ގޮތުން، އީ-ކޮމާސް ވިޔަފާރިތަކަށް ކޮންމެ ދުވަހަކަށް އަދި ކެޓަގަރީއަށް ބިނާކޮށް ލިމިޓްތަކެއް ކަނޑައެޅީ ކަމަށް ބެންކުން ބުންޏެވެ. އެ ލިމިޓްތައް ބޭންކުން ދޭތެރެދޭތެރެއިން މުރާޖައާ ކުރަމުންދާނެކަން ބީއެމްއެލްއިން ފާހަގަކުރެއެވެ.

އީ-ކޮމާސް މުޢާމަލާތްތަކަށް މަހަކަށް 16 މިލިއަން ޑޮލަރު ކަނޑައެޅިފައިވާ ގޮތް:

  • އެންމެ ގިނައިން ބޭނުންކުރާ 150 ޕްލެޓްފޯމް (މިސާލަކަށް: ޓީމޫ، އަލީބާބާ، އެޕަލް، އެމޭޒަން): ތިން މިލިއަން ޑޮލަރު، ގާތްގަނޑަކަށް ދުވާލަކު 100,000 ޑޮލަރު [މީގެ ތެރޭގައި ތަޢުލީމީ، ޞިއްހީ، ދަތުރުފަތުރު އަދި އެހެނިހެން ޒަރޫރީ ޚިދުމަތްތަކެއް ނުހިމެނޭ]
  • ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް (ފޭސްބުކް، ޓިކްޓޮކް، އިންސްޓަގްރާމް ހިމެނޭހެން): 1.5 މިލިއަން ޑޮލަރު، ގާތްގަނޑަކަށް ދުވާލަކު 50,000 ޑޮލަރު
  • ދަތުރުފަތުރާއި ހުރުން (ފްލައިޓް ޓިކެޓާއި ހޮޓެލް ބުކިންގް): ހަ މިލިއަން ޑޮލަރު، ގާތްގަނޑަކަށް ދުވާލަކު 200,000 ޑޮލަރު
  • އެހެން މީހުންގެ ބަދަލުގައި ބުކިންގް ހެދުން ހުއްޓުވުމަށާއި، ޒާތީ ދަތުރުތަކަށް ފުރުޞަތު ދިނުމަށް ކޮންމެ ކަސްޓަމަރަކަށް ތިން މަހުން ތިން މުޢާމަލާތް ވަނީ ކަނޑައަޅާފަ
  • މުހިންމު ސަބްސްކްރިޕްޝަންތަކާއި އެހެނިހެން ޒަރޫރީ ޚިދުމަތްތައް: 3 މިލިއަން ޑޮލަރު، ގާތްގަނޑަކަށް ދުވާލަކު 100,000 ޑޮލަރު، ކަސްޓަމަރުންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ޚިދުމަތްތައް ހިމެނޭ
  • އެހެނިހެން ހުރިހާ ވިޔަފާރިތައް (އިތުރު އީ-ކޮމާސް މުޢާމަލާތްތައް): 1.8 މިލިއަން ޑޮލަރު، ގާތްގަނޑަކަށް ދުވާލަކު 60,000 ޑޮލަރު، މުހިންމު ނޫން ނުވަތަ އިޚްތިޔާރީ ޚަރަދުތައް މެނޭޖްކުރުމަށް ކަނޑައެޅިފައިވާ މިންވަރެއް

ބީއެމްއެލްއިން ބުނި ގޮތުގައި ޞިއްޙީ އަދި ތަޢުލީމީ ޚަރަދުތަކަށް މާޗަންޓް ނުވަތަ ކެޓަގަރީ ލިމިޓެއް ނޯންނާނެއެވެ. އެ ޚިދުމަތްތަކަށް މެދުނުކެނޑި ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށްޓަކައި، އެހެނިހެން ކެޓަގަރީތަކުގެ ބޭރުން ވަކި ބަޖެޓެއް ބޭންކުން ދަމަހައްޓާނެ ކަމަށް ބީއެމްއެލްއިން ފާހަގަކުރެެއެވެ.

މީގެ އިތުރުން، ކޮންމެ ދުވަހެއްގެ ވެސް ކެޓަގަރީ ލިމިޓްތައް ހެނދުނު 7:00 ގައި އައު ވާނެކަން ބީއެމްއެލްއިން ހާމަކުރިއެވެ. ވަކި ދުވަހެއްގައި ކެޓަގަރީ ނުވަތަ މާޗަންޓް ލިމިޓް ހަމަވެއްޖެނަމަ، ކަސްޓަމަރުންނަށް ދެ ގޮތަކުން އެއް ގޮތެއް އިޚްތިޔާރު ކުރެވޭނެއެވެ. އެއީ ޖެހިގެން އަންނަ ދުވަހު އަލުން މުޢާމަލާތް ކުރުމަށް މަސައްކަތްކުރުން ނުވަތަ ޑޮލަރު ކާޑެއް އޮތްނަމަ، އެ ކާޑު ބޭނުންކުރުން ކަމަށް ބީއެމްއެލްއިން ބުންޏެވެ.

https://sun.mv/224133

ޓީމޫ ފަދަ ވެބްސައިޓްތަކުން ޓްރާންސެކްޝަންތައް ހެދޭނެ ވަކި އަދަދެއް ކަނޑައަޅަން ނިންމައި، އެކަން ބީއެމްއެލްއިން ފުރަތަމަ އިއުލާނުކުރީ މިދިޔަ މެއި މަހެވެ. އޭރު ވެސް ބެންކުން ވަނީ އޭގެ ސަބަބަކީ ލިބޭ މިންވަރަށްވުރެ އިތުރަށް ޑޮލަރު ވިއްކަން ޖެހުން ކަމަށް ބުނެފައެވެ.

އޭގެ ފަހުން ބީއެމްއެލްއިން އެ ބެންކުގައި ޑޮލަރު އިންވެސްޓްކުރުމަށް ފުރުސަތު ހުޅުވާލައި، އެ އިންވެސްޓްމެންޓްތަކުގެ ސަބަބުން ޓީމޫ ފަދަ ސައިޓްތަކަށް ލިމިޓު އިތުރުކުރެވިފައިވާ ކަމަށް ވެސް މިދިޔަ ޖުލައި މަހުގެ ތެރޭގައި ބުނެފައިވެއެވެ.

comment ކޮމެންޓް