ބެލުންތެރިންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ލިބުނު ފިލްމުތައް ކަމަށްވާ "ގޮޑްޒިލާ ވާސަސް ކޮންގް" އަދި "ގޮޑްޒިލާ އެކްސް ކޮންގް: ދަ ނިއު އެމްޕަޔާ"އިން މަޝްހޫރުވި ޒުވާން ބަތަލާ ކޭލީ ހޮޓްލްސް ކާރު އެކްސިޑެންޓެއްގައި މަރުވެއްޖެއެވެ.
މި ފިލްމުތަކުގައި 'ޖިއާ'ގެ ކެރެކްޓާއިން ބެލުންތެރިންގެ ލޯބި ހޯދި އުމުރުން 18 އަހަރުގެ ބަތަލާ މަރުވި ނުރައްކާތެރި އެކްސިޑެންޓް ހިނގާފައި ވަނީ އިއްޔެގެ ވަގުތެއްގައެވެ.
ކޭލީ ހޮޓްލްސް މަރުވި ޚަބަރު ސޯޝަލް މީޑިއާގައި ހިއްސާކުރަމުން އޭނާގެ ބައްޕަ ޖޯޝުއާ ބުނީ، ހަޔާތުގައި ދަތުރުކުރަން އެއްގޮތަކަށްވެސް ބޭނުންނުވި ދަތުރަކަށް އޭނާ ތައްޔާރުވަމުންދާ ކަމަށެވެ.
ހޮލީވުޑްގެ ޚަބަރުތައް ގެނެސްދޭ ދަ ގާޑިއަންއިން މި ހާދިސާއާ ގުޅިގެން ނެރުނު ރިޕޯޓުގައި ބުނި ގޮތުގައި، ކޭލީ މަރުވި އެކްސިޑެންޓް ހިނގާފައި ވަނީ އެމެރިކާގެ މެރީލޭންޑްގެ ފްރެޑްރިކް ކައުންޓީގައެވެ. ކޭލީ ދަތުރުކުރި ކާރުގައި ތިން މީހުން ތިބިއިރު އެ އެކްސިޑެންޓް ހިނގަން މެދުވެރިވި މައިގަނޑު ސަބަބަކީ ބާރު ސްޕީޑުގައި ދުއްވަނިކޮށް ކާރު ކޮންޓްރޯލުން ނައްޓައިގެން ދިއުން ކަމަށް ފުލުހުންނާ ހަވާލާދީ ދަ ގާޑިއަންގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ބަތަލާ ކޭލީ ހޮޓްލްސް އޭނާގެ މައިންބަފައިންނާ އެކު--ފޮޓޯ/ދަގާޑިއަން
އެކްސިޑެންޓްވި ކާރު ދުއްވަންއިން 19 އަހަރުގެ ޒުވާނާގެ އިތުރުން ދެން އެ ކާރުގައި އިން އަނެއް މީހާއަށް ވެސް މާ ސީރިއަސް އަނިޔާތަކެއް ނުލިބޭ ކަމަށް ދަ ގާޑިއަންގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ.
ކޭލީ މަރުވެފައި ވަނީ އެކްސިޑެންޓަށް ފަހު އެއާ އެމްބިއުލަންސްގައި ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ހިތް ހުއްޓިގެން ކަމަށާއި ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޭނާ މަރުވެފައިވާ ކަމަށް ފުލުހުންނާ ހަވާލާދީ ރިޕޯޓުތަކުން ބުނެފައިވެއެވެ.
އަޑުއިވުމުން މަހުރޫމުވެފައިވާ ކޭލީގެ މަރާ ގުޅިގެން އޭނާ ކިޔަވަމުންދިޔަ އެމެރިކާގެ 'ޓެކްސަސް ސްކޫލް ފޯ ދަ ޑެފް'އިން ވަނީ ތައުޒިއްޔާގެ ބަޔާނެއް ވެސް ނެރެފައެވެ.
މީގެ އިތުރުން ކޭލީއާ އެކު "ގޮޑްޒިލާ"ގައި މަސައްކަތްކުރި ވަރަށް ގިނަ ފަންނާނުން ވަނީ އޭނާގެ ކުއްލި ވަކިވެދިއުމަކީ ލިބުނު ޝޮކެއް ކަމަށް ބުނެ ބަތަލާގެ ހަނދާންތައް އާކޮށް ސޯޝަލް މީޑިއާގައި ހިތާމަފާޅުކޮށްފައެވެ.