ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރިން ކަމަށްވާ ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޯލީގެ އެންމެ ހަގު އަންހެން ދަރިފުޅު، އޭނާގެ ނަމުގެ ފަހަތުން "ޕިޓް" އުނިކުރުމަށް ގާނޫނީ ގޮތުން ކޯޓަށް ހުށަހަޅައިފިއެވެ.
މިއީ ވޭތުވެދިޔަ ދެ އަހަރު ދުވަހުގެ ތެރޭގައި މި ދެމަފިރިންގެ ކުދިންގެ ތެރެއިން މިފަދަ ނިންމުމެއް ނިންމި ހަތަރުވަނަ ކުއްޖާއެވެ. އުމުރުން 18 އަހަރު ފުރުނުތާ ހަފުތާއެއް ފަހުން، ވިވިއަން މާޝެލިން ޖޯލީ-ޕިޓް ވަނީ ލޮސް އެންޖެލިސް ކައުންޓީ ސުޕީރިއާ ކޯޓަށް މި މައްސަލަ ހުށަހަޅާފައެވެ. މި މައްސަލައިގެ އަޑުއެހުމެއް މި އަހަރުގެ ނޮވެމްބަރު މަހުގެ ފުރަތަމަ ހަފްތާގެތެރޭ ބޭއްވުމަށް މިހާރު ވަނީ ތާވަލުކުރެވިފައެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި، ކޯޓަށް ހުށަހެޅި ލިޔެކިޔުންތަކުގައި ނަން ބަދަލުކުރަން ބޭނުންވާ ސަބަބެއް ކަމަށް ބަޔާންކޮށްފައިވަނީ "އަމިއްލަ ސަބަބެއް" މިގޮތަށެވެ.
މި ދެމަފިރިންގެ ފުރަތަމަ 'ބައޮލޮޖިކަލް' ދަރިފުޅު ކަމަށްވާ ޝައިލޯއަކީ މިގޮތަށް ނަން ބަދަލުކުރުމުގެ ހުއްދަ ރަސްމީކޮށް ލިބުނު ފުރަތަމަ ކުއްޖާއެވެ. މީގެ ދެ އަހަރު ކުރިން އޭނާގެ 18 ވަނަ އުފަންދުވަހާ ގުޅިގެން ނަން ބަދަލުކުރުމުގެ ހުއްދަ ލިބިފައިވާއިރު، މިހާރު އޭނާ ރަސްމީކޮށް ބޭނުންކުރާ ނަމަކީ "ޝައިލޯ ޖޯލީ"އެވެ.

އެންޖެލީނާ އޭނާގެ ބައެއް ކުދިންނާ އެކު--ފޮޓޯ/ޕީޕަލް
ވިވިއަންގެ މި ނިންމުން އައިސްފައި ވަނީ، މި މަހުގެ ކުރީކޮޅު މެޑޮކްސް (24 އަހަރު) އާއި ޒަހާރާ (21 އަހަރު) ވެސް އެމީހުންގެ ނަމުން ބައްޕަ ޕިޓްގެ ނަން އުނިކުރުމަށް ނޫސްތަކުގައި އިއުލާންކުރި ފަހުންނެވެ. ކެލިފޯނިއާގެ ގާނޫނު ބުނާ ގޮތުން ނަން ބަދަލުކުރަން ބޭނުންވާނަމަ އެކަން އާންމުކޮށް އިއުލާން ކުރަންޖެހެއެވެ. އެގޮތުން މެޑޮކްސް އާއި ޒަހާރާ ވެސް ވަނީ މިދިޔަ މަހުގެ ތެރޭގައި ކޮންމެ ހަފުތާއަކު ހަތަރު ފަހަރު މިކަން އިއުލާން ކޮށްފައެވެ.
އެ އިއުލާނުގައި ބުނެފައިވަނީ، ނަން ބަދަލުކުރުމާ މެދު އެއްވެސް މީހެއްގެ އިއުތިރާޒެއް އޮތް ނަމަ، މި އަހަރުގެ ސެޕްޓެމްބަރު މަހު ބާއްވާ ފަހު އަޑުއެހުމުގެ ކުރިން އެކަން ލިޔުމުން ހުށަހަޅަންޖެހޭނެ ކަމަށެވެ. އެއްވެސް އިއުތިރާޒެއް ނުލިބިއްޖެނަމަ، ގާޒީ އެ ނިންމުން ނިންމަވާނެއެވެ.
މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ހޯދުމަށް 'ދަ އިންޑިޕެންޑެންޓް' ނޫހުން ޕިޓް، ޖޯލީ އަދި ކެލިފޯނިއާގެ ސުޕީރިއާ ކޯޓާ ގުޅުމަށް ވަނީ މަސައްކަތް ކޮށްފައެވެ.
ޒަހާރާ މާލީ ޖޯލީ-ޕިޓް އާއި މެޑޮކްސް ޗިވަން ޖޯލީ-ޕިޓް ނަން ބަދަލުކުރުމުގެ ލިޔެކިޔުންތައް މި އަހަރުގެ އޭޕްރީލް މަހު ހުށަހަޅާފައިވާއިރު، އޭގެ ހަފުތާތަކެއް ފަހުން ޒަހާރާގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އޭނާގެ ނަން ކިޔާފައިވަނީ "ޒަހާރާ މާލީ ޖޯލީ"ގެ ގޮތުގައެވެ.
ޒަހާރާ، ޕިޓްގެ ނަން ބޭނުންކުރުން ހުއްޓާލާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެންނެވެ. އޭނާ ކިޔަވާ ޔުނިވަސިޓީގެ ހަރަކާތެއްގައި އަމިއްލަ ތައާރަފެއް ދިންއިރު ވެސް ބޭނުންކޮށްފައިވަނީ "ޒަހާރާ މާލީ ޖޯލީ" މި ނަމެވެ. ހަމައެއާއެކު، އެންޖެލީނާ ޖޯލީގެ ފިލްމު "ކޯޓޫރް"ގައި އެސިސްޓަންޓް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތްކުރި މެޑޮކްސް ވެސް ފިލްމުގެ ކްރެޑިޓްސްގައި ބޭނުންކޮށްފައިވަނީ "މެޑޮކްސް ޖޯލީ" މި ނަމެވެ.
ވަރަށް ލޯބިން އުޅުނު ދެމަފިރިން ކަމަށްވާ ބްރެޑް އާއި ޕިޓްގެ 10 އަހަރުވީ ކައިވެނި ނިމުމަކަށް ގެނައިކަން 2016 ވަނަ އަހަރު އިއުލާނުކުރިނަމަވެސް ވަރީގެ ކަންކަން ޤާނޫނީ ގޮތުން ނިމުނީ 2024 ވަނަ އަހަރުއެވެ.
ބްރެޑް ޕިޓް އާއި އެންޖެލީނާ ޖޯލީ ވަކިވި ހިސާބުން، ޕިޓް އާއި އޭނާގެ ހަ ކުދިންގެ ތެރެއިން ގިނަ ކުދިންނާ ދެމެދު އޮތް ގުޅުން ވަނީ ވަރަށް ބޮޑަށް ގޯސްވެ، އެކުދިންނާ އެއްވެސް ވަރަކަށް ގުޅުމެއް ނެތް ފަދަ ހާލަތަކަށް ގޮސްފައެވެ.
އާއިލާގެ މެދުގައި އަށް އަހަރަށް ދެމިގެންދިޔަ ގާނޫނީ މައްސަލަތައް ވަރީގެ އެއްބަސްވުމަކުން ނިމުމަކަށް އައިސްފައިވާއިރު، ކުދިން ބޮޑުވަމުން އަންނަ ވަރަކަށް އެކުދިން އަންނަނީ "ޕިޓް"ގެ ނަމާ ދުރުވުމަށް އަމިއްލައަށް އިސްނަގައިގެން ނިންމާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ.